ނޭޝަނަލް ސެންޓާ ފޯ ކާޑިއޯވަސްކިއުލާ ސައިންސަސް (އެންސިސީއެސް) ގެ އެއްބާރުލުމާ އެކު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ކާޑިއަކް އިމްޕްލާންޓެބަލް އިލެކްޓްރޯނިކް ޑިވައިސް (ސީއައިއީޑީ) ފޮލޯއަޕް ކްލިނިކެއް ހުޅުވައިފި އެވެ.
އައިޖީއެމްއެޗުން ބުނީ އެ ކްލިނިކް އައްޑޫގައި ހުޅުވުމަކީ ހިތުގެ ފަރުވާގެ ހިދުމަތްތައް އެ ސަރަހައްދުގައި ފުޅާކުރުމަށް އެޅި މުހިއްމު ފިޔަވަޅެއް ކަމަށެވެ.
އެތަނުގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން އެންސީސީއެސް އިން ހޮސްޕިޓަލަށް ޒިޔާރާތް ކޮށްފައިވާއިރު އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ޓީމާ އެކު، ހަ ކޮރޮނަރީ އެންޖިއޯގްރާމް އަދި ދެ ކޮރޮނަރީ އެންޖިއޯޕްލާސްޓީ ހަދާފައިވެ އެވެ. ފުވައްމުލަކުގެ ތިން ޕޭޝަންޓުން ހިމެނޭ ގޮތަށް ހަތް މީހުންނަށް ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
އައިޖީއެމްއެޗުން ބުނި ގޮތުގައި އެ ހިދުމަތްތަކުގެ ސަބަބުން ރާއްޖޭގެ ދެކުނުގެ ސަރަަހައްދުގެ ބަލިމީހުން ފަރުވާއަށް މާލެއަށް ދަތުރުކުރަންޖެހޭ ޖެހުން ނިމުމަކަށް އަންނާނެ އެވެ. އަދި ބަލި މީހުންގެ ބަލި ފަސޭހައިން ދެނެގަނެ، ފަރުވާގެ ކަންކަން އަވަސްކުރުމާއި ދިގު މުއްދަތެއްގައި ފޮލޯއަޕްގެ ކަންކަން ވެސް ކުރިއަށް ގެންދިއުމުގެ އިންތިޒާމު ފަސޭހަވާނެ ކަމަށް ބުންޏެވެ.
އައިޖީއެމްއެޗުން ބުނީ އެކަން ގުޅިފައި ވަނީ ގައުމީ ކާޑިއޯވަސްކިއުލާ ކެއާ ނެޓްވޯކެއް ތަރައްގީ ކުރުމަށް ހިއްސާކުރާ ވައުދާ ކަމަށެވެ.