އަޖޭ.
31 ޑިސެމްބަރ 2021 - 06:20
މީގެ ތިން އަހަރު ކުރިން ރިލީޒްކުރި އަޖޭ ދޭވްގަންގެ ކާމިޔާބު ފިލްމު "ރެއިޑް" ގެ ސީކްއެލްގައި ކިޔައިދޭނީ ސެންޓްގެ ވިޔަފާރީގެ ތެރެއިން ޓެކްހަށް މަކަރު ހެދި ކާންޕޫރްގެ ވިޔަފާވެރިވެރިޔާ ޕިޔޫޝް ޖެއިންގެ ވާހަކަ ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރު ކުމާރު މަންގަތު ބުނެފި އެވެ.
މީގެ ތިން އަހަރު ކުރިން ރިލީޒްކުރި ފިލްމުގެ ދެވަނަ ބައެއް ހަދާނެކަން މިދިޔަ އަހަރުގެ ކުރީކޮޅު އިއުލާންކޮށްފައި ވަނިކޮށް، ފިލްމުގެ ޕްލޮޓާ ބެހޭ ބައެއް މައުލޫމާތު ކުމާރު ހާމަކުރީ މިހާރު ވަރާނަސީގައި ކުރިއަށްދާ ކާޝި ފިލްމު ފެސްޓިވަލްގަ އެވެ.
އޭނާ ބުނިގޮތުގައި މި ހަފުތާގެ ތެރޭގައި ފެންމަތިވި ޕިޔޫޝްގެ ވާހަކަ އަކީ ޓެކްހަށް މަކަރު ހަދައިގެން ރެއިޑް ކޮށްފައިވާ ވިޔަފާރީގެ ތެރެއިން ކިޔައިދޭން ޖެހޭ ވާހަކައެކެވެ. އަދި މިފަދަ ވާހަކަތައް ފިލްމެއްގެ ގޮތުގައި ގެންނަން ޖެހެނީ ގާނޫނާއި ގަވައިދުތަކަށް ބޯލެނބުގެ މުހިއްމުކަން ހާމަކޮށް ދިނުމުގެ ގޮތުން ކަމަށް ބުންޏެވެ.
ސެންޓްގެ ވިޔަފާރީން ބޮޑު މުއްސަނދި ކަމެއް ހޯދި ޕިޔޫޝް ޓެކްސް ނުދައްކައި، އާމްދަނީގެ ޓެކުހަށް މަކަރު ހަދަމުން ދިޔަ މައްސަލާގައި އިންޑިއާގެ ޑިރެކްޓޮރޭޓް ޖެނެރެލް އޮފް ޖީއެސްޓީ އިންޓެލިޖެންސް (ޑީޖީޖީއައި) އިން އޭނަގެ ފެކްޓްރީތަކާއި ގެ ރެއިޑްކޮށް ތިން ދުވަހަށް ދެމިގެން ދިޔަ ގޮތަށް ހިންގި އޮޕަރޭޝަނުގައި 257 ކްރޯޑް ރުޕީސް (34.34 މިލިއަން ޑޮލަރު) ގެ ނަގުދު ފައިސާ އާއި 25 ކިލޯގެ ރަނާއި 250 ކިލޯގެ ރިހި ފެނިފައިވެ އެވެ. އެއީ ވިޔަފާވެރިއެއްގެ ގެއިން އެންމެ ގިނަ އަދަދަކަށް ކަޅު ފައިސާ ހޯދި ފަހަރު ކަމަށެވެ.
ޕިޔޫޝް.
ޕިޔޫޝްގެ ވާހަކަ "ރެއިޑް 2" ގައި ކިޔައިދޭ ގޮތަށް ނިންމި ނަމަވެސް މި ފިލްމާ ބެހޭ އިތުރު ތަފުސީލުތަކެއް ކުމާރު ނުދެ އެވެ. އެކަމަކު ކުރީގެ ބަޔާ އެއްގޮތަށް ދެވަނަ ބައިގައި ވެސް އިންކަމް ޓެކްސް ކޮމިޝަނަރުގެ ރޯލު ކުޅޭނީ އަޖޭ އެވެ.
ރާޖްކުމާރު ގުޕްތާ ޑައިރެކްޓްކުރި "ރެއިޑް" އަކީ އިލިއާނާ ޑި ކްރޫޒް ބަތަލާގެ ރޯލު ކުޅުނު އެއްޗެކެވެ. އަދި 42 ކްރޯޑް ރުޕީސް (5.16 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި އެ ފިލްމަކީ ބޮކްސް އޮފީހުގައި 154 ކްރޯޑް ރުޕީސް (20.59 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy