އުލިގަމަށް ދާ ޔޮޓުތަކުން ނަގާ ފީގެ 75 ޕަަސެންޓު ކުޑަކޮށްފި

ހއ. ހުލިގަމުގައި ޔޮޓް ޓޫރިޒަމް ފުޅާ ކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ޔޮޓްތަކުން ކަސްޓަމްސް އަށް ނަގާ ފީ 75 ޕަސެންޓު ކުޑަކޮށްފި އެވެ.


މިދިޔަ ހޮނިހިރު ދުވަހު ކަސްޓަމްސްގެ އާއްމު ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވާ ގޮތުގައި ކަނޑުމަގުން ރާއްޖެ އަންނަ 15 މީޓަރަށް ވުރެ ކުޑަ ޓޫރިސްޓު އުޅަނދުތަކުން ދައްކަން ޖެހޭ އިންވާޑް އަދި އައުޓްވާޑް ފީ ވަނީ 250ރ. އަށް ބަދަލު ކޮށްފަ އެވެ. މީގެ ކުރިން ކޮންމެ ކޮޅަކަށް ނަގަމުން އައީ 1،000ރ. އެވެ. މި ބަދަލާ އެކު 15 މީޓަރަށް ވުރެ ބޮޑު އުޅަނދުތަކުން ދައްކަން ޖެހޭނީ 1،000ރ. އެވެ.

އުލިގަމަކީ އާންމުކޮށް، ކުދި ޔޮޓް ފަހަރު އަންނަ ރަށެކެވެ. އެކަމަކު އެ އުޅަނދުތަކުން ވެސް ބިޔަ އުޅަނދުތަކުން ދައްކަންޖެހޭ ވަރުގެ ފީއެއް ދައްކަންޖެހޭ ގޮތް ހަދައި، ގަވައިދުތައް ހަރުކަށިކުރުމުން އެ އުޅަނދުތައް އުލިގަމަށް އައުން ވަރަށް ބޮޑަށް މަދުވެގެން ދިޔަ އެވެ.

މީގެ އިތުރުން އޭޖަންޓަކު ނެތި އަންނަ އުޅަނދުތައް ޖޫރިމަނާ ދައްކާ ގޮތަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން އޭޖެންޓެއް ނެތި މިހާރު އަންނަ އުޅަނދުތަކަށް އޭޖެންޓަކު ހަމަޖެއްސުމަށް 72 ގަޑިއިރު ދޭނެ އެވެ. އަދި އެ މުއްދަތުގައި އޭޖެންޓަކު ކަނޑަނޭޅޭ ނަމަ އެ އުޅަނދެއް ރާއްޖޭން ފުރުމުގެ ކުރިން ޖޫރިމަނާ ދައްކަން ޖެހޭނެ އެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ޓްވީޓެއް--

ކަސްޓަމްސްގެ އާއްމު ގަވާއިދަށް ގެނައި މި ބަދަލުތަކަކީ އުލިގަމުގެ ޔޮޓު ޓޫރިޒަމަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން މި އަހަރުގެ ޖެނުއަރީ މަހު ބޭއްވި މަހާސިންތާގައި ބަދަލު ގެންނަން ނިންމާފައިވާ ކަންތައްތަކެވެ. އެ މަހާސިންތާގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އާއި ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އަދި އުލިގަމު ކައުންސިލް މެމްބަރުންނާއި ކަމާ ބެހޭ 15 އިދާރާއަކުން 45 މަންދޫބުން ބައިވެރިިވި އެވެ.

އެ މަހާސިންތާގައި އުލިގަމަށް މި ވަގުތައް ދިމާވެފައިވާ ގޮންޖެހުންތަކާއި އެކަންތައް ހައްލު ކުރުމަށް އެޅޭނެ ފިޔަވަޅުތަކާ ގުޅިގެން މަޝްވަރާ ކޮށްފައިވެ އެވެ.

އުލިގަމަށް ބަނދަރުކުރާ ޔޮޓު ފަހަރު މަދުވެފައިވާ ސަބަބުތައް ދެނެގަނެ އެކަމަށް ހައްލު ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އެމަނިކުފާނު ވަނީ ރިޔާސީ އިންތިހާބުގެ ކުރިން އުލިގަމު ރައްޔިތުންނާ ބައްދަލު ކުރައްވައި އެ ރަށުގައި ޔޮޓުގެ ވިޔަފާރި ކުރިއަރުވާނެ ކަމަށް ވިދާޅުވެފަ އެވެ.

އުލިގަމަކީ އާއްމުކޮށް ޔޮޓު ބަނދަރު ކުރާ، ކްރޫޒްކުރާ ޓޫރިސްޓުންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. ނަމަވެސް އެކި މުއައްސަސާތަކުން ބޮޑެތި ފީތައް ނެގުމުގެ ސަބަބުންނާއި ލިޔެކިޔުންތައް ފުރިހަމަކުރަން އޮންނަ އުސޫލުގެ ދަތިކަމުން ޔޮޓް އައުން މަދުވީ އެވެ. ކުދި ޔޮޓްތަކަށް ވެސް ބިޔަ ކްރޫޒް ލައިނާތަކުން ދައްކަންޖެހޭ ވަރުގެ ފީއެއް ދައްކަން ޖެހުމާއި އެހެން ފީތައް ވެސް ގިނަވެފައި ބޮޑެވެ.