އައިޖީއެމްއެޗްގައި އެޑްމިޓުކޮށް، ފަރުވާ ދިނުމަށް ފަހު، ހޮސްޕިޓަލުން ދޫކޮށްލުމުން ގޭގައި ފަރުވާ ގެންދަންޖެހޭ ގޮތް ކިޔައިދިނުމަށް ޕައިލެޓު ޕްރޮގްރާމެއް ފަށައިފި އެވެ.

އެ ހޮސްޕިޓަލް ހިންގާ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް "މިހާރު" އަށް ވިދާޅުވީ ހޮސްޕިޓަލުން ޑިސްޗާޖުކުރާ މީހުން، ދެ ވަނަ ފަހަރަށް އެޑްމިޓުކުރަން ޖެހޭ އަދަދު ދަށްކުރަން ހާއްސަ މަސައްކަތެއް ފަށާފައިވާ ކަމަށެވެ.

އޭގެ ތެރެއިން، އެ މީހުންގެ ގޭގެ އަށް އައިޖީއެމްއެޗްގެ ޓީމަކުން ޒިޔާރަތްކޮށް، ބޭސްކާންޖެހޭ ގޮތާއި ބޭސް އަޅަންޖެހޭ ގޮތް އަދި އެހެނިހެން މައުލޫމާތުތައް ފޯރުކޮށްދިނުމަށް ޕްރޮގްރާމެއް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާ އެކު، ހޮސްޕިޓަލްގައި އެޑްމިޓް ކުރަންޖެހޭ މީހުންގެ އަދަދު މަދުވާނެކަން ފާހަގަކުރެއްވި އެވެ.

އެ ޕްރޮގްރާމްގެ ނަތީޖާ އަށް ބަލައި، ބަދަލުތައް ގެނައުމަށް ފަހު މި އަހަރުގެ ތެރޭގައި އެކަން ރަސްމީކޮށް ފަށަން ވަނީ ނިންމައިފަ އެވެ. 

"ފެމިލީ ވެސް އެކަމަށް އަހުލުވެރި ކުރުވުމާއި ފަރުވާގެ ކަންކަމުގައި ބައިވެރިކުރުމުގެ ޕައިލެޓު ޕްރޮޖެކްޓެއް މިހާރު ފަށައިގެން ކުރިއަށްދޭ. ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި، ހޮސްޕިޓަލުން ޑިސްޗާޖުކުރާ ބޭފުޅުން އަނބުރާ އަނެއްކާ ހޮސްޕިޓަލުގައި އެޑްމިޝަނަކަށް ނުގެނެސް މިކަން ކުރެވޭނެ ގޮތެއް ފަހިކޮށްދޭން ކުރާ ކަމެއް މިއީ،" މިދިޔަ އާދިއްތަ ދުވަހު ދެއްވި އިންޓަވިއުގައި ހަލީމް ވިދާޅުވި އެވެ.