ބޮޑު އާބާދީއެއް ޖަމާވަމުން އައި ހުޅުމާލެ ހޮސްޕިޓަލަށް 21 އަހަރު ވި އިރު އެތަން އޮތީ "އައިސީޔޫއަށް" ލާން ޖެހޭ ހާލަތުގަ އެވެ. އެހާ ގިނަ ބަޔަކަށް އެކަށީގެންވާ ފަރުވާ ދެވޭނެ ގޮތެއް ނުހޯދަ އެވެ. ހިދުމަތް ހޯދާ އާއްމުންނެކޭ އެއްގޮތަށް މިކަމަކީ އޭނާ ވެސް ވަރަށް ކަންބޮޑުވެވަޑައިގެންނެވި މައްސަލައެކެވެ. 

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހީމް ހަލީމް މަގާމާ ހަވާލުވެވަޑައިގަތީ ހުޅުމާލެ ހޮސްޕިޓަލަށް ވެސް އަވަސް ފަރުވާއެއް ހޯދަން ޖެހިފައި އޮތް ކަން އެނގިވަޑައިގެން ހުންނަވަ އެވެ. މުޅި ރާއްޖޭގެ އާބާދީ ހިދުމަތް ހޯދާ އައިޖީއެމްއެޗުގެ ޒަމާންވީ ޝަކުވާތަކާއި ކަންބޮޑުވުންތަކުގެ ތެރެއަށް ވެންނެވި އިރު، ރަނގަޅު ކުރަން ހުރި މައްސަލަތައް ބައިވަރެވެ.

ވޭތުވެދިޔަ ދެ އަހަރު އެންމެ ބޮޑު އިސްކަމަކަށް ވީ ހަލީމް ވިދާޅުވި ގޮތުގައި، ބަލި މީހުންނަށް ތަސައްލީއެއް ނުލިބި ހުރި ގިނަ ކަންކަމަށް ހައްލެއް ހޯދައިދޭން ފެށުމެވެ. ވޭތުވެދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގައި ހޯދުނު ކުރިއެރުމާ ދޭތެރޭގައި އޭނާއަށް ލިބިވަޑައިގަންނަވާ ހިތްހަމަޖެހުން ބޮޑެވެ.  

މިދިޔަ އާދިއްތަ ދުވަހު "މިހާރު"އަށް ދެއްވި އިންޓަވިއުގައި ހަލީމް ވިދާޅުވީ، އާއްމުންގެ ދިރިއުޅުމަށް ހެޔޮ އަދި ބޮޑެތި ބަދަލުތަކެއް ގެނެވޭނެ ހިދުމަތްތަކެއް ފަށާފައިވާ ކަމަށެވެ. އޭގެ ތެރެއިން، މިދިޔަ އަހަރުގެ ޖުލައި މަހު މާލޭގައި ހުޅުވި އައިނު ފިހާރައަކީ ގިނަ ބަޔަކަށް ތަސައްލީއެއް ލިބުނު ހިދުމަތެއްކަން އޭނާ ފާހަގަކުރެއްވި އެވެ. 

ހުޅުމާލެ ހޮސްޕިޓަލަށް ވެސް މިދިޔަ މުއްދަތުގައި ވަރަށް ގިނަ ކަންކަން ކޮށްދީފައިވާ ކަމަށާއި އޭގެ ބަދަލުތައް ފެންނަން ފަށާފައިވުމަކީ، ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތް އަންނަނީ ވަރަށް ބޮޑު ތަނުން ރަނގަޅުވަމުން ކަމަށެވެ. އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ނަންގަވަނީ، އައިޖީއެމްއެޗުން ބަލި މީހާ އަށް ލިބޭނީ އެންމެ ކޮލިޓީ ފަރުވާ ކަމުގެ ކަށަވަރުކަން އޮތުމެވެ. 

"ޑިމާންޑު ދުވަހެއް ދުވަހަކަށް އެބަ އިތުރުވެއޭ. އޭގެ މާނައަކީ ދެވޭ ފަރުވާއާ މެދު ރައްޔިތުންގެ އިތުބާރު އެބައޮތޭ. ޝައްކެއް ނެތް މިންވަރަށް ގަބޫލުކުރަން ހޮސްޕިޓަލުން ދޭ ސިއްހީ ފަރުވާ އައިޖީއެމްއެޗް/ދަރުމަވަންތަ ހޮސްޕިޓަލުގައި އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން މި ދޭ ފަރުވާއާ މެދު އެންމެ ފުރިހަމަ އަދި ރާއްޖެއިން ދެވޭ އެންމެ ރަނގަޅު ފަރުވާ ދެވޭނެއޭ މި ތަނުން." 

އެ ދެތަނުން މިހާރު ދެމުން އަންނަ ހިދުމަތްތައް ފުޅާކޮށް، ފެންވަރު ރަނގަޅު އާ ހިދުމަތްތައް ބަލި މީހުންނަށް ލިބޭނެ އިންތިޒާމް ވެސް އަންނަނީ ހަމަޖައްސަވަމުންނެވެ.

މިސާލެއްގެ ގޮތުން ދެއްކެވީ، ކެންސަރު ބަލީގެ މީހުން ރޭޑިއޭޝަނަށް ބޭރަށް ދާން ނުޖެހި އައިޖީއެމްޗުގައި ފަރުވާ ދެވޭނެ ގޮތް ހަދަން ކުރާ މަސައްކަތެވެ. ބޭރުގެ ހޮސްޕިޓަލްތަކަށް ބަލި މީހާ ފޮނުވަން ޖެހޭ އެފަދަ ގިނަ ހިދުމަތްތަކެއް ނިމުމަކަށް ގެނައުމުގެ ޕްލޭން އަންނަނީ ތަންފީޒު ކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ. 

މި ބަލާލަނީ ދޮޅު ގަޑިއިރުގެ މި އިންޓަވިއުގެ މުހިއްމު ސުވާލުތަކާއި އޭގ ޖަވާބެވެ.

