ޕްލާސްޓިކްގައި ޕެކްކުރުން ލެގޯ އިން ހުއްޓާލަނީ

ލެގޯގެ އުފެއްދުންތައް ޕެކްކުރަން ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލަން ނިންމައިފި އެވެ.


ކުޑަކުދިންނަށް ހާއްސަ އެޑިއުކޭޝަނަލް އުފެއްދުންތައް ނެރޭ ޑެންމާކުގެ ކުންފުނިން ބުނީ އެންމެ ބޮޑު މަގުސަދަކީ އެއްފަހަރު ބޭނުންކޮށްފައިވާ އުކައިލާ ޒާތުގެ ޕްލާސްޓިކާ މުޅިން ދުރަށް ދިއުން ކަމަށެވެ.

ލެގޯ އިން ބުނީ އަންނަ އަހަރު ލެގޯގެ އުފެއްދުންތައް ނެރޭނީ ރިސައިކަލްކުރެވޭ ކަރުދާސް ޕެކްތަކުގައި ކަމަށެވެ. އެކަމަށް އެ ކުންފުނިން މަސައްކަތްކުރާތާ ދެ އަހަރުވެއްޖެ އެވެ. އަދި އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކާ ދެކޮޅަށް މަސައްކަތްކުރަން ލެގޯ އިން ވަނީ ކުރިއަށް އޮތް ތިން އަހަރަށް 400 މިލިއަން ޑޮލަރުގެ ބަޖެޓެއް ވެސް ކަނޑައަޅައިފަ އެވެ.

ލެގޯގެ އެންވަޔަރަމަންޓަލް ރެސްޕޮންސިބިލިޓީ ޑިވިޝަންގެ ވައިސް ޕްރެޒިޑެންޓް ޓިމް ބްރުކްސް ވިދާޅުވީ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓައިލަން ނިންމީ އެކަމަށް ފިޔަވަޅު އަޅަން އެދި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކުދިންގެ ފަރާތުން ލެގޯ އަށް އިލްތިމާސްގެ ސިޓީތައް އަންނާތީ ކަމަށެވެ.

"އެ ކުދިން ކުރާ އެންމެ ބޮޑު ސުވާލަކީ ކީއްވެ ހެއްޔޭ ތިމަންނަމެންގެ ޕެކްތަކުގައި ސިންގަލް-ޔޫޒްޑް ޕްލާސްޓިކް ބޭނުންކޮށްފައި ހުންނަނީ؟" ޓިމް ވިދާޅުވި އެވެ. "އެހެންވީމަ އެ ކުދިންގެ ފަރާތުން އިންސްޕަޔާވެގެން އަހަރެން ޕްލާސްޓިކް ހުއްޓާލަނީ."

ލެގޯގެ އުފެއްދުންތަކުގައި އަހަރަކު 5،000 މެޓްރިކް ޓަނުގެ ޕްލާސްޓިކްް ބޭނުންކުރެ އެވެ. އޭގެ ތެރެއިން 10 ޕަސަންޓަކީ ޕެކިން އަށް ބޭނުންކުރާ ޕްލާސްޓިކެވެ. ޖުމްލަކޮށް ބަލާ އިރު ލެގޯގެ އުފެއްދުންތައް ތައްޔާރުކުރަން އަހަރަކު 90،000 މެޓްރިކް ޓަނުގެ ޕްލާސްޓިކް ބޭނުންވެ އެވެ.

ޕްލާސްޓިކާ ދެކޮޅަށް ކުރާ މަސައްކަތުގެ ދަށުން ލެގޯ އިން އަންނަނީ މިހާރު ބޭނުންކުރާ އާދައިގެ ޕްލާސްޓިކްގެ ބަދަލުގައި ޕެޓްރޯލިއަމް-ބޭސްޑް ޕްލާސްޓިކް އޯލްޓަނޭޓިވެއްގެ ގޮތުގައި ބޭނުން ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.