ރިސޯޓުތަކަށް އަންނަ ޓޫރިސްޓުންނަށް މިހާރު ގެސްޓުހައުސްތަކަށް ވެސް ދެވޭނެ

ރާއްޖެ އަށް އަންނަ ޓޫރިސްޓުންނަށް ރިސޯޓުތަކާއި ސަފާރީ އަދި ގެސްޓުހައުސްތަކުގައި ސްޕްލިޓް ސްޓޭގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފި އެވެ.


ސްޕްލިޓް ސްޓޭއަކީ އެއް ފެސިލިޓިގައި ޗުއްޓީ ހޭދަކުރުމުގެ ބަދަލުގައި ދެ ފެސިލިޓީއެއް ނުވަތަ އެއަށްވުރެ ގިނަ ފެސިލިޓީތަކުގައި ޗުއްޓި ހޭދަކުރުމެވެ. އެހެންކަމުން މި ހުއްދައާ އެކު މިހާރު ރިސޯޓުތަކަށް އަންނަ ޓޫރިސްޓުންނަށް ސަފާރީތަކާއި ގެސްޓުހައުސްތަކުގައި ވެސް ޗުއްޓީ ހޭދަ ކުރެވޭނެ އެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވާލުމުން އެންމެ ފުރަތަމަ ސްޕްލިޓް ސްޓޭގެ ހުއްދަ ދީފައިވަނީ ރިސޯޓުތަކަށް އެކަންޏެވެ.

ސްޕްލިޓް ސްޓޭގެ ހުއްދަ ދީ ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި ޓްވީޓް--

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވިގޮތުގައި މިހާތަނަށް ރާއްޖޭގެ 50 ޕަސެންޓަށް ވުރެ ގިނަ އެނދު ވަނީ ޓޫރިސްޓުންނަށް ހުޅުވާލައިފަ އެވެ. މީގެ ތެރޭގައި ރިސޯޓުތަކާއި ގެސްޓުހައުސްތަކާއި ސަފާރީތައް ވެސް ހިމެނެ އެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްުޖެ އަންނަ ޓޫރިސްޓުންގެ އަދަދު މަހުން މަހަށް އިތުރުވެ އެވެ. އެގޮތުން ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައިި 27،217 ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ލަފާކުރާ ގޮތުގައި މި އަހަރު ރާއްޖެ އަންނާނީ ގާތްގަނޑަކަށް 500،000 ޓޫރިސްޓުންނެވެ.