މާދަމާ ބޯޑަރު ހުޅުވާލަނީ، ގަތަރުގެ ފްލައިޓްތައް އޯވާބުކްވެއްޖެ

ގާތްގަނޑަކަށް ހަތަރު މަސް ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތް އޮތުން މާދަމާ ނިމުމަކަށް ގެނެސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާލާ އިރު، ގަތަރު އެއާލައިންގެ ފްލައިޓްތައް އޯވަބުކް ވެއްޖެ އެވެ.


އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް (އާޓާ)ގެ ނައިބު ރައީސް މުހައްމަދު އަލީ ވިދާޅުވީ ގަތަރުގެ ފްލައިޓްތައް ފުރުމުގެ ސަބަބުން ރާއްޖެއަށް ދަތުރުކުރާނީ ކުރިން ޝެޑިއުލްކުރި ބޯޓުތަކަށް ވުރެ ބޮޑެތި ބޯޓުތަކެއް ކަމަށެވެ.

މާދަމާ އާއި އޭގެ އަނެއް ދުވަހުގެ އިތުރުން ކުރިއަށް ޝެޑިއުލްގައި ހުރި ފްލައިޓްތައް ވެސް ފުލް ވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މުހައްމަދު ވިދާޅުވީ މި ހާލަތުގައި ވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރަން ބުކިން ހައްދަމުން އަންނަ ކަމަށެވެ.

"މިވަގުތު އެންމެ ގިނައިން ޓޫރިސްޓުން އަންނަން ބުކް ކުރަނީ ޔޫރަޕްގެ ގައުމުތަކާއި އެމެރިކާ އިން. ކޮންމެވެސް ވަރަކަށް އެފްރިކާގެ ގައުމުތަކުން ވެސް ބުކިން ލިބިފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.

މުހައްމަދު އަލީ ވިދާޅުވި ގޮތުގައި މިހާރު މި ދާ ގޮތަށް ދާ ނަމަ، ކޮވިޑް-19ގެ ނުރައްކަލަށް ފަހު މި އަހަރަށް ސަރުކާރުން ކަނޑައެޅި އަމާޒު ހާސިލު ވެދާނެ އެވެ. ސަރުކާރުގެ އަމާޒަކީ ނުވަ ލައްކަ ޓޫރިސްޓުން ރާއްޖެ ގެނައުމެވެ.

ރާއްޖޭގެ އިގުތިސާދުގެ މައި އިންޑަސްޓްރީ، ޓޫރިޒަމް ހުއްޓުމަކަށް އައި އިރު ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު އުޅެނީ 400،000 ގަ އެވެ.

މުހައްމަދު އަލީ ވިދާޅުވީ ބޯޑަރު ހުޅުވައިލި ނަމަވެސް، ސިއްހީ އިދާރާތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުން ވަރަށް މުހިއްމު ކަމަށެވެ. ޓޫރިޒަމް ސަލާމަތްކުރުމަށްޓަކައި އާންމު ރައްޔިތުން ވެސް ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދީ، ކޮވިޑް-19ގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދީ ހިފެހެއްޓުން ވަރަށް މުހިއްމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވައިލި ނަމަވެސް ގިނަ އެއާލައިންތަކުގެ ދަތުރުތައް ފަށާނީ އަންނަ މަހު އެވެ. މި މަހަށް ޝެޑިއުލްކޮށްފައިވަނީ ގަތަރު އެއާވޭސްގެ އިތުރުން އެމިރޭޓްސް އާއި އިއްތިހާދު އެއާވޭސްގެ ދަތުރުތަކެވެ.

އަންނަ މަހު ރާއްޖެއަށް ދަތުރުތައް ފަށާ ހަ އެއާލައިންގެ ތެރޭގައި ސްރީލަންކަން އާއި ސިންގަޕޯ އާއި އިންޑިގޯ އާއި ގަލަފް އެއާ ހިމެނެ އެވެ.

މުހައްމަދު ވިދާޅުވި ގޮތުގައި ރާއްޖެ އަންނަން ބޭނުން ޓޫރިސްޓުން ގިނަ ނަމަ މި މަހު ވެސް އިތުރު އެއާލައިންތަކުގެ ދަތުރުތައް ފެށުން އެކަށީގެންވެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓް ހިންގާ އެމްއޭސީއެލުން ކުރިން ބުނި ގޮތުގައި ބޯޑަރު ހުޅުވާލާ އިރު ޖުމްލަ 11 އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ކުރަން ނިންމާފައިވެ އެވެ.