ބަލާލެވިފައި އެބަހުރިތޯ އެއްވެސް ވަރަކަށް، މި ސަރުކާރަށް މިހާރު ދެ އަހަރާއި ބައި މި ވީ. މި ދެ އަހަރާއި ބައިގެ ކުރިން އައިޖީއެމްއެޗުން ނުލިބިގެން ކިހާ ހިދުމަތްތަކެއްގައިތޯ ބޭރަށް މި ފޮނުވަނީ އަދި މިހާރުގެ ހާލަތަކީ ކޮބާތޯ؟

ޖަވާބު: ރެފާ ކުރުމުގައި އަޅުގަނޑުމެން ވިސްނާނީ ހަމައެކަނި ރާއްޖެއިން ބޭރަކަށް ނޫން، އައިޖީއެމްއެޗުން އެހެން ހޮސްޕިޓަލްތަކަށް ވެސް ރެފަ ކުރުން ތާ. ވަރަށް ގިނަ ޕޭޝަންޓުން ހުންނާނެ ނިއުރޯ ސާޖަރީ ކަންތަކުގައި. އަޅުގަނޑު ހަވާލުވިއިރު ވެސް ނިއުރޯ ސާޖަންއެއް ހުންނަވާ. މިކޮޅުގައި ވެސް ވަރަށް ބައިވަރު ކުރޭ އެކަމަކު ވެސް ވަރަށް ގިނަ ބޭފުޅުން ރެފަކުރައްވާ. ހަމަ އެގޮތަށް ގޭސްޓްރޯއެންޓްރޮލޮޖީގެ ހިދުމަތްތަކަށް ބޭރަށް ރެފަކުރަމުން ގެންދޭ. ލޮލުގެ ހިދުމަތްތަކަށް އެބަ ރެފަ ކުރެވެމުން ދޭ. ކުޑަކުދިންގެ ވަރަށް ކްރިޓިކަލް ހާލަތްތަކުގައި އެބަ ރެފަ ކުރެވެމުން ގެންދެވޭ.

ހަމައެއާއެކު، ހުޅުމާލެ ހޮސްޕިޓަލުގައި މި ދެންނެވި ހެން އެންއައިސީޔޫއެއް ނެތީމަ އެކޮޅުގައި ހަމަ ހުރިހާ ޕްރިމެޗުއާ ޑެލިވަރީއަށް އައިސްފިއްޔާ ހުރިހާ ކުދިން ވެސް ރެފަކުރާނެ އައިޖީއެމްއެޗް ނޫނީ އަމިއްލަ އެހެން ހޮސްޕިޓަލަކަށް. އައިސީޔޫއެއް ނެތް އެތާކު. އައިސީޔޫއެއް [ކުރިން] ނެތީމަ ހާލު ދެރަ މީހުން، އިމަޖެންސީގައި ގެނެސްގެން ލާން ޖެހުނަސް ހަމަ ވަގުތުން އެހެން ތަނަކަށް އެބަ ރެފަ ކުރެވޭ. އަދި ކްރޮނިކް މައްސަލަތަކުގައި ހާލު ބޮޑުވާ މީހުން ވެސް އައިސީޔޫއަކަށް ލާން ޖެހިއްޖެއްޔާ ޖެހެނީ އައިޖީއެމްއެޗް ނޫނީ އަމިއްލަ އެހެން ހޮސްޕިޓަލަށް ނޫނީ ރާއްޖެއިން ބޭރަށް ރެފަކުރަން.

ހަމަ އެގޮތަށް ސާޖަރީތައް ވެސް. ހުޅުމާލެ އެހާ އާބާދީ ބޮޑުއިރު ވެސް އެންމެ އޮޕަރޭޝަން ތިއޭޓަރެއް ހުންނަނީ. މީހަކު ވިހަން ވިއަސް އެތަނަށް، އެކްސިޑެންޓެއް ވެގެން ސާޖަރީ ހަދަން ވިއަސް އެތަނަށް. ޖެނެރަލް ސާޖަރީ ހަދަން ވިއަސް އެތަނަށް. އެކަމަކު، މިހާރު ހަތަރު ސާޖިކަލް ރޫމް ހުންނާނެ. އޮޕަރޭޓިން ރޫމް ހުންނާނެ. މާނައަކީ ސާޖިކަލް ކޮމްޕްލެކްސެއް ގޮތަށް...

މިއީ ކުރީގައި ނެތް، ރެފަކުރަން އެތަން ތަނުން ޖެހޭ އެކަމަކު މިހާރު ރެފަކުރަން ނުޖެހި ހިދުމަތް ދެވޭ ތަންތަން.

އައިޖީއެމްއެޗްގެ އިމަޖެންސީ ސަރަހައްދު.-- ފޮޓޯ: ފަޔާޒު މޫސާ/ މިޙާރު
އައިޖީއެމްއެޗްގެ އިމަޖެންސީ ސަރަހައްދު.-- ފޮޓޯ: ފަޔާޒު މޫސާ/ މިޙާރު

ހުޅުމާލެ ހޮސްޕިޓަލުގައި އަޅުގަނޑުމެން މި ފަހުން މި ފެށީ ޔޫރޮލޮޖީ، ނިއުރޮލޮޖީ، ގޭސްޓްރޯއެންޓްރޮލޮޖީގެ ސާވިސް، މި ހިދުމަތްތަކަކީ މީގެ ކުރިން ހުޅުމާލެ ހޮސްޕިޓަލަށް އަންނަ ކޮންމެ މީހަކު ރެފަކުރާނީ.

އަޅުގަނޑުމެން މިހާރު ގިނައިން ރެފަކުރަން ޖެހިފައި ހުންނާނީ އަޅުގަނޑުމެންގެ ޖާގައިގެ ދަތިކަން ދިމާވެގެން...މިގޮތަށް ރެފަކުރަން ޖެހިދާނެ ރާއްޖޭގައި ލިބެން ހުރި ފަރުވާއެއްގައި ކޮމްޕްލެކްސިޓީ އެއް އައިސްފިއްޔާ ހަމަ ޑޮކްޓަރުގެ ލަފާގެ މަތިން އެ ބޭފުޅަކު ރެފަކުރަންޖެހިދާނެ. އެކަމަކު، ރެފަރަލްތައް ވަރަށް ވަރަށް ބޮޑު ތަން މަދުވާނެ.

