އާސަންދަ އިން ޚިދުމަތް ދިނުމަށް 516 މިލިއަން ރުފިޔާ ޚަރަދުކޮށްފި

ދައުލަތުގެ ޚަރަދުގައި ހިލޭ ބޭސްފަރުވާ ކުރުމުގެ ނިޒާމު، އާސަންދަ އިން މި އަހަރުގެ މިހާތަނަށް 516 މިލިއަން ރުފިޔާ ޚަރަދު ކޮށްފި އެވެ.


ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުގައި ވާ ގޮތުން އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރުމަށް މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ހޭދަކުރީ 406 މިލިއަން ރުފިޔާ އެވެ. މި ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރަށް ވުރެ 110 މިލިއަން ރުފިޔާ އިތުރަށް މި އަހަރުގެ މިހާތަނަށް ވަނީ ޚަރަދުކޮށްފަ އެވެ.

އާސަންދައިގެ އިތުރުން ސަބްސިޑީ އާއި އެހީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވެ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން، ދައުލަތުން މިހާތަނަށް 11.4 ބިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފަ އެވެ. މިދިޔަ އަހަރުގެ މިހާތަނަށް ޚަރަދުވެފައި ވަނީ 10.7 ބިލިއަން ރުފިޔާ އެވެ.

ކޮވިޑް-19 އާ ގުޅިގެން ސިއްހީ ދާއިރާ އަށް ކުރާ ހޭދަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާ އަށް 1.7 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. ނަމަވެސް ސިއްހީ ދާއިރާގެ ޚަރަދުތައް މެނޭޖު ކުރުމަށް އިތުރަށް 1.6 ބިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ދައުލަތުގެ އާމްދަނީ އިންތިހާ އަށް ދަށްވެފައިވާ މި ދަނޑިވަޅުގައި ދައުލަތުގެ ޚަރަދުތައް މެނޭޖު ކުރުމަށް 3.3 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ ކަމަށް ސަރުކާރުން ބުނެ އެވެ. ސަރުކާރަށް މިހާރު ވެސް ވަނީ ބޭރުގެ ގިނަ މާލީ އިދާރާތަކެއް މެދުވެރިކޮށް އެހީ ހޯދަމުންނެވެ.

ފިނޭންސް މިނިސްޓްރީގެ އަންދާޒާ ދައްކާ ގޮތުން މި ޚަރަދުތަކަށް "ސިނޭރިއޯ 3" ގެ ހާލަތު ކުރިމަތިވެއްޖެ ނަމަ 13-15 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ބޭނުންވެ އެވެ.