"މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައި އޭގެ ބަދަލުގައި "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އުފައްދަވައިފި އެވެ. 

ރައީސް އޮފީހުން ރޭގައި ބުނީ، ސަރުކާރުގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ސަރުކާރުގެ ޓާޝަރީ ހޮސްޕިޓަލްތަކާއި ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަމުން އަންނަ ސަރުކާރުގެ ހޮސްޕިޓަލްތައް އެއް ގަވާނިން ބޯޑެއްގެ ދަށުން، ހައިބްރިޑް ސެންޓްރަލައިޒްޑް މޮޑެލްއަކަށް ހިންގަމުންދާނެ އިންތިޒާމު ހަމަޖެއްސުމަށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އާއި އިތުރު ފަސް ހޮސްޕިޓަލެއްގެ ގަވާނިން ބޯޑުތައް އުވައިލައްވައި، މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް (އެމްޓީއެޗްޖީ) އުފައްދަވާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ، ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން، މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕްގެ ގަވާނިން ބޯޑާއި އެ ބޯޑުން ބަލަހައްޓާ ތަންތަނުގެ ކަންކަން ވިލަރެސް ކުރައްވާނީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓާޝަރީ ހެލްތު ސާވިސަސް މުހައްމަދު ތޮލާލް ކަމަށެވެ.

އަލަށް އުފެއްދި މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގުރޫޕްގެ ބޯޑުގައި ތިއްބަވަނީ ރައީސް އޮފީހުން ބުނި ގޮތުގައި:

  1. ޑރ. އަބްދުލް އަޒީޒް ޔޫސުފް (ޗެއާޕާސަން) ސިއްހީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ތަޖުރިބާކާރެއް.
  2. ހުސައިން ހަލީމް، ކުންނާރުގެ، ގދ. ތިނަދޫ (އައިޓީ ދާއިރާގެ ތަޖުރިބާކާރެއް)
  3. އިބްރާހިމް އަބްދުއްރައްޒާގު ހަލީމް (ސީއީއޯ، ދަރުމަވަންތަ ހޮސްޕިޓަލް)
  4. ޑރ. އިބްރާހިމް ޔާސިރު، މއ. ވެނީލާގެ (ޑެޕިއުޓީ ސީއީއޯ، ދަރުމަވަންތަ ހޮސްޕިޓަލް)
  5. ނަޔާޒު އަހުމަދު، ނޯތުވޭ، ޅ. ހިންނަވަރު (ޕަބްލިކް ހެލްތު ދާއިރާގެ ތަޖުރިބާކާރެއް)
  6. ފާތިމަތު އާފިޔާ ވަހީދު، ދަފްތަރު. ނަންބަރު ރސ 13524 (ނާސިން ދާއިރާގެ ތަޖުރިބާކާރެއް)
  7. މޫސާ ކަލީމް ގާސިމް، ރިހާބު، އދ. މަހިބަދޫ (ހުޅުމާލެ ހޮސްޕިޓަލްގެ އިސް މުވައްޒަފެއް)
  8. މުހައްމަދު މަބްރޫކް، ހިކިފިނިފެންމާގެ، އއ. ތޮއްޑޫ (ވިލިމާލެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ)
  9. އާލިމް ޝަކީލް، ސިޔާމާމަންޒިލް، އއ. ފެރިދޫ (ވިލިމާލެ ހޮސްޕިޓަލްގެ އިސް މުވައްޒަފެއް)
  10. ތަސްލީމާ، ގ. ދޮންބަގީޗާގެ (ހެލްތު މިނިސްޓްރީގެ މަންދޫބު)
  11. އާދަމް ބަދުރުﷲ، ކަރަންކާވިލާ، ށ. މާއުނގޫދޫ (ފިނޭންސް މިނިސްޓްރީގެ މަންދޫބު)
  12. ނާޒިމާ އަލީ، މޫންފްލެޓް، ހދ. ކުޅުދުއްފުށި (ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ)
  13. އަހުމަދު އަދީލް ނަސީރު، ސްޓާރްސް، އައްޑޫ ހިތަދޫ (އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ)
  14. ހުސައިން އާސިފް، ވައިލެޓްވިލާ، ރ. އުނގޫފާރު (އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ)
  15. އަހުމަދު އަޝްރަފް، ސޯސަންގެ، ގދ. ތިނަދޫ، (ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ)
  16.  އަބްދުލްހަންނާން އަބްދުއްރަހީމް، މުކުރިމަގު. ވައިނުޖެހޭގެ، ލ. ގަން (ގަން ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ)
  17. ފަތުހުﷲ ނަސީމް، އެވިސީނާ، ސ. މީދޫ (ފުވައްމުލަކު ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި އިސްވެރިޔާ)

ރައީސް އޮފީހުން ބުނިގޮތުގައި، މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕުން ބަލަހައްޓާނީ 12 ތަނެކެވެ. އެއީ:

  1. ދަރުމަވަންތަ ހޮސްޕިޓަލް
  2. އައިޖީއެމްއެޗް
  3. ހުޅުމާލެ ހޮސްޕިޓަލް
  4. ވިލިމާލެ ހޮސްޕިޓަލް
  5. މޯލްޑިވިއަން ބްލަޑް ސާވިސަސް
  6. މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ދަށުން ހިނގާ ތެލަސީމިއާ އެންޑް އަދާ ހީމޮގްލޮބިނޯޕަތީސް ސެންޓަރު
  7. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
  8. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް
  9. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
  10. ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް
  11. ގަން ރީޖަނަލް ހޮސްޕިޓަލް
  12. ފުވައްމުލަކު ހޮސްޕިޓަލް

ރައީސް އޮފީހުން ބުނީ، މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕްގެ ގަވާނިން ބޯޑަކީ ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން، އެ މަނިކުފާނަށް ޖަވާބުދާރީވާ އަދި ހެލްތު މިނިސްޓްރީއާ ގުޅިގެން ހިންގާ ބޯޑެއް ކަމަށެވެ. 

"މި ބަދަލާއެކު، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ގަވާނިން ބޯޑުތައް ވަނީ އުވައިލައްވާފަ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓްގައި ވެ އެވެ.

ރައީސް މުއިއްޒު މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ އެ ބަދަލު ގެންނަން ނިންމެވީ ސިއްހީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ހިދުމަތުގެ ފެންވަރު މަތިކޮށް އަދި ހަރަދުތައް ކުޑަ އުސޫލަކުން ކަންކަން ކުރުމަށް ކަމަށެވެ.

އެ ބަދަލާއެކު، ސިއްހީ ދާއިރާގައި ހުރި ތަކުރާރުވުންތައް ނައްތާލައި، ހިންގުމުގެ ހަރުދަނާކަން އިތުރުވާނެ ކަމަށާއި އަދި އާ ގްރޫޕުގެ ދަށުން، ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކާއި ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަމުންދާ ސަރުކާރުގެ ހޮސްޕިޓަލުތައް އެއް ވިއުގައަކުން ގުޅާލެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.