އައިޖީއެމްއެޗުން ހިދުމަތް ހޯދާ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ ކަމަށާއި އެ ނަމްބަރުތަކަށް ބަލާއިރު ހޮސްޕިޓަލާ މެދު އާންމުންގެ އިތުބާރު ބޮޑުވެފައިވާ ކަމަށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވެއްޖެ އެވެ.

އޭނާ "މިހާރު"އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ސަރުކާރުގެ މައި ހޮސްޕިޓަލާ މެދު އާއްމުންގެ އިތުބާރު ބޮޑުވަމުންދާކަން އެނގޭ އެއް ސަބަބަކީ އެ ތަނަށް ލިބޭ ރިކުއެސްޓުތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވާތީ ކަމަށެވެ.

އޭގެ މިސާލެއްގެ ގޮތުން ހަލީމް ނެންގެވީ ސާޖަރީތަކާއި ނާރާއި ހިތުގެ ބަލި އަދި ކުޑަކުދިންގެ ފަރުވާ އަދި ހޮސްޕިޓަލުގައި ވިހާ މީހުންގެ އަދަދު އިތުރުވަމުން ދިއުމެވެ. 

"ކުޑަކުދިންގެ އީއާރުގައި އަބަދު ވެސް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް ހުންނާނެ. އެތަނަށް އަންނަ ކުދިން ވެސް ފުދޭ ވަރަކަށް ގިނަ އެކި ބަލިތަކުގައި. އަނެއްކާ އަތޮޅުތަކުން އަންނަ ބޭފުޅުން، އަޅުގަނޑަށް ހަމަ ޔަގީނުން ވެސް ވަކިން ވެސް ބޭފުޅުން ގުޅުއްވާފައި އެޕޮއިންޓްމަންޓު އަވަސްކުރުމަށާއި އެޕޮއިންޓްމަންޓު ނުލިބިގެން އުޅޭ ވާހަކައާ އެއްޗެހި އާދޭ. އޭގެ މާނައަކީ ޑިމާންޑު ދުވަހެއް ދުވަހަކަށް އެބަ އިތުރުވެއޭ. އޭގެ މާނައަކީ ދެވޭ ފަރުވާއާ މެދު ރައްޔިތުންގެ އިތުބާރު އެބައޮތޭ،" މިދިޔަ އާދިއްތަ ދުވަހު ދެއްވި އިންޓަވިއުގައި ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑިމާންޑާ އެއްވަރަށް، ހޮސްޕިޓަލުން ދޭ ފަރުވާއާ މެދު އެއްވެސް ސުވާލެއް ނެތެވެ. 

"ހަމަ ޝައްކެއް ނެތް މިންވަރަށް ގަބޫލުކުރަން ހޮސްޕިޓަލުން ދޭ ސިއްހީ ފަރުވާ އައިޖީއެމްއެޗް/ދަރުމަވަންތަ ހޮސްޕިޓަލުގައި އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން މި ދޭ ފަރުވާއާ މެދު އެންމެ ފުރިހަމަ އަދި ރާއްޖެއިން ދެވޭ އެންމެ ރަނގަޅު ފަރުވާ ދެވޭނެއޭ މި ތަނުން، ދެވޭނެ ތަނަކީ މިއީއޭ." ސީއީއޯ ވިދާޅުވި އެވެ.