ރާއްޖޭގެ ސިއްހީ ދާއިރާއަށް އަންނަ ކުރިއެރުންތައް ވަޒަންކުރާ އެއް ތަނަކީ އައިޖީއެމްއެޗް. އެއާއެކު، އައިޖީއެމްއެޗުން ހިދުމަތްތައް ހޯދުމުގައި ލަސްތަކެއް ދިމާވުމާއި މިކަހަލަ ކަންބޮޑުވުންތައް ދޭތެރެދޭތެރެއިން ސޯޝަލް މީޑިއާއިން އެބަ ފެނޭ. ކޮބާތޯ އެކަންތައް ހައްލުކުރުމުގައި މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ؟

ޖަވާބު: ބައެއް ފަހަރު ބައެއް ހިދުމަތްތައް ހޯދުމުގައި ލަސްތަކެއް ދިމާވާ މައްސަލަ އާދޭ އަޅުގަނޑުމެންނަށް ސޯޝަލް މީޑިއާއިން ބައެއް ފަހަރު. އަދި ބައެއް ފަހަރު ޕޭޝަންޓުންގެ ފަރާތުން ޑައިރެކްޓްލީ ގުޅުއްވާފައި ވެސް އެ ޝަކުވާތައް އާދޭ. އެކަމަކު، އަޅުގަނޑު ދަންނަވާނީ ކުރިއަށްވުރެ މަދޭ. ދެ ވަނަ ކަމަކީ، އަޅުގަނޑުމެން ހިދުމަތް ފޯރުކޮށްދޭއިރު އެކި ދުވަސްވަރު އަންނަ ޓްރެފިކް ވެސް އެބަ ތަފާތުވޭ. މިސާލަކަށް،އަޅުގަނޑުމެންނަށް ޝަކުވާ އަންނަ އެއް އޭރިޔާ އެއީ ލޭ ނަގަން އަންނަ ބޭފުޅުން ލަސްވާ މައްސަލަ އެ ތަނުގައި ގިނައިރު މަޑުކުރަން ތިބުން. ފާސްޓިންގައި ވަޑައިގަންނަވާ ބޭފުޅުން ވެސް. 

މީގައި ވެސް ސްކޫލު ބަންދެއް ނޫނީ މި ކަހަލަ ދުވަސްވަރެއް ދިމާވެއްޖިއްޔާ ލޯޑު ބޮޑުވޭ. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން މި ހޮސްޕިޓަލުގައި ހިދުމަތް ފޯރުކޮށްދެނީ ހަމައެކަނި މި ހޮސްޕިޓަލުން ހިދުމަތް ހޯއްދަވާ ބޭފުޅުންނަށް އެކަންޏެއް ނޫން.. ހެނދުނު ވަކި ގަޑިއެއްގައި ފާސްޓިންގައި ހުރެފައި މި ވަޑައިގަންނަވަނީ. އޭގައި ވެސް ހުރޭ މެކޭނިޒަމްތައް ހެދިފައި ދުވަސްވީ މީހުންނާއި އަޅުގަނޑުމެންނާ ކޮމިއުނިކޭޓު ކުރެއްވީމަ އެކަންތައްތައް ފެސިލިޓޭޓް ކުރެވޭނެ ޕާތުވޭސްތައް އެބަހުރި. މިހާރު އެބަ މަސައްކަތްކުރަން ލޭ ނަގާ ސަރަހައްދު ގްރައުންޑަށް ބަދަލުކުރަން.

މީގައި އަޅުގަނޑުމެން ގަބޫލުކުރަނީ ރައްޔިތުންގެ ފަރާތުން މި އަންނަ ޝަކުވާއަކީ ޕޮޒިޓިވްކޮށް އަޅުގަނޑުމެން ނަގާ އެއްޗެކޭ. ޕޮޒިޓިވްކޮށް ނަގަނީ ހަގީގަތުގައި ހޮސްޕިޓަލަކަށް، ހޮސްޕިޓަލް ރީތިވެގެން ބަލާކަށް އެއްވެސް ބޭފުޅަކު ވަޑައިނުގަންނަވާނެ. އެ ބޭފުޅަކު ވަޑައިގަންނަވަނީ ކޮންމެ ވެސް ކަމެއް ވާތީ، އުނދަގުލެއް ވާތީ ފެމިލީ ނޫނީ އެ ބޭފުޅަކަށް ސިއްހީ އުނދަގޫތަކެއް ހުރީމަ އެކަމަށް ފަރުވާ ހޯދަން. ދެން ވަޑައިގަންނަވާއިރު އެ ބޭފުޅުންގެ ކޮންސާންސްތައް ރެއިޒްކުރީމަ އަޅުގަނޑުމެން އެއަށް އެޑްރެސްކުރަން. އަޅުގަނޑުމެން ހަމަ ދުވަހުން ދުވަހަށް އެ ކަންކަމަށް ހައްލު ހޯދޭތޯ މަސައްކަތްކުރަން. އެއީ އަޅުގަނޑުމެން މަރުހަބާ ކިޔާ ކަމެއް...އަޅުގަނޑުމެންގެ ފަރާތުން ރަނގަޅުކުރަން ޖެހޭ ވަރަށް ބައިވަރު ކަންކަން ހުރި ކަމަށް ގަބޫލު ވެސް ކުރަން. ކޮމިއުނިކޭޝަނާއި މި ކަހަލަ ގިނަ ކަންކަން އަޅުގަނޑުމެން ވެސް އިސްލާހުކުރަންޖެހޭ ނޫނީ އެއް ދުވަހުން އަނެއް ދުވަހަށް އިމްޕްރޫވްކުރަންޖެހޭ ކަން ވެސް ގަބޫލުކުރަން.

ގަބޫލުކުރަންވާނެ ކަންނޭނގެ ސަރުކާރުގެ މައި ހޮސްޕިޓަލް މިއީ، އެއްވެސް ވަރަކަށް ކޮމްޕެއާ ކޮށްގެން ނުވާނެ ޕަބްލިކް ހޮސްޕިޓަލަކާއި ބޭރު ގައުމުތަކުގެ ޕްރައިވެޓް ހޮސްޕިޓަލްތަކުގައި ވާ ގޮތަކަށް. އަޅުގަނޑަށް ޔަގީންކަމާއެކު ދަންނަވަން ކެރޭނީ އަޅުގަނޑުމެން ސިއްހީ ފަރުވާ ހަމަ އެންމެ ކޮލެޓީ ފަރުވާއޭ އަޅުގަނޑުމެން މި ތަނުން ދެނީ. އެކަމަކު، ބޭސްޑު އޮފް ނަމްބަރު އޮފް ޕޭޝަންޓްސް އަދި ހިދުމަތް ހޯދާއިރު އޯޕީޑީގައި މަޑުކޮށްލަން ޖެހޭ ވަގުތު އިތުރުވެދާނެ ކަންނޭނގެ މިހާ ބޮޑު ޕޭޝަންޓު ލޯޑު އޮންނަ ތަނަކާއި ޕްރައިވެޓް ހޮސްޕިޓަލްތަކާ ކޮމްޕެއާކުރާއިރު. އެކަމަކު، ޕޭޝަންޓަކު އިމަޖެންސީވެގެން އައިސްފިއްޔާ އަޅުގަނޑަށް ހިއެއް ނުވޭ އެއްވެސް ބޭފުޅަކު އެމަޖެންސީ/ޓްރޯމާގައި މަޑުކުރުވާނެހެން ފަރުވާ ނުދީ. 

