"ވިޝްކާ"ގެ އާ ޝޯތަކުގެ ޓިކެޓް ވިއްކަން ފަށައިފި

މި އަހަރުގެ އަންހެނުންގެ ދުވަހު ޝްވެކް ސިނަމާގައި ޕްރިމިއާ ކުރި ޔާރާ ޕްރޮޑަކްޝަންގެ ފިލްމް އޮލިމްޕަސް ސިނަމާ އަށް ގެންނަން ނިންމައި، ފިލްމްގެ ޓިކެޓް މިއަދު އެތަނުން ވިއްކަން ފަށައިފި އެވެ.


ސްރީ ލަންކާގައި މިހާރު ކުރިއަށްދާ ސާކް ފިލްމް ފެސްޓިވަލްގައި ރާއްޖޭން ވާދަ ކުރާ "ވިޝްކާ" ގެ ދެ ޝޯ އޮލިމްޕަހުގައި ދައްކަން ވަނީ ހަމަޖެހިފަ އެވެ. އެއީ މި މަހުގެ 30 އާއި އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ރެ އެވެ.

ޕްރޮޑިއުސަރި އަދި ބަތަލާ ރިޝްމީ ބުނީ އޮލިމްޕަހުން މިއަދު ފިލްމްގެ ޓިކެޓް ވިއްކަން ފެށި އިރު، ފިލްމަށް ހާއްސަ ކުރި ހޮޓްލައިން ނަމްބަރުން މިއަދާ ހަމައަށް ޓިކެޓް ހޯދަން ބޭނުންވި މީހުންނަށް ޓިކެޓް ޑެލިވަ ވެސް ކޮށްދީފައިވާ ކަމަށެވެ.

"މިހާރު ހަމަ އޮލިމްޕަސް ކައުންޓަރުން ޓިކެޓް ގަންނަން ލިބޭނެ،" ޓިކެޓް ވިއްކަނީ 100ރ. އަށް ކަން ފާހަގަކޮށް އޭނާ ބުންޏެވެ. "މިހާރު ޓިކެޓް ޑެލިވަކޮށް ދިނުން ވަނީ ހުއްޓާލާފައި. އޮލިމްޕަސް ކައުންޓަރުން މިހާރު ޓިކެޓް ގަންނަން ލިބޭނީ."

ރިލީޒް ކުރިތާ ނުވަ މަސް ފަހުން "ވިޝްކާ" އޮލިމްޕަހަށް ގެންނަން ނިންމި، އެ ސިނަމާގައި މިހާރު ވެސް އަންނަނީ ރިޝްމީ ޑައިރެކްޓްކޮށްފައިވާ ފިލްމް "ބޮސް" ދައްކަމުންނެވެ. ރިޝްމީ ބުނީ "ވިޝްކާ" އޮލިމްޕަހުގައި ދައްކަން ނިންމީ އެ ފިލްމް އެ ސިނަމާގައި ބަލާލަން ބައެއް މީހުން އެދިފައިވާތީ، އެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ.

"ވިޝްކާ" އަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ރަވީ ފާރޫގް ޑައިރެކްޓްކޮށްފައިވާ ކްރައިމް ތުރިލާއެކެވެ. ފިލްމްގެ ލީޑް ރޯލް ކުޅެފައި ވަނީ ރިޝްމީ އާއި ރަވީގެ އިތުރުން އަހުމަދު ސައީދެވެ.