ޕްރޮޑިއުސަރު/ޑައިރެކްޓަރު ފާތުމަތު ނަހުލާ ދާދި ފަހުން ބުނި ގޮތުގައި އޭނާ އަންނަނީ ފިލްމަކަށް ވުރެ ބޮޑު މަސައްކަތެއް ފަށަން ތައްޔާރުވަމުންނެވެ.
އެ ބުނާ ބޮޑު އެއްޗަކީ ކޯޗެއްކަން މިހާރު މިއޮތީ ޔަގީންވެފަ އެވެ. އެއީ ވެބް ސީރީޒެކެވެ. އޭނާގެ އަމިއްލަ ސްކްރިޕްޓަކަށް ހަދާ މި ވެބް ސީރީޒްގެ ނަމަކީ "ހުވާ" އެވެ. ޑައިރެކްޝަން ހަވާލުކޮށްފައި ވަނީ ނަހުލާއާ އެކު "އުމުރަށް ސަލާން" ޑްރާމާ ސިލްސިލާގައި ވެސް ޑައިރެކްޝަން ހެދި އެކްޓަރު މުހައްމަދު ފައިސަލެވެ. އަދި ވެބްސީރީޒްގެ މުހިއްމު ރޯލަކުން ވެސް އޭނާ ފެނިގެން ދާނެ އެވެ.
ނަހުލާ ބުނީ "ހުވާ" ގެ ޑައިރެކްޝަންގައި ފައިސަލާ އެކު އެކްޓަރު/ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ވެސް މަސައްކަތް ކުރާނެ ކަމަށެވެ.
ކ. ގުރައިދު އާއި މާލޭގައި ޝޫޓް ކުރާ "ހުވާ" އިން 30 އެކްޓަރުން ފެނިގެން ދާނެ އެވެ. އޭގެ ތެރޭގައި މަޝްހޫރު ގިނަ ތަރިންނާ އެކު އާ މޫނުތަކެއް ވެސް ހިމެނެ އެވެ. މީގެ ކާސްޓުންގެ ތެރޭގައި އައިމިނަތު ރިޝްފާ، އިބްރާހީމް ޖިހާދު (ޖިމީ)، އަލީ އާޒިމް (ދޮންއައްޔަ) އަދި ޝީލާ ނަޖީބް ފަދަ ތަރިން ހިމެނެ އެވެ.
"ބޮޑު ހަރަދެއްކޮށްގެން ބޮޑު ޓީމަކާ އެކު ކުރާ ވަރަށް ބޮޑު އަދި އެހާމެ ބުރަ މަސައްކަތެއް މިއީ،" ހުވާއަކީ އާޓްގެ ދާއިރާ އަށް ވަރަށް ލޯބި ކުރާ ޕްރޮޑިއުސަރެއްގެ ބެކިންއާ އެކު ހަދާ އެއްޗެއްކަން ފާހަގަކޮށް ނަހުލާ ބުންޏެވެ. "އެކަމަކު އެއީ ކާކު ކަމެއް ބުނާކަށް އަދި ބޭނުމެއް ނޫން. މި ކަހަލަ ބޮޑު މަސައްކަތަކަށް އޭނަ ދިން އިންޓްރަސްޓާ އެކު އަހަރެން ގަބޫލު ކުރަނީ މިއީ ފިލްމީ ދާއިރާ އަށް ވެސް ކުރިއަށް އޮތް ތަނުގައި ހުޅުވިގެން ދާނެ ވަރަށް ބޮޑު ދޮރެކޭ."
ނަހުލާގެ ބުނީ އަމިއްލަ ފިލްމް ކުންފުނި ކްރިސްޓަލް އެންޓަޓައިންމަޓުން ގެނެސްދޭ އެއްޗެއްގެ ގޮތުގައި "ހުވާ" އާންމުންނަށް ދޫކޮށްލާ އިރު ބަލައިލާ ހިތްވާ ކަހަލަ ފެންވަރު ރަނގަޅު، ޝައުގުވެރި އެއްޗަކަށް ވާނެ ކަމަށެވެ.
"ވެބް ސީރީޒެއް ރާއްޖޭގައި ގެނެސްދޭން މި އުޅެނީ އަލަށް. އެކަމަކު މީގެ ސަބަބުން އެތައް ބަޔަކަށް އާ ފުރުސަތަތަކެއް ވެސް ފަހިވާނެ ކަމުގެ އުންމީދު ވަރަށް ބޮޑު،" އޭނާ ބުންޏެވެ. "އަހަރެން މެދުވެރިވެގެން ފިލްމީ ދާއިރާގައި މި ކަހަލަ މަސައްކަތެއް ކުރެވޭތީ ވަރަށް އުފަލުން މި ހުރީ. އެކަމަކު މިއީ ވިޔަފާރިއަކަށް ވުރެ ބޮޑަށް ކޮލިޓީ އެއްޗެއް ގެނެސް ދޭން ކުރާ މަސައްކަތެއް."
އިޖުތިމާއި އެކި ކަހަލަ މައްސަލަތަކަށް އަލިއަޅުވާލައިގެން ގެނެސްދޭ "ހުވާ" އަކީ ގާތްގަނޑަކަށް ހައެއްކަ މަހަށް ދެމިގެން ދާނެ ވެބް ސީރީޒެކެވެ.
"މީގެ ސްޓޯރީ ވަރަށް ފުޅާ ވާނެ. އާއިލީ އިޖުތިމާއީ ވަރަށް ގިނަ އިޝޫސްތަކަކަށް މީގެ އެޕިސޯޑްތައް ބޭސްވެފައި ހުންނާނެ. ކުރުކޮށް ބުނަންޏާ މި އެއްޗަކީ މަސާލާ އެއްޗެއް،" މިދިޔަ އަހަރު "ބޮސް" ގެނެސް ދިން ޕްރޮޑިއުސަރު ބުންޏެވެ.
"ތިޔަ ލޯތްބަށް ގަދަރު ކުރަން" ކަހަލަ ކާމިޔާބު ޓީވީ ސިލްސިލާތަކެއް ވެސް މީގެ ކުރިން ގެނެސް ދިން ނަހުލާ ބުނީ "ހުވާ" އަށް އިންތިޒާރު ކުރާ މީހުންނަށް އެޕްރީލް މަހުގެ ތެރޭގައި އުފާވެރި ހަބަރެއް ލިބިގެން ދާނެ ކަމަށެވެ.
މި ވެބް ސީރީޒްއަކީ ރާއްޖޭގައި އަމަލީ މަސައްކަތް ފެށި މިފަދަ ފުރަތަމަ ޕްރޮޖެކްޓެވެ.
ނަމަވެސް ޑާކް ރެއިން އެންޓަޓައިމަންޓުން ވެސް މިދިޔަ އަހަރު ވަނީ "މާމުއި" ގެ ނަމުގައި ވެބް ސީރީޒެއް ހަދަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ. އެ ޑައިރެކްޓް ކުރާނީ އަލީ ޝިފާއު (ޗިއްޕެ) އެވެ.