ޖޯންސަން އެންޑް ޖޯންސަން ބްރޭންޑްގެ ފުށުގައި ކެންސަރަށް މަގުފަހިވާ މާއްދާތަކެއް އެކުލެވިފައިވާ ކަމަށް ބުނާ މައްސަލަތަކެއް ފެންމަތިވެފައިވާތާ ދުވަސްތަކެއް ފަހުން އެ ބްރޭންޑްގެ ފުށް ސްރީ ލަންކާ އަށް އެތެރެކޮށް ވިއްކުން މަނާކޮށްފި އެވެ.
މިކަމާ ބެހޭ ގޮތުން ލަންކާ ސަރުކާރުގެ އޮފިޝަލަކު ރޮއިޓާޒް އަށް ވިދާޅުވީ މި ވަގުތު ބާޒާރުގައި ވިއްކަން ހުރި ސްޓޮކް ވިއްކުމުގެ ހުއްދަ އޮތް ނަމަވެސް، އައު ޝިޕްމަންޓްތަކެއް އެ ގައުމަށް އެތެރެ ނުކުރެވޭނެ ކަމަށެވެ.
އަދި އިންޑިއާގައި މި ވަގުތު ޖޯންސަން އެންޑް ޖޯންސަން ފުށުގެ ތަހުލީލުތަކެއް ކުރިއަށްދާތީ، އޭގެ ނަތީޖާ އަށް ފަހު ނޫނީ ލަންކާ އަލުން އެ ބްރޭންޑްގެ ފުށް އެތެރެ ކުރުމުގެ ހުއްދަ ނުދޭން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ލަންކާގެ ނެޝަނަލް މެޑިސިން ރެގިއުލޭޓަރީ އޮތޯރިޓީ (އެންއެމްއާރްއޭ) ގެ ޗީފް އެކްޒެކްޓިވް ކަމަލް ޖަޔަސިންގް ވިދާޅުވި ގޮތުގައި ލަންކާ އަށް ޖޯންސަން އެންޑް ޖޯންސަން ބްރޭންޑްގެ އުފެއްދުންތައް އެތެރެކޮށް، ޑިސްޓްރިބިއުޓް ކުރާ ކުންފުނި އަ ބޯރް އެންޑް ކޯ އަށް ފުށް އެތެރެ ކުރުމުގެ ހުއްދަ އަލުން ދޭނީ މިހާރު ކުރިއަށް ގެންދާ ޓެސްޓްތަކުގެ ނަތީޖާ އަށް ރިއާޔަތް ކުރުމަށް ފަހު އެވެ. އެހެންވެ އައު ޝިޕްމަންޓްތައް އެތެރެ ކުރުން މަޑުޖައްސާލައިފައިވާ ކަމަށް ވިދާޅުވި އެވެ.
"އަދި މި ވަގުތު ބާޒާރުގައި ވިއްކަން ހުރި ސްޓޮކްގައި ވެސް މައްސަލައެއް ނުހުންނާނެކަން ކަށަވަރުކޮށް ދިނުމަށް އިތުރު ޓެސްޓްތަކެއް ހަދައި، އޭގެ ކޮލިޓީ ކަށަވަރުކޮށްދޭ ރިޕޯޓް ހުށަހެޅުމަށް ވާނީ އަންގާފައި،" ކަމަލް ވިދާޅުވި އެވެ.
ޖޯންސަން އެންޑް ޖޯންސަން ފިށް ބޭނުންކޮށްގެން ކެންސަރު ޖެހުނު ކަމަށް ބުނެ އެމެރިކާގެ ކުންފުންޏާ ދެކޮޅަށް މީގެ ކުރިން އެތައް ބަޔަކު ދައުވާ ވެސް ކޮށްފައިވެ އެވެ. މީގެ ތެރެއިން ބައެއް ދައުވާތައް ސާބިތުވެ، ޖޯންސަން އެންޑް ޖޯންސަން އަށް އެކި މައްސަލަތަކުގައި ބޮޑެތި އަދަދުތަކުން ބަދަލު ވެސް ދޭން ޖެހިފައިވެ އެވެ.