31 ޖުލައި 2017 - 06:26
ބޮލީވުޑް ބަތަލާއިންގެ ތެރެއިން ހޮލީވުޑްގައި މިހާތަނަށް ރަނގަޅަށް ފައިތިލަ ސާބިތު ކުރެވުނު ހަމައެކަނި ބަތަލާއަކީ ޕްރިޔަންކާ ޗޯޕްރާ އެވެ. މިހާރު އަނެއްކާވެސް އޭނާ ހޮލީވުޑްގައި އާ ހަރުފަތަކަށް އަރަން ތައްޔާރުވަނީ އެވެ.
ވެރައިޓީ ވެބްސައިޓުން ބުނި ގޮތުގައި އިންޑިއާގެ މަޝްހޫރު ފިލްމީ ބަތަލާ މާދުރީ ޑިކްޝިޓްގެ ހަޔާތާ ގުޅޭ ގޮތުން ކޮމެޑީ ސީރީޒެއް ޕްރޮޑިއުސްކުރަން ޕްރިޔަންކާ އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ނަމެއް ހަމަޖެހިފައި ނުވާ މި ސީރީޒް ދައްކަން ހަމަޖެހިފައިވަނީ ޔޫއެސް ނެޓްވާކް އޭބީސީ އިންނެވެ.
މިއީ ޕްރިޔަންކާ އާއި މާދުރީ ގުޅިގެން އުފައްދާ ސީރީޒް އެކެވެ. މި ސީރީޒްގައި ދައްކާނީ ބޮލީވުޑްގައި އެތައް ދުވަހަކު ރަނިކަން ކުރުމަށް ފަހު، އެމެރިކާގައި ދިރިއުޅޭ ޑޮކްޓަރަކާ ކައިވެނިކޮށްގެން މާދުރީ އެމެރިކާގައި ދިރިއުޅެން ދިއުމަށް ފަހު އެ ގައުމުގައި މުޅިން އާ ދިރިއުޅުމެއް ފަށަން ކުރި މަސައްކަތެވެ.
މުޅިން ތަފާތު ދެ ސަގާފަތެއްގެ ދެ އާއިލާގެ ތެރޭގައި އޭނާ ހަމަޖެހެންކުރާ މަސައްކަތެވެ. މާދުރީ އެމެރިކާގައި އުޅޭ ހިސާބުގެ ފޫހި ދިރިއުޅުން މާދުރީގެ ލައިފްސްޓައިލްގެ ސަބަބުން ބަދަލުވެގެންދާ ގޮތް ސިލްސިލާގައި ދައްކާނެ އެވެ.
ޑރ. ޝްރީރާމް ނޭނޭ އާއި މާދުރީ ކައިވެނިކުރީ ފިލްމީ ކެރިއަރުގެ އެންމެ އުހަށް އެރިފައި ވަނިކޮށެވެ. އަދި ކައިވެންޏަށްފަހު އޭނާ ފިލްމީ ދުނިޔެ ދޫކޮށް އެމެރިކާގެ ޑެންވާގައި ފިރިމީހާއާ އެކު ދިރިއުޅުން ފެށި އެވެ. ބޮލީވުޑާ ދުރުގައި ގިނަ އަހަރުތަކެއް ވަންދެން އުޅެ، ދެ ދަރިން ވެސް ލިބުނު ފަހުން މާދުރީ ވަނީ މީގެ ފަސް އަހަރު އަހަރު ކުރިން އިންޑިއާއަށް ބަދަލުވެފަ އެވެ.
ކިތަންމެ ދުވަހެއް ވަންދެން މާދުރީ ފިލްމީ ދުނިޔެއާ ދުރުގައި އުޅުނަސް އޭނާގެ މަގުބޫލުކަމާއި މަޝްހޫރުކަމަކަށް އުނިކަމެއް ނާދެ އެވެ. އޭނާ ރީތިކަމާއި ނެށުމަށް މޮޅުކަމުގެ ވާހަކައަކީ މިހާރު ވެސް ބޮލީވުޑްގެ އެންމެ ގިނަ ބަޔަކު އެއްބަސްވާ ހަގީގަތެކެވެ.
އާ ސިލްސިލާގެ ޕައިލޮޓް ލިޔެ އެގްޒެކެޓިވް ޕްރޮޑިއުސް ކުރާނީ "ޖެނެރަލް ހޮސްޕިޓަލް: ނައިޓް ޝިފްޓްސް" ޝޯގެ ލިޔުންތެރިޔާ ޝްރީ ރާއޯ އާއި މާދުރީގެ ފިރިމީހާ ޑރ. ނޭނޭ އެވެ.
މާކް ގޯޑަން އާއި ނިކް ޕެޕާގެ މާކް ގޯޑްން ކޮމްޕެނީ (އެމްޖީސީ) އަކީ މި ޝޯގެ އެގްޒެކެޓިވް ޕްރޮޑިއުސަރުންނެވެ. މި ކުންފުނިން މިހާރު އުފައްދައި ދައްކަމުން އަންނަ ސީރީޒްތަކުގެ ތެރޭގައި "ރޭ ޑޮނޮވަން"، "ގްރޭޒް އެނަޓަމީ" އަދި "ކުއަންޓިކޯ" ހިމެނެ އެވެ.
އޭބީސީ ސްޓޫޑިއޯޒް އިން މި ފިލްމު އެމްޖީސީއާ އެކު ކޯ-ޕްރޮޑިއުސްކުރަން ވަނީ ހަމަޖެހިފަ އެވެ. މި ޝޯ އުފެއްދުމުގައި އޭބީސީއާ ގުޅިގެން މަސައްކަތް ކުރާތީ ޕްރިޔަންކާ ވެސް ވަނީ ހޮލީވުޑް ޕްރޮޑިއުސަރަކަށް ވެފަ އެވެ.
ވެރައިޓީ މަޖައްލާގެ މި ޚަބަރުގެ ސްކްރީން ޝޮޓެއް އިންސްޓަގްރާމް ކޮށް ޕްރިޔަންކާ ވަނީ މި ޚަބަރަކީ ތެދެއްކަން ޔަގީންކޮށްދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy