އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ގާއިމްކުރި ކެތު ލެބު، އައިޖީއެމްއެޗާ ގުޅިގެން ހިންގަން އެންމެ ފަހުން ނިންމައިފި އެވެ.
ހިތަދޫގައި ހުންނަ އިކުއަޓޯރިއަލް ހޮސްޕިޓަލުން ފުރަތަމަ މަސައްކަތްކުރީ ކެތު ލެބު ހިންގުން އައުޓުސޯސް ކޮށްގެން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހިދުމަތް ފަށާށެވެ.
އެތަން ހިންގައިދޭނެ ބަޔަކު ހޯދަން މިދިޔަ އަހަރުގެ ޖޫން މަހު އިއުލާން ކުރިއިރު، ރާއްޖެ އާއި ބޭރުގެ ހަތް ފަރާތަކުން ކުރިމަތިލި އެވެ. ނަމަވެސް، ފައިނަލް ޕްރޮޕޯޒަލް ހުށަހަޅަން ދިން މުއްދަތުގައި އެ ލިޔުންތައް ނުލިބުމުން އެ ފުރުސަތު ވަނީ ކެންސަލް ވެފަ އެވެ.
އެހެންވެ، އާ މޮޑެލްއަކަށް އައްޑޫ ކެތު ލެބް ހިންގުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ސީއީއޯ ޑރ. އިބްރާހިމް ޔާސިރު މިދިޔަ މަހު ވިދާޅުވި އެވެ.
އެކަމަކު، މިހާރު ވަނީ އެ ލެބު އަންނަ ބުދަ ދުވަހު ހުޅުވައި، އައިޖީއެމްއެޗާ ގުޅިގެން ހިންގަން ނިންމައިފަ އެވެ.
ލެބުގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ހަލީމް ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗްގައި ހުންނަ ކެތު ލެބު ވެސް މިހާރު ހިންގަނީ އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ދިވެހި ޑޮކްޓަރުންނެވެ. ހިތުގެ ބަލިތަކުގެ ފަސް ވަރަކަށް ޑޮކްޓަރުން އައިޖީއެމްއެޗުގައި އެބަތިއްބެވެ.
އައްޑޫގައި ކެތުލެބު ގާއިމްކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޮކްޓޯބަރު، 2023 ގަ އެވެ. އޭގެ ފަހުން އެ ތަން ބޭނުންކުރަން ފަށަން ތައްޔާރުވަނީ ދޮޅު އަހަރު ފަހުންނެވެ.
ޔާސިރު ކުރިން ވިދާޅުވީ ކެތުލެބުން ހިތުގެ ބަލިތަކަށް އެންޖިއޯގްރަފީ، އިންވޭސިވް އަދި ނޮން އިންވޭސިވް ޕްރޮސީޖާތައް ހެދޭނެ ކަމަށެވެ. އޭރުން ހިތުގެ މައްސަލަތަކަށް ފަރުވާ ހޯދުމަށް މާލެ ފޮނުވައިލަން ޖެހޭ މީހުން ވަރަށް މަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.