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ހަލީމް، މިދިޔަ އާދިއްތަ ދުވަހު "މިހާރު"އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ހަލީމް، މިދިޔަ އާދިއްތަ ދުވަހު "މިހާރު"އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މި ފަހުން ސޯޝަލް މީޑިއާއިން ފެނުނު ޑޮކްޓަރަށް ދައްކަން އޯޕީޑީގައި 3-4 ގަޑިއިރު މަޑުކޮށްގެން ތިބިއިރު ވެސް ނަމްބަރު ބަދަލުނުވެ ލަސްވިކަމުގެ ޝަކުވާތައް. ހޮސްޕިޓަލުގައި އަދިވެސް މުވައްޒަފުން މަދީތޯ؟

ޖަވާބު: އެ ޝަކުވާ އައީމަ އަޅުގަނޑު އެ ކޭސް ބެލިން. ބެލިއިރު ވާ ގޮތަކީ، އީއާރުގައި މި އިންނަނީ ގްރީން ޒޯނާއި ޔެލޯ ޒޯނަކާއި ރެޑް ޒޯނެއް. ރެޑް ޒޯނަކީ ހާޓު އެޓޭކު ނޫނީ ސްޓްރޯކު ނޫނީ އެ ކަހަލަ ބޮޑު އިމަޖެންސީއެއް ޖެހިގެން އަންނަ މީހުން ވައްދާ ޒޯން. ޔެލޯ ޒޯން އިންނަނީ އީއާރު ތެރޭގައި. ގްރީން ޒޯން އިންނަނީ ބޭރުގައި މަޑުކޮށްގެން ކޮންސަލްޓުކުރަން. އެތެރޭގައި ހިނގާ ކަންކަން ވަކިވަކި ފަރުދުންނަށް ސާފުނުވެދާނެ. އެކަމަކު، މި ހޮސްޕިޓަލްގައި އެކި ހާލަތްތައް އެބަ ދިމާވޭ. ވަރަށް ކްރިޓިކަލް ކޮންޑިޝަނަށް ޕޭޝަންޓު ވެއްޓޭ ހާލަތްތައް. އިމަޖެންސީ އީއާރަށް ވެސް ގެނެސްފައި ހުރެދާނެ. ނޫނީ މި ކަހަލަ ހާލަތެއް ދިމާވެދާނެ ވޯޑުގައި އެޑްމިޓުކޮށްފައި އޮތް ޕޭޝަންޓަކަށް ވެސް. މިތަނުގައި މިހާރު ކޯޑު ބްލޫ ސިސްޓަމް ވެސް ތައާރަފްކޮށްގެން މި އުޅެނީ. އީއާރު ތެރޭގައި ވެސް ވަރަށް ހާލު ދެރަ، އެންމެ ބޭފުޅަކު އެއްފަހަރާ ނޫނީ ވަކި ތަރުތީބަކުން ނޫން އިމަޖެންސީއެއް ދިމާވާނީ މީހަކަށް. ހާޓް އެޓޭކެއް ޖެހިގެން، ސްޓްރޯކެއް ޖެހިގެން މީހަކު ގެނެސްފާނެ. ހަމަ އެ ވަގުތު ބޮޑު އެކްސިޑެންޓެއް ވެގެން ވެސް މީހަކު ގެނެސްފާނެ. ވެދާނެ ކަމެއް އަންދާޒާއެއް ނުކުރެވޭ ކޮން ގަޑިއެއްގައި ކާކުކަމެއް އަންނާނީ. މި ކަހަލަ ހާލަތެއް ދިމާވެއްޖިއްޔާ އެއްކަލަ ގްރީން ޒޯންގައި ތިއްބަވާ ޑޮކްޓަރުން ވެސް ވަގުތުން އެޓެންޑުވާނެ އެ ކަމަށް. 

ގްރީން ޒޯންގެ ރޫމްތަކުގައި ތިއްބަވަނީ ހަގީގަތުގައި ސްޓޭބަލް ޕޭޝަންޓުން. މީހެއްގެ ފުރާނަ ސަލާމަތްކުރުން މާ މުހިއްމު ވަގުތު ކޮޅެއް ނަގައިގެން ވެސް އަސްލު. އެ ދުވަހު، އެ ގަޑިއާ ދިމާވީ އެ ކަހަލަ ހާލަތެއް ދިމާވި ވަގުތާ. އެކަމަކު، ރައްޔިތު މީހާ ކޮޓަރިތައް ބަލާއިރު ހުންނާނީ ހުސްކޮށްތާ. އެކަމަކު، ގިނަ ފަހަރަށް އޯޕީޑީގައި މަޑުކޮށްގެން ތިބޭ ގިނަ ފަހަރު ހަމަ ރޫމްތަކުން ހިދުމަތް ފޯރުކޮށްދޭނެ. ބައެއް ފަހަރު ރޫމްތަކުން 1-2 ބޭފުޅަކު ނުހުރެދާނެ. އެއީ ވެސް ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ލިބެންޖެހޭ ބްރޭކު ނަންގަވާނެ. އެކަމަކު، އަޅުގަނޑުމެން ބަލަން ޕީކް ވަގުތުތަކުގައި ހުރިހާ ބޭފުޅުން ހަމަކުރެވޭތޯ އަދި އެހެން ދިމާލަކުން ބޭފުޅަކު ގެނެސްގެން ވިއަސް އެ ތަނުގައި ގާއިމްކުރެވޭތޯ. އެހެންވެ، ސާފުކޮށްދޭން ބޭނުންވޭ ބައެއް ފަހަރު ގްރީންޒޯނުގައި ޑޮކްޓަރުން މަދުވާ ސަބަބު.

ައައިޖީއެމްއެޗްގައި މި އަހަރު އިތުރަށް ތައާރަފްކުރަން ރާވާފައިވާ ހިދުމަތްތަކަކީ ކޮބާތޯ؟

ޖަވާބު: މި އަހަރު ގިނަ ކަންކަން އެބަހުރި ޕްލޭންކޮށްފައި. ބައިވަރު ކަންކަން ފެށިފައި އަދި ޕްލޭންގައި ވެސް އެބަހުރި. ފުރަތަމަ ކަމަކަށް، މި އަހަރު ކައިލޮތޮރެސިކް ސާޖަރީ (ފުއްޕާމެއާ ގުޅޭ) ހިދުމަތް ފަށަން ތައްޔާރުވަމުންދަނީ. ލޮލުގެ ފަރުވާ ކުރިއަށް ވުރެ އިތުރަށް ފުޅާކޮށްގެން ވަރަށް އަވަހަށް އަޅުގަނޑުމެން މި މަހުގެ ތެރޭގައި ފަށާނަން ލޮލުގެ ސާޖަރީތަކާއި މި ކަންކަން އިތުރަށް ހަރުދަނާކޮށްގެން. އޭގެ އިތުރަށް އަޅުގަނޑުމެންގެ ޓީމާ ގުޅިވަޑައިގެންފައިވަނީ އިންޓަވެންޝަނަލް ރޭޑިއޮލޮޖިސްޓެއް ވެސް. އެހެންވީމަ، އެ ހިދުމަތް ވެސް ފުޅާކުރެވިގެން އެބަދޭ. ނިއުރޯ ސާޖަރީ ވެސް އިތުރަށް ފުޅާވެގެންދާނެ މި އަހަރުގެ ތެރޭގައި. ނިއުރޯ ނެވިގޭޝަނަލް ސިސްޓަމެއް މިކޮޅަށް ގެނެސް އިންސްޓޯލްކުރުމުގެ މަސައްކަތް ފެށިއްޖެ. އެއީ ނާރުގެ ސާޖަރީތައް ހަދާއިރު ސީދާ އެ ޕޮއިންޓު ދެނެގަނެ، އިތުރު އެހެން ގެއްލުމެއް ނުލިބި ޕޭޝަންޓުންނަށް ހިދުމަތް ފޯރުކޮށްދެވޭނެ ނިޒާމެއް. 

އައިޖީއެމްއެޗްގެ އެމްއާރުއައި ސެންޓަރު.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އައިޖީއެމްއެޗްގެ އެމްއާރުއައި ސެންޓަރު.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޮބޮޓެކް ސާޖަރީ ތައާރަފްކުރަން ފަށާފައި މިހާރު ޓެންޑާ ސްޓޭޖުގައި އޮތީ. ޓާގެޓަކީ މި އަހަރުގެ ތެރޭގައި ރޮބޮޓިކް ހިދުމަތް ވެސް ފެށުން. މި ހޯދަނީ މަލްޓީ-ޕޯޓަލް ރޮބޮޓިކް ސިސްޓަމެއް. އެއީ ތަފާތު ހަ ދާއިރާއެއްގެ ސާޖަރީތައް ހެދޭ ވަރުގެ ރޮބޮޓެއް. ރޮބޮޓިކް ސާޖަރީގެ އެޑްވެންޓޭޖުތައް ވަރަށް ގިނަ. ރައްޔިތުންނަށް މި ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ފަހިވެގެންދާނެ. މިއީ، ނޯމަލްކޮށް މި ހަދާ ސާޖަރީތަކަށް ވުރެ މަސައްކަތްކުޑަވޭ. ތްރީޑީކޮށް ޑޮކްޓަރަށް ފެންނާނެ. ޓޫސެވެންޓީ ޑިގްރީގައި ފެންނާނެ، ސާޖަރީ ތެރޭގައި ގުނަވަންތަކަށް ގެއްލުންވާ ވަރު ކުޑަކުރެވިގެންދޭ. މިނިމަލީ އިންވޭސިވް ސާޖަރީއަކަށް ބަދަލުވެގެންދޭ. އެހެންވެ، ޕޭޝަންޓު އަވަހަށް ހީލްވުމާއި ބަލިން ފަސޭހަވުން އަވަސްވުމާއި ހޮސްޕިޓަލް ސްޓޭ ކުޑަވުމާއި، ހޮސްޕިޓަލް ސްޓޭ ކުޑަވީމަ ހޮސްޕިޓަލް ތެރެއިން ޖެހޭ އިންފެކްޝަންތަކުން ސަލާމަތްވުމާއި، މި ހުރިހާ ބެނެފިޓްސްތަކެއް ބަލިމީހާއަށް ލިބޭ. 

ޕައިލެޓް ޕްރޮޖެކްޓެއް ގޮތަށް މިހާރު އެބަ ކުރިއަށްގެންދަން ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި ޑިސްޗާޖުކުރާ ޕޭޝަންޓުން ދެ ވަނަ ފަހަރަށް އަނެއްކާ ރީ-އެޑްމިޝަނަށް އައުން ހުއްޓުވުމަށްޓަކައި ޑިސްޗާޖުކުރާ ޕޭޝަންޓުންގެ ގެއަށް އަޅުގަނޑުމެންގެ ޓީމެއް ވަޑައިގެންފައި އެ ބޭފުޅުންނަށް ބޭސްކާންދޭންޖެހޭ ގޮތާއި ބޭސްއަޅަންޖެހޭނެ ގޮތް އަދި ކޮންސަލްޓަންތަކާ އެއްޗެހި އެ މީހުންނަށް ދީ ފެމިލީތައް ވެސް އަހުލުވެރިކޮށް، ފަރުވާގައި ބައިވެރިކުރުމުގެ ޕައިލެޓު ޕްރޮޖެކްޓެއް މިހާރު ފަށައިގެން ކުރިއަށްގެންދަން. އުއްމީދަކީ މި އަހަރުގެ ތެރޭގައި ރަސްމީކޮށް އެކަން ފެށުން.

ކެންސަރާއި ކިޑްނީގެ ބަލިތަކަކީ އެންމެ ގިނަ މީހުން ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ދާންޖެހޭ ބަލިތައް. އެ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ދީ، އެކަންކަމަށް މީހުން ބޭރަށް ފޮނުވުން ހުއްޓުވަން ކުރަނީ ކޮން މަސައްކަތެއްތޯ؟

