ޑައިރެކްޓަރު ފައްތާހް "ރެހެންދި ހަދީޖާ" ބޮޑު ސްކްރީނަށް ގެންނަނީ

މަޝްހޫރު ޑައިރެކްޓަރު އަބްދުލް ފައްތާހު މިދިޔަ އަހަރު ޑައިރެކްޓް ކުރަން އުޅުނު ތާރީހީ ފިލްމް "1962 ތެނަދޫ" ސަރުކާރުން ހުއްޓުވާފައި ވަނިކޮށް ތާރީހީ ހާދިސާއަކަށް އަނެއްކާވެސް ފިލްމެއް ހަދަން ނިންމައިފި އެވެ.


ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ދައުރުގައި ތިނަދޫން މީހުން ބޭލުމާއި އެ ރަށް އަލުން އާބާދުވި ހާދިސާ ބޮޑު ސްކްރީނަށް ގެންނަން ކުރި މަސައްކަތް ފެނަށް ގޮސްފައި ވަނިކޮށް އޭނާ މިހާރު ޕްލޭންކޮށްފައި އޮތީ ތާރީހީ ވަރުގަދަ ފިލްމެއްގެ ގޮތުގައި "ރެހެންދި ހަދީޖާ" އުފައްދާށެވެ.

ފައްތާހު ގަސްތުކޮށްފައި ވަނީ އޭނާ މިހާރު ހަދަމުން އަންނަ ލޯބީގެ ފިލްމް "ހައްދު" އަންނަ ސެޕްޓެމްބަރު ހައެއްގައި ސްކްރީނަށް ގެނައުމަށް ފަހު ރެހެންދި ހަދީޖާގެ މަސައްކަތް ފަށާށެވެ.

ރާއްޖޭގެ ހަމައެކަނި ރާނީގެ ޝަރަފު އޮތް "ރެހެންދި ހަދީޖާ" ގެ ސިޔާސީ ހަޔާތް ބޮޑު ސްކްރީނަށް ގެނައުމުގެ މަސައްކަތް މިހާރު އޮތީ ފެށިފަ އެވެ. މީގެ ސްކްރީންޕްލޭ ލިޔަނީ "ހައްދު" ގެ ސްކްރީންޕްލޭ ވެސް ލިޔުނު މަހުދީ އަހުމަދެވެ.

"ވަރަށް ބޮޑެތި ރިސާޗްތަކެއް މިއަށް އެބަ ޖެހޭ ހަދަން. އެ މަސައްކަތް ކުރިއަށް އެބަދޭ. ހަމައެކަނި ރިސާޗަށް ވެސް ހައެއްކަ މަސްވަރު ނަގާނެ ކަމަށް ލަފާކޮށްފައި މިއޮތީ. ލިބެން ހުރި ފެކްޓްސްތަކުގެ މައްޗަށް ސްކްރީންޕްލޭ ފައްކާވެގެން އަންނާނީ. މިއަށް އިމްޕުޓް ދޭން ބޭނުންވާ ތާރީހު ދިރާސާ ކުރާ މީހުންނަށް ވެސް އެ ފުރުސަތު އެބަ އޮތް. އެފަދަ މީހުންނަށް ހަމަ ވެލްކަމް،" ފައްތާހް ބުންޏެވެ. "އޭގެ މާނައަކީ ރެހެންދިި ހަދީޖާގެ ސިޔާސީ ހަޔާތް ފިލްމުން ވަަރަށް ފުރިހަމަ އަށް ރީއްޗަށް ދައްކުވައި ދޭން މަސައްކަތް ކުރެވޭނޭ."

މަހުދީ: "ރެހެންދި ހަދީޖާ" ގެ ސްކްރިޕްޓް ލިޔާނީ އޭނަ.

"ރެހެންދި ހަދީޖާ" ސިނަމާ އަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

"ހަމަ ވަރުގަދަ ޗެލެންޖަކަށް މި ނިކުންނަނީ. ރާއްޖޭގައި ހުރި މިކަހަލަ ހިސްޓޮރިކަލް ވާހަކަތައް، ޝަހުސިއްޔަތުންގެ ވާހަކަތައް އެބަޖެހޭ ހަގީގަތުގައި ތާރީހަށްޓަކައި އަދި ކުރިއަށް އޮތް ޖީލަށްޓަކައި ވެސް ކިޔައި ދޭން،" ފައްތާހު ބުންޏެވެ. "ރާއްޖޭގެ ފިލްމީ ދާއިރާ މިހާރު އޮތް ހިސާބަށް ބަލާ އިރު އަދި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައި އޮތް މިންވަރަށް ބަލާ އިރު، މިކަހަލަ ވާހަކަތައް ސްކްރީނަށް ގެންނަން އަސްލު މިހާރު އެހާ އުނދަގޫ ކަމަކަށް ނުވާނެ. ވަރަށް ޓެލެންޓެޑް މީހުން މިހާރު މި ދާއިރާ އިން އެބަ ފެނޭ. އެ މީހުންނާ ކޮލަބަރޭޓްވެގެން މިކަން ކުރެވޭނެ. މި ފިލްމް ހަދާ އިރު، ވަރުގަދަ ޓީމެއް ފަހަތުގައި އެބަ އޮތް."

"ހިމޭން ދުނިޔެ" އާއި "14 ވިލޭރޭ" ފަދަ ފިލްމްތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދިން ޑައިރެކްޓަރު ބުނީ ތާރީހީ ފިލްމްތައް ހެދުމުގެ ޝައުގުވެރިކަން މިހާރު ވަރަށް ބޮޑު ކަމަށެވެ.

"ރާއްޖޭގެ ފިލްމީ ދާއިރާ މިހާރު އޮތް ހިސާބަށް ބަލާ އިރު އަދި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައި އޮތް މިންވަރަށް ބަލާ އިރު، މިކަހަލަ ވާހަކަތައް ސްކްރީނަށް ގެންނަން އަސްލު މިހާރު އެހާ އުނދަގޫ ކަމަކަށް ނުވާނެ،"

އެހެންވެ އެ ފުރުސަތު ރާއްޖޭގައި އޮންނަން ޖެހޭނެ ކަމަށް ބުންޏެވެ.

"އަސްލު އެހާ ބޮޑަށް ތާރީހީ ހާދިސާތަކަށް ޝައުގުވެރިވާން ފެށީ، ރަށްފުށުގެ ދިރިއުޅުމާއި ތަރައްގީ އަށް ކުރެވޭ މަސައްކަތުގެ މައްޗަށް ބިނާކޮށް ވައްޓަފާޅި ޑޮކިއުމަންޓްތީ ހަދަން ފެށި ފަހުން،" ފައްތާހު ބުންޏެވެ. "ރާއްޖޭގެ ތާރީހުގައި އެބަހުރި ސްކްރީނާ ހަމައަށް ގެނެސް ދޭން ވަރަށް ޝައުގުވެރި ވާހަކަތައް. ތެނަދޫ ފިލްމް ވެސް ހަދަން އުޅުނީ ހަމަ އެ ނިޔަތުގައި."

އޭނާ ބުނީ އަނެއްކާ ވެސް ތާރީހީ ބޮޑު ފިލްމަކާ ދިމާލަށްދާ އިރު، އޮތީ އެންމެ ދެ ސުވާލެއް ކަމަށެވެ.

"އެއީ ދިވެހިން ތާރީހު ފިލްމް ބަލަން ބޭނުންވޭތޯ ނުވަތަ ނޫންތޯ؟" 2014 ގައި "އާދޭސް" ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ.

"ރެހެންދި ހަދީޖާ" ގެ ވާހަކަ ސްކްރީނަށް ގެންނައިރު މި ފިލްމު ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ވެސް ޝޫޓް ކުރާނެ އެވެ.