މުދާ ކްލިއާ ކުރުމުގެ ވަގުތު އިތުރުކޮށްފި

ލޮކްޑައުން އަށް ގެނައި ލުއިތަކާ އެކު މުދާ ކްލިއާ ކުރުމުގެ ވަގުތު ވެސް އިތުރު ކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.


މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވި، ދެން މުދާ ކްލިއާ ކުރުމުގެ މަސައްކަތް ކުރާނީ ހެނދުނު 8:00 އިން ރޭގަނޑު 9:00 އަށް ކަމަށެވެ. މާލެ ލޮކްޑައުން ކުރުމާ އެކު މުދާ ކްލިއާ ކުރުމުގެ މަސައްކަތް ކުރަމުން އައީ ހެނދުނު 8:30 އިން ހަވީރު 4:30 އަށެވެ.

މާލޭ ކޮމާޝަލް ހާބަރާއި ހުޅުމާލޭ ބަނދަރުގައި ވެސް މަސައްކަތް ކުރާނީ މި ގަޑިތަކުގަ އެވެ. ޝާހިދު ވިދާޅުވީ، މާލެ ލޮކްޑައުން ކުރުމާ އެކު އެމްޕީއެލްގެ މަދު މުވައްޒަފުންތަކެއް ނެރެގެން މަސައްކަތް ކުރީ އެމްޕީއެލްގައި ސްޓޭޝަންވެ ތިބެ ކަމަށާއި އެހެން ނަމަވެސް އެކަން ބަދަލުކޮށް ދެން މަސައްކަތް ކުރާނީ ދެ ޝިފްޓަށް ކަމަށެވެ.

ލޮކްޑައުންގެ ހާލަތުގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 60 ކޮންޓެއިނާ ކްލިއާ ކުރެވުނު ނަމަވެސް އަލަށް ގެނައި ބަދަލުތަކާ އެކު ދުވާލެއްގެ މައްޗަށް 120 ވަރަކަށް ކޮންޓެއިނާ ކްލިއާ ކުރެވޭނެ ކަމަށް އެމްޕީއެލް އިން ބުނެ އެވެ. ކޮވިޑް-19 ގެ ހާލަތު އައުމުގެ ކުރިން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 200 ވަރަކަށް ކޮންޓެއިނާ އެމްޕީއެލް ބަނދަރުން ކްލިއާ ކުރެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވަތި ހާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން އެމްޕީއެލުން ދެމުން އާއި ގިނަ ހިދުމަތްތަކެއް ވަނީ ޑިޖިޓަލް ކޮށް ދޭން ފަށައިފަ އެވެ.

"މިވަގުތު ކުރާ މަސައްކަތްތަކުގައި ވަރަށް ގިނަ ކަންކަން ހުންނާނެ އިލެކްޓްރޯނިކް ކުރެވިފައި. އޭގެ ތެރޭގައި އީ-ގޭޓް ފާސް ތައާރަފްކުރެވިގެން އޭގެ މަސައްކަތްތައް ކުރެވިގެންދަނީ. އެހެންވީމަ ފިޒިކަލް ޑޮކިއުމެންޓެއް ކޮންމެހެން ބޭނުމެއް ނުވާނެ." އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، މުދާ ކްލިއާ ކުރުމުގައި ހުށަހަޅަން ޖެހޭ ގިނަ ޑޮމިއުމެންޓްތައް މިހާރު އޮންލައިންކޮށް ހުށަހެޅޭނެ ކަމަށެވެ. އަދި ހުރިހާ ޕޭމެންޓްތަކެއް ވެސް މިހާރު ވަނީ އޮންލައިންކޮށްފަ އެވެ. އެހެންކަމުން މުދާ ގެންދިއުން ފިޔަވައި އެހެން ހުރިހާ ހިދުމަތްތަކެއް އޮންލައިން ކޮށް ހޯދޭނެ އިންތިޒާމުތައް އެމްޕީއެލް އިން ވަނީ ފަހިކޮށްދީފަ އެވެ.

ލޮކްޑައުން ހާލަތުގައި އެމްޕީއެލުން ނަގަމުން އައި ޑެމަރޭޖް ފީ ނެގުން ހުއްޓާލުމަށް ފަހު އަނެއްކާ ވެސް ޑެމަރޭޖު ފީ ނަގަން އެމްޕީއެލުން ވަނީ ނިންމާފައިވެ އެވެ. އެގޮތުން އިއްޔެއިން ފެށިގެން، 12 ދުވަހަށް ފަހު އޮންނަ އުސޫލުގެ ތެރެއިން ޑެމަރޭޖް ފީ ނަގަން ފަށާނެ އެވެ.

"އާންމު ހާލަތެއްގައި މުޅި ޔާޑު ތެރޭގައި 1،500 ކޮންޓެއިނާ މިގެންގުޅެނީ. މިހާރު އެ އަދަދު 3،000 އަރައިގެން ގޮސްފައިވަނީ. އެހާ ވަރަށް ކޮންޓެއިނާތައް ހުރީމަ މި ދިމާވާ މައްސަލައަކީ އަޅުގަނޑުމެންގެ އޮޕަރޭޝަން ލަސްވުމާއި ދަތިތައް ދިމާވުމާއި އަދި އޭގެ އިތުރަށް ކޮންޓެއިނާ ހެންޑުލް ކުރާ އިކުއިޕްމެންޓްތަކަށް ވެސް އިތުރު ގެއްލުންތަކެއްވޭ،" އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، މީގެ ކުރިން ސ. ހިތަދޫ ބަނދަރާއި ހދ. ކުޅުދުއްފުށީގެ ބަނދަރުން މުދާ ކްލިއާ ކުރުމުގައި ނަގާ ޑެމެރޭޖް ފީން 50 ޕަސެންޓް ކަނޑައިލި ނަމަވެސް އަންނަ ޖުލައި މަހާ ހަމައަށް މުދާ ކްލިއާ ކުރުމާއި ޑެމަރޭޖާއި ސްޓޯރޭޖް ފީ ވެސް މާފްކޮށްދިނުމަށް ނިންމާފައިވާ ކަަމަށެވެ.

މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފު ވިދާޅުވީ، ހުރިހާ ވިޔަފާރިވެރިން ވެސް ކޮންޓެއިނާތައް ވީހާ ވެސް އަވަހަކަށް މުދާ ކްލިއާ ކުރުމުގެ މުޅި ޕްރޮސެސް އަށް ދަތި ނުވާނެހެން ކްލިއާ ކުރަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ، މުދާ ކްލިއާ ކުރުމުގައި ކަސްޓަމަސްގެ ގަވައިދުތައް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާ އިރު ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަނަ ނުކޮށް ޑޮކިއުމެންޓްތައް ހުށަހަޅާ ނަމަ މުދާ ކްލިއާ ކުރުމުގެ ޕްރޮސެސް ލަސްވުން އެކަށީގެންވާ ކަމަށެވެ. އެހެންކަމުން އޮންނަ އުސޫލުތަކާ އެއްގޮތަށް ޑޮކިއުމެންޓްތައް ފުރިހަމައަށް ހުށަހެޅުމަށް އޭނާ ވަނީ އެދިފަ އެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ ހަފްތާގައި، ފުރަތަމަ ހަފްތާ ނިންމާފައި މިހާރު ގޭގާއި މަސައްކަތް ކުރާ ސެކްޝަންތަކާއި އިތުރު ސެކްޝަންތައް ހަމަ ކޮންމެވެސް ވަރަކަށް ނެރެގެން މަސައްކަތް ކުރާނަން،" އޭނާ ވިދާޅުވި އެވެ.

ކަސްޓަމްސްގެ 11 ސެކްޝަނެއްގެ މަސައްކަތްތަކެއް މިހާރު ވެސް ކުރަނީ މުވައްޒަފުން ގޭގައި ތިބެގެންނެވެ. ލޮކްޑައުނަށް ލުއިތަކެއް އިއުލާނުކުރުމާ އެކު 18 ސެކްޝަންގެ އިތުރު މުވައްޒަފުން މަސައްކަތަށް ނެރުމަށް ކަސްޓަމްސް އިން ވަނީ ނިންމާފަ އެވެ.