ޖަވާބު: ކެންސަރު ހޮސްޕިޓަލް އަޅަން މިހާރު ވަނީ ފައިނޭންސް ހަމަޖެހިފައި. އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާނަން. ކެންސަރު ހޮސްޕިޓަލް ނިންމާފައި މި އޮތީ ހުޅުމާލެ ފޭސް 2 ގައި މި ހަދާ 500 އެނދުގެ އެއް ބަޔަކީ ކެންސަރަށް ހާއްސަ. އެ ހޮސްޕިޓަލްގެ އަނެއް ބައި މި ވިސްނަނީ ވިމެން އެންޑް ޗައިލްޑު ހެލްތުގެ ކަންކަމަށް ހާއްސަ ފަރުވާއަށް. އޭގެ އިތުރުން، އެ ބިމުގައި ހަދާނެ ޑައިގްނޯސްޓިކް ސެންޓާ ފޯ އޮންކޮލޮޖީ ސާވިސް(ޑީކޯސް). އެ ތަނަކީ ކެންސަރުގެ ފަރުވާއަށް ދޭންޖެހޭ ޕެޓް ސްކޭނާއި ފަރުވާއަށް ބޭނުންވާ ރޭޑިއޭޝަން ތެރަޕީއާ މި ހިދުމަތްތައް ފޯރުކޮށްދޭ ތަން. ހޮސްޕިޓަލް ގާއިމްކޮށް ނުނިމެނީސް މި ތަން [ޑީކޯސް] އިރާދަކުރެއްވިއްޔާ ރައީސްގެ ވައުދުފުޅާ އެއްގޮތަށް މި ދައުރުގެ ތެރޭގައި ހިދުމަތް ދެވޭވަރު ކުރާނަން. މި ތަން ހެދުނީމަ، ރާއްޖެއިން ބޭރަށް މިހާރު މި ފޮނުވަނީނޫންތޯ ރޭޑިއޭޝަނަށް. އޭރަށް މި ހިދުމަތް އިރާދަކުރެއްވިއްޔާ މި ގައުމުގައި ދެވޭނެ. 

[އޯގަން ޓްރާންސްޕްލާންޓު] ގާނޫނު ފާސްވުމުން ޓްރާންސްޕްލާންޓަށް ތައްޔާރުވަން އެބަ މި ހޮސްޕިޓަލުގައި. ޑޮކްޓަރުންގެ ޓީމުން ވަރަށް ބޮޑަށް މަސައްކަތްކުރައްވާ. ގާނޫނު ރައީސް ތަސްދީގުކުރައްވާފައި އޮތީ. އެކަމަކު، ގާނޫނުގެ ދަށުން ހަދަންޖެހޭ ވަކި ގަވައިދުތަކެއް އެބަހުރި. އެ ގަވައިދުތައް ހެދިގެން ނޫނީ މިކަމެއް ނުފެށޭނެ. އަޅުގަނޑުމެން މި ބަލަނީ [ގަވައިދު ހެދުމުގެ]މުއްދަތުގެ ތެރޭގައި މި ތަނުގައި ކުރަންޖެހޭ ބައެއް ކަންކަން އެބަހުރި އިންފްރަސްޓްރަކްޗާ ގޮތުން. މާނައަކީ، އޯގަން އެއް ޓްރާންސްޕްލާންޓުކުރާއިރު ޕޭޝަންޓާއި ޑޯނާއާ ދެ ބޭފުޅުން ވެސް އެބަ ޖެހޭ ސަލާމަތުން، އިންފެކްޝަސް ކޮންޓްރޯލާއި އަދި އިންޓަނޭޝަނަލް ސްޓެންޑާޑުގެ ތެރެއިން މިކަންކަން ގެންދެވޭނެ ޕާތުވޭސްތަކެއް ގާއިމްކުރަން ޖެހޭ. އެކަމަށް އަޅުގަނޑުމެންގެ ޓީމުން ޓެކްނިކަލް ލެވެލްއެއްގައި މަސައްކަތްތަކެއް އެބަކުރޭ.

އައިޖީއެމްއެޗްގައި މީހަކު ޑައިލިސިސް ހަދަނީ. ރާއްޖޭގައި ކިޑްނީ ޓްރާންސްޕްލާންޓު ހެދުމަށް މަގުފަހިވާ ގޮތަށް ގުނަވަން ބަދަލުކުރުމުގެ ގާނޫނު ވަނީ ތަސްދީގުކޮށްފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އައިޖީއެމްއެޗްގައި މީހަކު ޑައިލިސިސް ހަދަނީ. ރާއްޖޭގައި ކިޑްނީ ޓްރާންސްޕްލާންޓު ހެދުމަށް މަގުފަހިވާ ގޮތަށް ގުނަވަން ބަދަލުކުރުމުގެ ގާނޫނު ވަނީ ތަސްދީގުކޮށްފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާލެއާ އެއްވަރަށް ހުޅުމާލޭގެ އާބާދީ ވެސް ބޮޑުވެއްޖެ. ހިދުމަތްތައް ފުޅާކުރަން ޕްލޭނަކީ ކޮބާތޯ؟

ޖަވާބު: ޕޭޝަންޓު ލޯޑަށް ބަލާއިރު މާލެއަށް ވުރެ އަސްލު ހުޅުމާލެ ހޮސްޕިޓަލްގެ ލޯޑު ހީވަނީ ނިސްބަތުން އިތުރުވާނެހެން ޖެނެރަލް އޯޕީޑީއަށް ދައްކާ ބޭފުޅުންނަށް ބަލާއިރު. މި ފަހުން ހުޅުމާލެ ހޮސްޕިޓަލަށް ގެނައި އިތުރު ޑިވެލޮޕްމަންޓެއް އެއީ، އިމަޖެންސީ ރޫމް ވެސް ބޮޑުކޮށްފައި ކުރިން ހަތް އެނދުގެ އީއާރު 14 އެނދުގެ އީއާރަށް ބަދަލުކޮށްފައި. އެކަމަކު، ހަގީގަތުގައި ހުޅުމާލެ ހޮސްޕިޓަލްގައި އަޅުގަނޑުމެން ބޭނުންވާ ވަރަށް ރައްޔިތުންނަށް އެ ފެންވަރުގައި ހިދުމަތް ދިނުމަށް ގޮންޖެހުންތައް އެބަހުރި. ހުޅުމާލެ ހޮސްޕިޓަލުގައި ބޭނުންވާ ވަރަށް ބެޑު ކެޕޭސިޓީ ނެތް. އިތުރު އިމާރާތެއް ނެތި އަޅުގަނޑުމެންނަށް ބެޑު އިތުރެއް ނުކުރެވޭ. މިހާރު ވެސް ތިން ވަނަ ފްލޯގައި އެ ހަދާ 28 އެނދުގެ ވޯޑުން ކޮންމެ ވެސް ވަރެއްގެ އިމްޕްރޫވްމަންޓެއް އަންނާނެ. އެކަމަކު ވެސް އަޅުގަނޑުމެންނަށް ހުޅުމާލޭގައި ދިރިއުޅޭ އާބާދީއާ އެއްކޮށް ކޭޓާ ކުރެވޭ ވަރުގެ ކެޕޭސިޓީއެއް އެވަރުން ވެސް އަދި ނުހުންނާނެ. 

