އަވިތޭޝް.
08 ޖެނުއަރީ 2022 - 08:29
ބެލުންތެރިންގެ މެދުގައި ވަރަށް މަޝްހޫރުވި ބޮލީވުޑްގެ ފިލްމެއް ކަމަށްވާ "ލަވް ސްޓޯރީ" ގެ ބަތަލާ ވިޖޭ ޕަންޑިތުގެ ދަރިޔަކު ބޮލީވުޑަށް ނިކުތުމުގެ މަސައްކަތް ފަށައިފި އެވެ.
ވިޖޭތާ އާއި 2015 ގައި މަރުވެފައިވާ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އާދޭޝް ޝްރިވަސްތާވްގެ ދެ ފިރިހެން ދަރިންގެ ތެރެއިން މަންމަގެ ފިޔަވަޅު މަތިން އެކްޓިން އަށް ނުކުތީ އަވިތޭޝް ޝްރިވަސްތާވް، 25، އެވެ.
މިހާރު ފަސްޓް ލުކް ޕޯސްޓަރު ވެސް ދައްކާލާފައިވާ މި ފިލްމުގެ ނަމަކީ "ސިރުފް އޭކް ފްރައިޑޭ" އެވެ. މި ފިލްމު އިއުލާންކުރުމާ އެކު އަވިތޭޝްގެ އާއިލާއާ އަބަދު ވެސް ގާތް ގުޅުމެއް ބާއްވާ އަމީތާބް ބައްޗަން އަވިތޭޝް އަށް މަރުހަބާ ކިޔެވެ. އެކަމާ ގުޅިގެން އަވިތޭޝް، އަމީތާބަށް ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.
ވަރަށް އަވަހަށް ޝޫޓިން ފެށުމަށް ތައްޔާރުވަމުން އަންނަ މި ފިލްމަކީ ގިނަ އަދަދެއްގެ ޓީވީ އިޝްތިހާރުތައް ހަދާފައިވާ ލޯއިޑް ބަޕްޓިސްޓާގެ ފިލްމެކެވެ. ކާސްޓްގައި މަހޭޝް މަންޖުރޭކަރް ވެސް ހިމެނޭ "ސިރުފް އޭކް ފްރައިޑޭ" ގެ ޕްރޮޑިއުސަރުންނަކީ ދީޕަކް މުކުތު އާއި މާންސީ ބަގްލާގެ އިތުރުން ވަރުން ބަގްލާ އެވެ.
ފިލްމުގެ ޕޯސްޓަރު ދައްކާލައި، މީގެ ޝޫޓިން އަށް ތައްޔާރުވެފައި ވީ ނަމަވެސް ފިލްމާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް ހާމަކޮށްފައެއް ނުވެ އެވެ.
އަވިތޭޝް ބޮލީވުޑަށް ނުކުންނަން ނިންމި އިރު އޭނާގެ ހަގަށް ހުންނަނީ އަނިވޭޝް ޝްރިވަސްތާވް އެވެ. އެ މީހުންގެ މަންމަ ކުމާރު ގޯރަވްއާ އެކު ކުޅުނު 1981 ގެ "ލަވް ސްޓޯރީ" އަކީ ހިންދީ ސިނަމާގެ އެންމެ ރީތި އެއް ލޯބީގެ ފިލްމެވެ.
އެ ފިލްމުގެ ފަހުން ވިޖޭތާ، 54، ކުޅުނު ފިލްމުތަކުގެ ތެރޭގައި "މުހައްބަތު"، "ދީވާނާ ތޭރާ ނާމް ކާ"، "ޒަލްޒަލާ" އަދި "ޖީތޭ ހޭ ޝާން ސޭ" ހިމެނެ އެވެ. ވިޖޭތާ އަކީ ކުރިން ބައެއް ފިލްމުތަކަށް ވެސް ލަވަ ވެސް ކިޔާފައިވާ ތަރިއެކެވެ. އޭގެ ތެރޭގައި އާމިރު ޚާންގެ "ޖޯ ޖޯތާ ވޮހީ ސިކަންދަރު" އާއި ޝާހްރުކް ޚާންގެ "ކަބީ ހާ ކަބީ ނާ" އަދި އަމީތާބް ބައްޗަންގެ "ދޭވް" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy