ކޮވިޑް-19 ޖެހުނު އަދަދު 2000 އަށް، ފަރުވާ ހޯދާ މީހުންގެ އަދަދު 800 އަށް ދަށަށް

ރާއްޖޭން އިތުރު 27 މީހަކަށް ކޮވިޑް-19 ޖެހި، ޖުމްލަ ކޭސްތަކުގެ އަދަދު 2،003 އަށް މިއަދު އަރައިފި އެވެ.


މި އިތުރުވުމާ އެކު، މިއަދު ވަނީ އިތުރު 40 މީހަކު ބަލިން ރަނގަޅުވެފަ އެވެ. ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 1،193 އަށް އިތުރުވެ މިހާރު ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 800 އަށް ދަށްވެފަ އެވެ.

ރާއްޖޭން މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 8 މީހަކު ވަނީ މަރުވެފަ އެވެ. އަދި ބަލި ޖެހިފައި ވަނިކޮށް ރާއްޖޭން އިޓަލީ ދެ މީހަކު ފުރައިގެން ގޮސްފައިވެ އެވެ.

މިއަދު އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 14 ދިވެއްސަކާއި ބަންގްލާދޭޝް 12 މީހަކާއި އިންޑިއާ މީހެކެވެ. މިހާތަނަށް ބަލި ޖެހުނު ދިވެހިންގެ އަދަދަކީ 700 އެވެ. ބަންގްލާދޭޝްގެ 1،058 މީހަކާއި އިންޑިއާގެ 191 މީހަކާއި ސްރީ ލަންކާގެ 11 މީހަކާއި އެހެން ގައުމުތަކުން 43 މީހަކަށް ރާއްޖޭގައި ވަނީ ކޮވިޑް-19 ޖެހިފަ އެވެ.

ކޮވިޑް-19ގެ ޖެހިފައި ހުރި މީހަކު ރާއްޖޭން ފުރަތަމަ ފެނުނީ މާޗް ހަތް ވަނަ ދުވަހު އެވެ. އެއީ ރާއްޖެ އައި ޓޫރިސްޓެއްގެ ގައިންނެވެ. މި ކޭސް އަށް ފަހު އޭޕްރީލް ހަތަރު ވަނަ ދުވަހާ ހަމަ އަށް 20 ކޭސް ފެނިފައި ވާއިރު އެ އެންމެންނަކީ ވެސް ރާއްޖެ އައި ޓޫރިސްޓުންނާއި ރިސޯޓްތަކުގެ ބިދޭސީ ބައެއް މުވައްޒަފުންނާއި ރާއްޖޭން ބޭރުން އައި ބައެއް ދިވެހިންނެވެ. ކޮމިއުނިޓީ ސްޕްރެޑެއްގެ ގޮތުގައި ރާއްޖޭން ކޮވިޑް-19 ފެނުނީ އޭޕްރީލް 15 ވަނަ ދުވަހު މާލެއިންނެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން މާލެ ސަރަހައްދު ލޮކްޑައުންކުރިތާ 43 ދުވަހުން ފަހުން މިދިޔަ މަހުގެ 30 ގައި ވަނީ ލުއިތައް ދޭން ފަށައިފަ އެވެ. އަދި މި ލުއިތައް އެކި މަރުހަލާތަކަށް ބަހާލައިގެން ދިނުމަށް ތާވަލެއް އާންމުކޮށް މި މަހުގެ 15 އިން ފެށިގެން ބޮޑެތި ލުއިތަކެއް ދޭން ވަނީ ނިންމައިފަ އެވެ.