"މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައި "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފައްދަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ޕީއެސްއެމްއިން ގެނެސްދޭ "ނޭޝަން ޗެޓް" ސިލްސިލާ ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ ރައީސް ވިދާޅުވީ "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައި "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފައްދަން ނިންމެވީ ސިއްހީ ދާއިރާގެ ހިންގުން ހަރުދަނާކޮށް ހިދުމަތުގެ ފެންވަރު މަތިކޮށް، އަދި ހަރަދުތައް ކުޑަ އުސޫލަކުން ކަންކަން ކުރުމަށް ކަމަށެވެ.
އެ ބަދަލާއެކު ސިއްހީ ދާއިރާގައި ހުރި ތަކުރާރުވުންތައް ނައްތާލެވި ހިންގުމުގެ ހަރުދަނާކަން އިތުރުވެގެންދާނެ ކަމަށާއި އަދި އާ ގްރޫޕުގެ ދަށުން، ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކާއި ޓާޝަރީ ފެންވަރަށް ތަރައްގީކުރަމުންދާ ސަރުކާރުގެ ހޮސްޕިޓަލުތައް އެއް ވިއުގައަކުން ގުޅާލެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އޭގެ ބޭނުމަކީ އެއް ހޮސްޕިޓަލާއި އަނެއް ހޮސްޕިޓަލާ ދެމެދު ވަސީލަތްތައް ހިއްސާކުރުމާއި އެއް ތަނުން އަނެއް ތަނަށް ޑޮކްޓަރުންގެ ފަންނީ ހިދުމަތުގެ ބޭނުން ކުރެވޭނެ ގޮތްތައް ފަސޭހަކޮށް ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސިއްހީ ދާއިރާ ތަރައްގީ ކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓާޝަރީ ހޮސްޕިޓަލްތައް ގާއިމް ކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އަތޮޅު ހޮސްޕިޓަލްތަކާއި ރަށު ސިއްހީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ފާހަގަ ކުރައްވައި، އެމަނިކުފާނު ވިދާޅުވީ އޭގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް، އެމީހަކު ދިރިއުޅޭ ރަށަކުން ނުވަތަ އަތޮޅަކުން ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.
އެހެންވެ، ކުރިއަށް އޮތް ތިން މަސް ދުވަސް ނުވަތަ އެންމެ ގިނަވަގެން ހަތަރު މަސްދުވަހުގެ ތެރޭގައި އާ ނިޒާމުގެ ދަށުން ހޮސްޕިޓަލްތައް ގުޅާލެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ ބަދަލާއެކު ސަރުކާރު ހަރަދުގައި ތައުލީމު ހާސިލުކޮށްފައިވާ ޑޮކްޓަރުންގެ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ހޯދޭނެ އުސޫލުތައް ގާއިމްކޮށް، ހާއްސަ ދާއިރާތަކުން އެންމެ މަތީ ފަންތީގެ ހިދުމަތްތަކަށް ހާއްސަ ބޭރުގެ ޑޮކްޓަރުން ރާއްޖޭގައި ގާއިމުވެ ތިބެގެން ހިދުމަތް ފޯރުކޮށްދެވޭނެ ފަދަ އިންތިޒާމުތައް ވެސް ހަމަޖެހިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ސިއްހީ ބޭނުންތަކަށްޓަކައި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުކުރުމުގެ މަސައްކަތްތައް ވެސް ހަލުވި ދުވެލީގައި ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.