ކޮވިޑަށް މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު 94 އަށް، މާލެ ސަރަހައްދުން 49

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން ކޮވިޑް-19 އަށް 94 މީހަކު ޕޮޒިޓިވްވެ، އަދަދު އަނެއްކާ ވެސް މައްޗަށް ހިނގައްޖެ އެވެ.


އެއީ މާލެ ސަރަހައްދުން 49 މީހަކާއި އަތޮޅުތެރެއިން 45 މީހަކު ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެހެން އަތޮޅުތަކުން ކޮވިޑަށް ޕޮޒިޓިވްވި 45 މީހުންގެ ތެރެއިން 42 މީހުންނަކީ ހަދަމުން އަންނަ ރިސޯޓެއް ކަމަށްވާ ކ. ރަށްފަޅު ހުރާގައި މަސައްކަތް ކުރާ ބައެކެވެ. ރަށްފަޅު ހުރާ އިން މި މަހު 15ގައި ވެސް 26 މީހަކު ޕޮޒިޓިވްވެފައި ވެ އެވެ.

އެޗްޕީއޭ އިން މީގެ ކުރިން ބުނިގޮތުގައި ހަދަމުން އަންނަ ރިސޯޓުތައް ފަދަ ތަންތަނުން ކޮވިޑް-19ގެ ކޭސްތައް ފެންނަމުން ދާތީ އެ ތަންތަނުގެ އެކްޓިވް ސަވައިލެންސް އަށް މިހާރު ވަނީ އިސްކަންދީފަ އެވެ،

ކޮވިޑަށް މިއަދު ޕޮޒިޓިވްވި 94 މީހުންނާ އެކު ރާއްޖެ އިން އެ ބައްޔަށް ޕޮޒިޓިވްވި ޖުމްލް އަދަދު ވަނީ 12،546 އަށް އަރައިފަ އެވެ. އޭގެ ތެރެއިން 11،497 މީހުން ރަނގަޅު ވެފައިވާއިރު، މިހާރު ފަރުވާދެނީ 997 މީހަކަށެވެ. އޭގެ ތެރެއިން 80 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ. އަދި 320 މީހުން ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގަ އެވެ.

މި ބަލީގައި މިހާތަނަށް ރާއްޖެ އިން 45 މީހަކު މަރުވެފައި ވެ އެވެ.