ކރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓަކު މާސްކު އަޅައިގެން: ވައިރަސް ފެތުރޭތީ ޓޫރިސްޓޫން އައުން ވަނީ ވަގުތީގޮތުން މަނާކޮށްފައި -- ފޮޓޯ:މިހާރު
21 މެއި 2020 - 17:43
ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ހުއްޓިފައި އޮތުމަށްފަހު އަލުން ހުޅުވާލާއިރަށް ތައްޔާރުވުމުގެ ގޮތުން ޗައިނާގެ ޓުއާ އޮޕްރޭޓަރުން ތަމްރީން ކުރުމަށް އެމްއެމްޕީއާރުސީން ހާއްސަ އޮންލައިން ސެމިނާ (ވެބިނާ) އެއް ފަށައިފި އެވެ.
އިއްޔެ ފެށި މި ވެބިނާގައި ފުރަތަމަ ސެޝަންގައި އެކަނި ވެސް ޗައިނާގެ 550 ޓުއާ އޮޕްރޭޓަރުން ވަނީ ބައިވެރިވެފަ އެވެ. މި ސެޝަންތަކުގައި ރާއްޖޭގެ ޓޫރިޒަމްގެ މިހާރުގެ ހާލަތާއި ރާއްޖޭގެ ގުދުރަތި ރީތިކަމާއި ރާއްޖޭން ތަޖުރިބާ ކުރެވޭނެ ތަފާތު ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލާނެ އެވެ. ދިހަ މަސްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ވެބިނާގެ ހުރިހާ ސެޝަނެއް ވެސް ކުރިއަށްދާނީ ޗައިނާ ބަހުންނެވެ.
އެމްއެމްޕީއާރުސީން ބުނީ ވެބިނާގެ ސެޝަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޗައިނާގެ މާކެޓުން ރައްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް އެ ގައުމުގެ މީހުން ރާއްޖެއާ މެދު އެންމެ ގަޔާވާ ކަންކަމަށް އިސްކަން ދީގެން ކަމަށެވެ. އަދި މި ސެޝަންތަކުގައި ބައިވެރިވާ މީހުން ރާއްޖެއާ ގުޅޭގޮތުން އޮޅުންފިލުވަން ބޭނުންވާ ކަންކަން އޮޅުން ފިލުވައިދެމުން އަންނަ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.
ޗައިނާއަކީ ފާއިތުވި އަށް އަހަރުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އަދި މި މާކެޓު ގެއްލުނަ ނުދީ އެ ގައުމުގެ ރައްޔިތުންގެ މެދުގައިި ރާއްޖެއާ މެދު އޮންނަ މަގުބޫލު ކަން އިތުރު ކުރުމަކީ ރާއްޖޭގެ ޓޫރިޒަމަށް މުހިންމު ކަމެއް ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ވީހާވެސް ގިނަ މާކެޓުތަކަށް އަމާޒުކޮށްގެން މިފަދަ ވެބިނާތައް ބާއްވަން އެމްއެމްޕީއާރުސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ ސަބަބުން އެ ގައުމުތަކުގައި ރާއްޖެ އިޝްތިހާރުވެ ޓޫރިޒަމް އަލުން ހުޅުވާލާއިރު މަގުބޫލު މަންޒިލަކަށް ވާނެ ކަމަށް އެމްއެމްޕީއާރުސީން ގަބޫލު ކުރެ އެވެ.
އެމްއެމްޕީއާރުސީން އަންނަނީ ވެބިނާގެ އިތުރުން އެކި ގައުމުތަކުގައި އޮންލައިންކޮށް އަދި ޑިޖިޓަލްކޮށް ވެސް ރާއްޖެ އިޝްތިހާރު ކުރަމުންނެވެ.
މިވަގުތު ރާއްޖޭގެ ޓުރިޒަމް ހުއްޓިފައި އޮތް ނަމަވެސް އަންނަ ޖުލައި މަހު ޓޫރިޒަމް އަލުން ފެށުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
21 May 2020
ރަނގަޅު އަދި ޗައިނާމާކެޓަށް ކަށްކަން ދަސްކޮށްދޭން ގެސްޓްހައުސްތަކަށް ކޯހެއްވެސް ހަދާދިނުން ވަރަށްރަނގަޅުވާނެ