އަޅުގަނޑު ދަންނަވާނީ މި ސަރުކާރުންނޭ ހުޅުމާލޭގައި ދިރިއުޅޭ އާބާދީއަށް ރަނގަޅު ސިއްހީ ފަރުވާ ހޯދޭނެ ގޮތްތަކެއް ފަހިކޮށްދޭން މަސައްކަތް މި ކުރެއްވީ. ކެރިހުރެ މިހެން ދަންނަވަން ޖެހޭ ސަބަބަކީ، ހުޅުމާލޭގައި މީހުން އާބާދުވީކީ މިއަދަކު ނޫން. ކޮންމެ ސަރުކާރަކުން ވެސް ހުޅުމާލޭގައި ފްލެޓުތައް ހަދައި، ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދީފައި ބޮޑެތި އާއިލާތަކުން ވަޑައިގެންފައި ދިރިއުޅުއްވަން ފައްޓަވާ. އެކަމަކު، ކޮބާތޯ ސިއްހީ ފަރުވާ ރަނގަޅުކުރުމަށްޓަކައި ކުރެވުނު ބޮޑު ކަމަކީ ބޮޑުވެގެން އައި އާބާދީއާ ބަލާފައި. ހުޅުމާލެ ހޮސްޕިޓަލަށް ވެސް މިހާރު 21 އަހަރުވެއްޖެ. އެކާވީސް އަހަރުވީއިރު އެ ތަނުގައި ހުރީ ވަރަށް މަދު އެނދުކޮޅެއް. އީއާރުގައި ވެސް ހުރީ ހަތް އެނދު. އައިސީޔޫއެއް ނެތޭ (ހުޅުމާލެ ހޮސްޕިޓަލުގައި ފުރަތަމަ އައިސީޔޫ ހުޅުވީ ކުރީގެ ނަޝީދުގެ ވެރިކަމުގައި ޕާކިސްތާނުން ހަދިޔާކުރި ސާމާނާއެކު. އެކަމަކު، އެތަން ބޮޑަށް ބޭނުންކުރީ އެޗްޑީޔޫއެއް ގޮތަށް. ހިދުމަތް ނުލިބި ދުވަސްތަކެއް ފަހުން އަނެއްކާ ވެސް އައިސީޔޫ ހުޅުވީ 2015 ވަނަ އަހަރު. އެކަމަކު ފަހުން އެތަން ބޭނުމެއް ނުކުރޭ)، އެންއައިސީޔޫއެއް ނެތޭ، އޮޕަރޭޝަން ތިއޭޓާ ކޮމްޕްލެކްސްއެއް ނެތް، އެންމެ އޮޕަރޭޝަން ރޫމެއް އިނީ....ޓާޝަރީ ފެންވަރަށް ހުޅުމާލެ ހޮސްޕިޓަލް ގެނެސްފައި އެ ހުރީ މި ދެންނެވި ހުރިހާ ވަސީލަތްތަކެއް ގާއިމްކޮށްފައި. 

އައިޖީއެމްއެޗްގެ ސީއީއޯ ހަލީމް، މިދިޔަ އާދިއްތަ ދުވަހު "މިހާރު"އަށް އިންޓަވިއު ދެއްވަނީ:--ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އައިޖީއެމްއެޗްގެ ސީއީއޯ ހަލީމް، މިދިޔަ އާދިއްތަ ދުވަހު "މިހާރު"އަށް އިންޓަވިއު ދެއްވަނީ:--ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ކޭޓާކުރެވޭ ވަރުގެ ތިން ޕްރޮޖެކްޓެއް މިހާރު ވެސް މި މަސައްކަތްކުރަނީ. އެއް ޕްރޮޖެކްޓަކީ ހޮސްޕިޓަލް ބިމުގައި 250 އެނދުގެ ހޮސްޕިޓަލް ބިލްޑިންނެއް ގާއިމްކުރުން. ދެ ވަނަ ޕްރޮޖެކްޓަކީ ހުޅުމާލެ ފޭސް 2 ގައި 500 އެނދުގެ މަލްޓި-ސްޕެޝަލިޓީ ހޮސްޕިޓަލެއް ގާއިމްކުރުން. ތިން ވަނަ ޕްރޮޖެކްޓަކީ ހުޅުމާލެ 2 ގައި ތެލެސީމިއާ ކުދިންނަށް ހާއްސަކޮށްފައި ހޮސްޕިޓަލް ގާއިމްކުރުން. މި ޕްރޮޖެކްޓުގެ މަސައްކަތްތައް މިހާރު އެބަ ކުރިއަށްދޭ.

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތްތައް ރަނގަޅުކުރަން މި ވަގުތަށް އަވަސް ހައްލެއް ބޭނުންވޭ. ކޮބާތޯ ވިސްނުންތަކަކީ؟

ޖަވާބު: މި ފަށާ އާ ހިދުމަތްތައް، މިސާލަކަށް ގޭސްޓްރޯއެންޓްރޮލޮޖީ، ޔޫރޮލޮޖީ، ނިއުރޮލޮޖީ. މި ހިދުމަތްތަކުގެ ތެރޭގައި ބޮޑަށް ދޭނީ އޯޕީޑީ ސާވިސް. ގޭސްޓްރޯއެންޓްރޮލޮޖީގައި ވެސް މި ދެނީ އޯޕީޑީ ކޮންސަލްޓޭޝަން. ޔޫރޮލޮޖީގައި އިތުރު ޑައިގްނޯސްޓިކެއް ހެދޭނެ. ނިއުރޮލޮޖީގައި ވެސް އޯޕީޑީ ހިދުމަތުގެ އިތުރުން އީޖީ އަދި އެހެނިހެން ބަލިތައް ދެނެގަތުމުގެ ފަރުވާ ދެވޭނެ. އެކަމަކު، އެޑްމިޓުކޮށްގެން ފަރުވާދެވޭނެ ގޮތެއް އަދި ހުޅުމާލެ ހޮސްޕިޓަލުގައި ނެތް. މިހާރު ހުޅުމާލެ ހޮސްޕިޓަލުން މި ހިދުމަތްތައް ނުދެވޭތީ، ހުޅުމާލޭގައި ދިރިއުޅުއްވާ ރައްޔިތުން މި ހިދުމަތް ހޯދަން ވަޑައިގަންނަވަންޖެހެނީ އައިޖީއެމްއެޗަށް. މިހާރު ގޮހޮރާއި މައިދާގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި ނާރުގެ ބަލިތަކުގެ ހިދުމަތަށް އޯޕީޑީ މި ފެށީ ހުޅުމާލެ ހޮސްޕިޓަލުގައި. ކޮންސަލްޓުކޮށްފައި އިންޓަވެންޝަނެއް ހަދަން ބޭނުންވެއްޖިއްޔާ އައިޖީއެމްއެޗްގައި މި އިންޓަވެންޝަންތައް ހެދޭނެ. 

