ޓޫރިޒަމް ދަށްވުމުން މިދިޔަ މަހުގެ އާމްދަނީ 58 ޕަސެންޓް މަދު

ކޮވިޑް-19ގެ ސަބަބުން ޓޫރިޒަމްގެ ވިޔަފާރި ދަށްވުމުން، މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް އާމްދަނީ ލިބުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު 57.9 ޕަސެންޓް މަދުން ކަމަށް މީރާ އިން ބުނެފި އެވެ.


މީރާ އިން ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ އޮކްޓޫބަރު މަހު ލިބުނީ 390.57 މިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު 57.9 ޕަސެންޓުގެ ދަށްވުމެކެވެ.

މީރާ އިން ބުނި ގޮތުގައި، މިދިޔަ މަހުގެ އާމްދަނީ ދަށްވީ ޓޫރިސްޓުން ރާއްޖެ އުން ކޮވިޑް-19ގެ ސަބަބުން ދަށްވެ، ޓޫރިޒަމް ދާއިރާގެ ހަރަކާތްތައް މަދުވެ އެ ދާއިރާއިން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވެފައިވާތީ އެވެ. އެގޮތުން ޖީއެސްޓީ އާއި ގްރީން ޓެކްސް ފަދަ ޓެކްސްގެ އާމްދަނީ ވަނީ މިދިޔަ މަހު ދަށްވެފަ އެވެ.

މިދިޔަ މަހު ވެސް މީރާ އަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ ޖުމްލަ އާމްދަނީގެ 63.3 ޕަސެންޓު ނުވަތަ 247.42 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 13.4 ޕަސެންޓް، ނުވަތަ 52.39 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން، ބީ.ޕީ.ޓީގެ ގޮތުގައި 20.32 މިލިއަން ރުފިޔާ ލިބިފައިވާއިރު ރެސިޑެންޓް ޕާމިޓުގެ ގޮތުގައި 18.54 މިލިއަން ރުފިޔާ، ވެހިކަލް ފީގެ ގޮތުގައި 9.34 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކްސް އާއި ފީގެ ގޮތުގައި 42.56 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މި އާމްދަނީގެ ތެރޭގައި 4.68 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.

ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ކޮށްފައިވާ ނޭދެވޭ އަސަރާއެކު ރާއްޖޭގެ މިއަހަރުގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ. އެގޮތުން މިއަހަރު އާމްދަނީގެ ގޮތުގައި 29.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރި ނަމަވެސް މި ހާލަތުގައި ލިބޭނީ 14.7 ބިލިއަން ރުފިޔާ ކަމަށް މިހާރު ވަނީ ލަފާ ކޮށްފަ އެވެ. މިއީ ކުރިން ލަފާ ކުރި އާމްދަނީއާ އަޅާ ބަލއިރު 50.9 ޕަސެންޓުގެ ދަށްވުމެކެވެ.