ފައްތާހުގެ "ހައްދު"ގެ ޕްރިމިއާ އައްޑު އާއި ކުޅުދުއްފުށީގައި

އައްޑު އާއި ކުޅުދުއްފުށީގައި ވަރަށް ކުލަގަދަކޮށް ފިލްމްގެ ޕްރިމިއާ ބާއްވަން ވަނީ ރާވާފައި.

އަންނަ މަހުގެ ހައެއްގައި ރިލީޒް ކުރާ، ޑައިރެކްޓަރު އަބްދުލް ފައްތާހުގެ ފިލްމް "ހައްދު" ރާއްޖޭގެ ދެ އަތޮޅެއްގައި ވަރަށް ކުލަގަދަކޮށް ޕްރިމިއާ ކުރާނެ ކަމަށް ފައްތާހު ބުނެފި އެވެ.


އޭނާ ބުނީ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ސިނަމާގައި ފިލްމް ޕްރިމިއާ ކުރުމަށް ފަހު، ހަތް ވަނަ ދުވަހުގެ ރޭ އައްޑޫ ހިތަދު އާއި މަރަދޫގައި ޕްރިމިއާ ކުރުމަށް ފަހު، 14 ވަނަ ދުވަހުގެ ރޭ ހދ. ކުޅުދުއްފުށީގައި ޕްރިމިއާ ކުރާނެ ކަމަށެވެ.

"މި ޕްރިމިއާތަކުގައި ފިލްމުގެ ލީޑް ކާސްޓުންނާއި ބައެއް ލަވަ ކިޔުންތެރިންނާއި ކްރޫގައި ހިމެނޭ ބައެއް މީހުން ވެސް ބައިވެރި ވާނެ،" ޑައިރެކްޓް ކުރި 12 ވަނަ ފިލްމާ ބެހޭ ގޮތުން ފައްތާހް ބުންޏެވެ.

ކާމިޔާބު ޑައިރެކްޓަރު ބުނީ 21 އަހަރުވީ ފިލްމީ ކެރިއަރުގައި މިހާތަނަށް އޭނާގެ އެއްވެސް ފިލްމެއް ރާއްޖޭގެ ރަށެއްގައި ޕްރިމިއާ ނުކުރާ ކަމަށެވެ.

"އެކަމަކު މި ފަހަރު ވަރަށް ބޮޑުކޮށް މިކަން ބާއްވަން ބޭނުން ވަނީ. ހާއްސަކޮށް އައްޑުއަށް ބަލާ އިރު ވަރަށް މޮޑަން އަދި އެންޓަޓައިންމަންޓަށް ލޯބިކުރާ ބަޔަކު އުޅޭ ތަނެއް އެއީ،" އޭނާ ބުންޏެވެ. "އެހެންވެ އެންޖޯއިކޮށްލެވޭ ކަހަލަ ގޮތަކަށް ޕްރިމިއާ ބާއްވައި ދޭނަން."

ފައްތާހު ބުނީ އޭނާގެ އަމާޒަކީ މި ފަހަރު ފިލްމް ރާއްޖޭގެ ވީހާ ވެސް ގިނަ ރަށްތަކެއްގައި ދެއްކުން ކަމަށެވެ.

"މަށަކީ އަބަދު ވެސް ރަށްރަށާ ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ މިީހަކަށްވާތީ ވަރަށް ގިނަ ރަށްރަށުން ރެކްއެސްޓްކޮށްފައި އެބަހުރި މިހާރު ވެސް ސީދާ އަހަރެން ގޮސްގެން ފިލްމް އަޅުވައި ދޭން. އެހެންވީމާ އެކަން ކޮށްދެވޭތޯ ބަލާނަން. މީގައި ނުބަލާނަން އާބާދީ ބޮޑު ރަށެއް ކުޑަ ރަށެއް،" ރަށްރަށުގެ ދިރިއުޅުން "ވައްޓަފާޅި" ޑޮކިއުމަންޓްރީން ގެނެސްދޭ ޑައިރެކްޓަރު ބުންޏެވެ. "ރަށްރަށުގެ އިތުރަށް ވަރަށް ގިނަ ރިސޯޓްތަކުގައި ވެސް ފިލްމް މި ފަހަރު އަޅުވާނަން. ބޭނުމަކީ ވެސް ވީހާ ވެސް ގނަ ބަޔަކަށް ފިލްމް ދައްކާލުން."

"ހައްދު" ގެ ޓްރެއިލާ: ފިލްމް އަޅުވާނީ އަންނަ މަހުގެ ހައެއްގައި.

މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދާ "ހައްދު" ގެ ލީޑް ރޯލުން ފެންނަނީ އަލަށް ތައާރަފުވާ އަހުމަދު ޝިބާންއާ އެކު މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ އެވެ.

މި ފިލްމް އަންނަ މަހު ހަ ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ޕްރިމިއާ ކުރުމުގެ ކުރިން ހަމަ އެ ދުވަހުގެ ހަވީރު ޝްވެކް ސިނަމާގައި ސްޕެޝަލް ސްކްރީނިންއެއް ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ.