ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރަން މަޓާޓޯ އިން އުތުރު ޔޫރަޕަށް

އުތުރު ޔޫރަޕްގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާގައި މޯލްޑިިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބައިވެރިވާން ނިންމައި ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.


"މަކްޓާ ނޯޑިކް ޓްރެވަލް ފެއާ 2017" އޮންނާނީ އަންނަ ޖެނުއަރީ 19 އިން 22 އަށް، ފިނެލްންޑުގެ ވެރިރަށް ހެލްސިންކީގަ އެވެ. މަޓާޓޯ އިން ވަނީ އެ ފެއާގައި ރާއްޖެ ތަމްސީލުކުރަން ޝައުުގުވެރިވާ ޓޫރިޒަމް ސިނާއަތުގެ ފަރާތްތަކާއި ޓްރެވަލް އެޖެންޓުންނަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަންނަ މަހުގެ 10 ގެ ނިޔަލަށް ހުޅުވާލައިފަ އެވެ.

ނޯޑިކް ފެއާ އަކީ ޓްރެވަލް ޓްރޭޑުގެ ދާއިރާ ފުޅާކުރުމަށް ލިބޭ ބޮޑު ޕްލެޓްފޯމެކެވެ. އެ ގޮތުން، މި ފެއާގައި އެ ދާއިރާ އަށް އަލަށް ތައާރަފް ކުރާ އުފެއްދުންތަކާއި އެ ދާއިރާގައި މަސައްކަތް ކުރާ އެންމެ ބޮޑެތި ކުންފުނިތަކާއި ސަޕްލަޔަރުންނާ ގުޅުން ބަދަހި ކުރުމުގެ ފުރުސަތު ލިބެ އެވެ.

މި ފެއާ މެދުވެރިކޮށް ދުނިޔޭގެ ތިންވަނަ އަށް އެންމެ ބޮޑު ޓްރެވަލް މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރެވޭނެ ކަމަށް މަޓާޓޯ އިން ބުންޏެވެ. އެ ޖަމިއްޔާ އިން ބުނީ ނޯޑިކް ފެއާގައި ރާއްޖޭގެ ޓޫރިޒަމް، އަތްފޯރާފަށުގައި ތަފާތު ގޮތަކަށް މާކެޓް ކުރުމުުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އުތުރު ޔޫރަޕްގެ ގައުމުތަކުގެ ތެރޭގައި ފިންލޭންޑުގެ އިތުރުން، ސްވިޑްން، ޑެންމާކް އަދި ނޯވޭ ހިމެނޭ އިރު، އެ ސަރަހައްދުގެ ޖުމްލަ އާބާދީ އަކީ 25 މިލިއަނެވެ. ނަމަވެސް، އެއީ އެންމެ ގިނައިން ހަރަދު ކުރާ ޓޫރިސްޓުން ނިސްބަތްވާ ސަރަހައްދެވެ. އެ ގޮތުން، އެ ގައުމުތަކުގެ މީހުން ކޮންމެ އަހަރަކު 20 ބިލިއަނަށް ވުރެ ގިނަ ޑޮލަރުު، ދަތުރު ކުރުމަށް ހޭދަ ކުރެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން އުތުރު ޔޫރަޕްގެ ގައުމުތަކުން 12،427 ޓޫރިސްޓުން މިިދިޔަ މަހު ރާއްޖެ އައިސްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެ ސަރަހައްދުން އައި 10،661 ޓޫރިސްޓުންނަށް ވުރެ 16.6 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މި އަހަރުގެ މިހާތަނަށް އެ ސަރަހައްދުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 12.9 ޕަސެންޓް އިތުރުވެ، 109،363 އަށް އަރައިފަ އެވެ.