ނާރުގެ ބަލިތަކަށް ފަރުވާދޭ ހާއްސަ ސެންޓަރު "ނޭޝަނަލް ސެންޓަ ފޯ ނިއުރޯސައިންސަސް އެންޑް ސްޓްރޯކް" އައިޖީއެމްއެޗުގައި ހުޅުވައިފި އެވެ. 

އައިޖީއެމްއެޗުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުގެ ނިއުރޮލޮޖީ އާއި ނިއުރޯސާޖަރީ އަދި ޕީޑިއަޓްރިކް ނިއުރޮލޮޖީ ޑިޕާޓްމަންޓާއި މެނޭޖްމަންޓް ގުޅިގެން ކުރި މުހިންމު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ނާރުގެ ބަލިތަކަށް ދެވޭ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް އެ ސެންޓަރު އިއްޔެ އިފްތިތާހުކޮށްފައިވާ ކަމަށެވެ.

އެ ސެންޓަރުގެ ސަބަބުން ކުރިމަގުގައި ރޮބޮޓިކް ޓެކްނޮލޮޖީ ފަދަ އެންމެ އެންމެ ޒަމާނީ ވަސީލަތްތަކާއެކު، ސިކުނޑި އާއި މައިބަދައިގެ އޮޕަރޭޝަންތައް ކުރުމުގެ ފުރުސަތު މަގުފަހިވާނެ ކަމަށާއި އަދި ސްޓްރޯކް ޖެހޭ ބަލި މީހުންނަށް މުޅި ރާއްޖެ ގުޅުވާލެވޭ ނިޒާމެއްގެ ތެރެއިން އަވަސް ފަރުވާ ފޯރުކޮށްދެވޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. 

އައިޖީއެމްއެޗުން ބުނީ އަތޮޅު ހޮސްޕިޓަލްތަކާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ހާއްސަ ޕްރޮގްރާމްތަކުގެ ސަބަބުން، ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި ކަމަށް ވިޔަސް، ފެންވަރު ރަނގަޅު ނާރުގެ ފަރުވާ ކޮންމެ މީހަކަށް ވެސް ފަސޭހަކަމާ އެކު ލިބޭނެ ކަމަށެވެ. 

ނާރުގެ ބަލިތަކާ ގުޅުންހުރި ފަރުވާތަކާއި އާ އޮޕަރޭޝަންތައް މިދިޔަ އަހަރުގެ ތެރޭގައި ފެށުމާއެކު، އެ ބަލިތަކަށް ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ދާ މީހުންގެ އަދަދު މިހާރު މަދުވެފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ. 

އައިޖީއެމްއެޗުން ބުނި ގޮތުގައި؛

ނާރުގެ ބަލިތަކަށް ދޭ ފަރުވާގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ސްޓްރޯކް ސެންޓަރުގެ ޖާގަ އިތުރުކުރާނެ.

ރާއްޖޭގައި މިހާތަނަށް ލިބެން ނެތް ހާއްސަ ލެބޯޓްރީ ޓެސްޓުތަކުގެ އިތުރުން ވީޑިއޯ އީއީޖީ އާއި ނިއުރޯ ނެވިގޭޝަން ގައިޑެޑް ސާޖަރީ އަދި ނިއުރޯސާޖިކަލް އައިސީޔޫ ފަދަ މުހިންމު ހިދުމަތްތައް ތައާރަފުކުރުމަށް ވަނީ ހަމަޖައްސާފައި.

އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގެ ގޮތުން އެންޑޯވަސްކިއުލާ ދާއިރާއިން ޑޮކްޓަރުން ތަމްރީން ކުުރުމަށް ދެ އަހަރު ދުވަހުގެ ފެލޯޝިޕް ޕްރޮގްރާމެއް އެ ސެންޓަރު މެދުވެރިކޮށް ހިންގުމަށް ވަނީ ނިންމާފައި.

އެ ސެންޓަރުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ނާރުގެ ބަލިތައް ދުރާލާ ދެނެގަތުމާއި އެކަމަށް ބޭނުންވާ ފިޔަވަޅުތައް އަވަހަށް އެޅުމަށް އިސްކަންދީ އަދި ރާއްޖޭގައި އެ ފަރުވާތައް ހަރުދަނާކޮށް، ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ މީހުންގެ އަދަދު މަދުކުރުން ހިމެނޭ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. 

އެ ހޮސްޕިޓަލުން ބުނިގޮތުގައި، ހާއްސަކޮށް ކުޑަކުދިންނަށް ދިމާވާ ނާރުގެ އަދި ސިކުނޑީގެ ބަލިތައް ދުރާލައި ދެނެގަނެވި ފަރުވާ ފެށިއްޖެނަމަ، އެކަމުގެ ސަބަބުން ދިމާވާ ނުކުޅެދުންތެރިކަން ކުޑަކުރެވޭނެތީ އާންމުން ހޭލުންތެރި ކުރުވުމާއި އިތުރު މަސައްކަތްތައް ވެސް އެ ސެންޓަރުން ކުރިއަށް ގެންދާނެ އެވެ.