ހުޅުމާލެ ހޮސްޕިޓަލް.- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ހުޅުމާލެ ހޮސްޕިޓަލް.- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހުޅުމާލެ ހޮސްޕިޓަލުގައި އިތުރު އެމްއާރުއައި މެޝިނެއް މި އަހަރު ބަހައްޓަން އެބަ މަސައްކަތްކުރަން. މިހާރު ހުރި އެމްއާރުއައި މެޝިން، އެންމެ މެޝިނެއް ހުރީމަ ވެސް ލޯޑު އެބަ ބޮޑުވޭ. މެޑިކަލް އިކުއިޕްމަންޓުތައް ވެސް ދޭތެރެ ދޭތެރެއިން މަރާމާތުކުރަންޖެހޭނެ. އެގޮތަށް [މަރާމާތުކުރަން] ހިދުމަތް ހުއްޓާލައިފިއްޔާ އަނެއްކާ ހަމަ ކިއު ދާނީ ވަރަށް ބޮޑުވެގެން. އެހެންވެ، ބެކަޕަށް ވިއަސް ނޫނީ ޑިމާންޑު ހައި ވާ އިރެއްގައި ވެސް ބޭނުންކުރެވޭ ގޮތަށް ދެ އެމްއާރުއައި މެޝިން ގާއިމްކުރުމުގެ މަސައްކަތް މި ކުރެވެނީ. މިހާރު އެބައިން އެއް މެޝިން، އޭގެ އިތުރަށް އިތުރު މެޝިނެއް ބެހެއްޓުމުގެ މަސައްކަތް ކުރިއަށް.

އާ ވަރަށް ގިނަ ފަރުވާތަކެއް މި ވަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ފަށާފައި. މިއާއެކު، އެ ހޮސްޕިޓަލްތަކަށް އާއްމުންގެ އިތުބާރު ކިހާ ވަރަކަށް ހޯދިއްޖެ؟

ޖަވާބު: އަޅުގަނޑުމެންނަށް އަންނަ ރިކުއެސްޓުތައް ދުވަހެއް ދުވަހަކަށް އިތުރުވޭ. އެއީ އެއް ކީ އިންޑިކޭޓާ ކަންނޭނގެ މި ހިދުމަތްތަކާ މެދު ރައްޔިތުންގެ އިތުބާރު ބޮޑުވަމުންދާކަން. މިސާލަކަށް ސާޖަރީތައް ހަދާއިރު، ނާރުގެ ވެސް ހިތުގެ ކަންކަމުގައި. ކުޑަކުދިން ވިހެއުމުގައި ވެސް. ކުޑަކުދިންގެ އީއާރުގައި އަބަދު ވެސް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް ހުންނާނެ. އެތަނަށް ވެސް އަންނަ ކުދިން ފުދޭވަރަކަށް ގިނަ އެކި ކަހަލަ ބަލިތަކުގައި. އަނެއްކާ އަތޮޅުތަކުން ވެސް، އަޅުގަނޑަށް ހަމަ ޔަގީނުން ވެސް ވަކިން ވެސް ބޭފުޅުން ގުޅުއްވާފައި އެޕޮއިންޓްމަންޓު އަވަސްކުރުމަށާއި އެޕޮއިންޓްމަންޓު ނުލިބިގެން އުޅޭ ވާހަކައާ އެއްޗެހި އާދޭ. އޭގެ މާނައަކީ ޑިމާންޑު ދުވަހެއް ދުވަހަކަށް އެބަ އިތުރުވެއޭ. އޭގެ މާނައަކީ ދެވޭ ފަރުވާއާ މެދު ރައްޔިތުންގެ އިތުބާރު އެބައޮތޭ. ޝައްކެއް ނެތް މިންވަރަށް ގަބޫލުކުރަން ހޮސްޕިޓަލުން ދޭ ސިއްހީ ފަރުވާ އައިޖީއެމްއެޗް/ދަރުމަވަންތަ ހޮސްޕިޓަލުގައި އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން މި ދޭ ފަރުވާއާ މެދު އެންމެ ފުރިހަމަ އަދި ރާއްޖެއިން ދެވޭ އެންމެ ރަނގަޅު ފަރުވާ ދެވޭނެއޭ މި ތަނުން، ދެވޭނެ ތަނަކީ މިއީއޭ.

ހުޅުމާލެ ހޮސްޕިޓަލް ބޯޑުގެ ފޮޓޯއެއް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ހުޅުމާލެ ހޮސްޕިޓަލް ބޯޑުގެ ފޮޓޯއެއް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެކަމަކު، މި ފުރުސަތުގައި އަޅުގަނޑުމެން ވެސް އެބަޖެހޭ ރަނގަޅުކުރަން ޖެހޭ ބައިވަރު ކަންކަން. މިސާލަކަށް ކޮމިއުނިކޭޝަން ކަންތައް، ޕޭޝަންޓުގެ މައުލޫމާތު ފެމިލީއާ ހިއްސާކުރުމުގައި ވެސް އެބަޖެހޭ މަސައްކަތްކުރަން. އަޅުގަނޑުމެން މިހާރު އެބަ ކެމްޕެއިނެއް ވެސް ފަށައިގެން މި އުޅެނީ. ހިނިތުންވުން ކެމްޕެއިން. އޯގާތެރި އަތަކުން، އޯގާތެރި ހިތަކުން. މި ކެމްޕެއިންގެ ވެސް ބޭނުމަކީ މި ތަނުގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭއިރު އޯގާތެރިކަމާއި ހިނިތުންވުމާއެކީގައި އަޅާލުމާއެކީގައި ހިދުމަތްފޯރުކޮށްދިނުމަށް އިތުރަށް ބާރުއެޅުމުގެ ގޮތުން ހިންގާ ކެމްޕެއިނެއް.

މިކޮޅުން ވެސް ރަނގަޅުކުރަންޖެހޭ ކަންކަން އެބަހުރި. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ހަމަ ދުވަހެއް ދުވަހަކަށް އިމްޕްރޫވްމަންޓްސް އަންނަމުންދާނެ. ރައްޔިތުންނަށް އޭގެ ހެޔޮ ނަތީޖާ ފެންނަމުންދާނެ.