ހޯލްސޭލް، ރިޓެއިލް ވިޔަފާރީގެ ހާލަތު އަދިވެސް ދަށްވާނެ: އެމްއެމްއޭ

ހޯލްސޭލް އާއި ރިޓެއިލް ވިޔަފާރިތަކުގެ ހާލަތު މިހާރު ހިނގަމުންދާ މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ވެސް ދަށްވާނެ ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭ އިން ލަފާކޮށްފި އެވެ.


އެ އިދާރާ އިން އިއްޔެ ނެރުނު މި އަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓުތައް ދައްކާ ގޮތުން، އެ މުއްދަތުގައި ވެސް ހޯލްސޭލް/ރިޓެއިލް ވިޔަފާރިތައް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ވިޔަފާރިތަކަށް ނޭދެވޭ އަސަރުކޮށް، ވިޔަފާރިތައް ދަށްވީ މިދިޔަ މާޗު 7 ގައި ރާއްޖެ އިން ފެނުނު ކޮވިޑް-19 ގެ ސަބަބުން ކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ވެ އެވެ.

ރާއްޖޭގައި ކޮވިޑް ފެތުރުން އަދިވެސް ކޮންޓްރޯލް ނުވެ، ހާލަތު އިތުރަށް ގޯސްވަމުންދާތީ ވިޔަފާރިތަކަށް އޭގެ އަސަރުކުރާ ވަރު ކުރިމަގުގައި ބޮޑުވާނެ ކަމަށް އިގްތިސާދީ ތަޖުރިބާކާރުން ވެސް ދަނީ ބުނަމުންނެވެ.

އެމްއެމްއޭ އިން ބުނިގޮތުގައި ކޮވިޑާ ގުޅިގެން، ރާއްޖޭގެ ވިޔަފާރިތަކުގެ ހާލަތު ކުރިއާލައި ދެނެގަނެ ކުރިމަގުގައި އަންނާނެ ބަދަލުތައް ހޯދުމަކީ ވެސް ދަތިކަމެކެވެ. ނަމަވެސް މިހާރުގެ ހާލަތަށް ބަލައި، މިހާރު ހިނގަމުން މިދާ ތިންވަނަ ކުއާޓަރުގައި ވެސް ހޯލްސޭލް/ރިޓެއިލް ވިޔަފާރިތަކުގެ ހާލަތު ދަށްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ އިދާރާ އިން ބުންޏެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ވަނީ ވިޔަފާރި ދަށްވެފަ އެވެ. ޚާއްސަކޮށް މިދިޔަ ހަތަރު މަސް ދުވަހު ޓޫރިޒަމް ހުއްޓިފައި އޮތުމުން އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ އެ ސިނާއަތަށެވެ. ނަމަވެސް މި މަހުގެ 15 ގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާ ގުޅިގެން މި ކުއާޓަރުގައި އެ ސިނާއަތުގެ ވިޔަފާރި މިދިޔަ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ރަނގަޅުވާނެ ކަމަށް އެމްއެމްއޭ އިން ލަފާކުރެ އެވެ.

މަރުކަޒީ ބޭންކުގެ ލަފާކުރުންތަކަށް ބަލާއިރު، އިމާރާތް ކުރުމުގެ ދާއިރާ ވެސް މި ކުއާޓަރުގައި ރަނގަޅުވާނެ އެވެ. ދެވަނަ ކުއާޓަރުގައި އެ ދާއިރާގެ ހާލަތު ވެސް އޮތީ ވަރަށް ބޮޑަށް ދަށުގަ އެވެ.

ކޮންމެ ކުއާޓަރެއްގެ ވިޔަފާރި ކުރިއަރާ މިންވަރު އެމްއެމްއޭ އިން ލަފާކުރަނީ އެކި ކުންފުނިތަކުން ދޭ މައުލޫމާތުގެ އަލީގަ އެވެ.

ކޮވިޑް-19 އާ ގުޅިގެން މުޅި ރާއްޖޭގެ އިގްތިސޯދު އިންތިހާ އަށް ދަށަށް ގޮސް ހުރިހާ ވިޔަފާރިތަކަށް ވަނީ ނޭދެވޭ އަސަރު ކޮށްފަ އެވެ. އިގްތިސޯދު ޓޫރިޒަމް ސިނާއަތަށް އެކަނި ބުރަވެފައިވާއިރު، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވި ނަމަވެސް ހީކުރި ވަރާ ގާތަށް ވެސް ޓޫރިސްޓުންނެއް އަދި ނާދެ އެވެ.