ޕީއެސްއެމް އަށް އޮލިމްޕަހުގައި ވަކި އާ މަންޒަރެއް ދެއްކިދާނެތަ؟

ފިލްމީ ދާއިރާގެ މީހުން އެންމެ ކަންބޮޑުވާ އެއް މައްސަލައިގެ ތެރޭގައި ދިވެހި ފިލްމުތައް އަޅުވަން ހުރި ރަސްމީ ސިނަމާ އޮލިމްޕަހުގެ މައްސަލަ ހިމެނެ އެވެ. ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އެ ސިނަމާގެ ސީޓްތައް ބަދަލުކޮށް، ތަން އޭސީކޮށް އީމާރާތުގެ އާބާތުރަ ކޮންމެވެސް ވަރަކަށް ފިލުވި ނަމަވެސް، އެކަށީގެންވާ ގޮތަކަށް އޮލިމްޕަސް ސިނަމާ ނުބެލެއްޓޭތީ ތަނުގެ ހާލަތު ދަށެވެ. ސިނަމާ ހޯދުމަކީ ވެސް ވަރަށް ބޮޑު އުނދަގުލެކެވެ.


އެތަނުގެ ސައުންޑާއި ފާހާނާތަކާއި ކެންޓީނާއި ޓިކެޓް ކައުންޓަރު ފަދަ ކަންތައްތައް އެއީ އަތުން ދޫވެފައި ހުރި ކަންކަމެވެ. އެހެންވެ އެކަންކަމަށް އަވަސް ހައްލުތަކެއް ބޭނުންވެ އެވެ.

ނެޝަނަލް ސެންޓް ފޮ ދި އާޓްސް (އެންސީއޭ) ގެ ދަށުގައި ކުރިން ހުރި ސިނަމާ މިހާރު ވަނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ދަށަށް ބަދަލުކޮށްފަ އެވެ. އެއާ އެކު ޝޯއަކަށް ކުރިން އޮލިމްޕަސް ކުއްޔަށް ދޫކުރަމުން އައި އަގު މިހާރު ވަނީ 4،000ރ. 2،000ރ. އަށް ކުޑަކޮށްފަ އެވެ. މި ބަދަލާ މެދު ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ތިބީ ވަރަށް ހިތްހަމަޖެހިފަ އެވެ.

އޮލިމްޕަހުގައި އެޅުވީ 3ޑީ ފިލްމެއް ބަޔަކު ބަލަނީ: މި ސިނަމާގެ ފެންވަރު މަތި ކުރަން ޖެހޭ.

އަނެއްކޮޅުން ޕީއެސްއެމްގެ ދަށަށް އޮލިމްޕަސް ގެންދިއުމާ އެކު، އެ ކުންފުނިން ވަނީ ފިލްމީ ދާއިރާ އަށް އުންމީދުތަކެއް ވެސް ގެނެސްދީފަ އެވެ. އޭގެ ތެރޭގައި ބޮޑަށް ހުރީ ހަމަ ކުރީގެ ސަރުކާރަކުތަކުގައި ވެސް ފިލްމީ ދާއިރާގެ މީހުންނަށް ދެއްކި ހުވަފެންތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެންމެ މުހިއްމު ކަމަކީ ޒަމާނީ ފެންވަރުގެ ރަނގަޅު ސިނަމާއެއްގެ ގޮތުގައި އެތަން ހިންގައިދޭނެ ވާހަކަ އެވެ. މިއީ އެއްގޮތަކަށް ވެސް އާ ވާހަކައެއް ނޫނެވެ.

ޑރ. ވަހީދުގެ ސަރުކާރުގައި އޮލިމްޕަހަށް ބަދަލުތަކެއް ގެނެވުނީ ވެސް، އެ ޝަކުވާތަކާ އެކު ފިލްމީ ދާއިރާގެ މީހުން ހިނގާތާ ވެސް އެތަކެއް އަހަރުތަކެއް ފަހުންނެވެ. އެހެންވެ ޕީއެސްއެމުން ފިލްމީ ދާއިރާގެ މީހުންނަށް މި ފަހަރު ދިން އުންމީދުތަކަކީ ހުސް ވާހަކަ އަށް ނުވުމަކީ މި ދާއިރާގެ އެންމެ ބޮޑު އުންމީދެވެ.

ފިލްމީ ދާއިރާގެ މީހުން އެއްތަންކޮށް، އޮލިމްޕަހުގެ ތަރައްގީގެ ވާހަކަ އާއި ފިލްމު ހަދަން ލުއި ލޯނު ދޫކުރުން ފަދަ ވައުދުތައް ޕީއެސްއެމުން ވުމަކީ ރިޔާސީ އިންތިހާބު ބޯމަތިވުމުން، ފިލްމީ ދާއިރާގެ މީހުން "ގަނެލައި މި ސަރުކާރަށް ވޯޓް ހޯދަން ޖެހި މަޅިއަކަށް ނުވާނެތޯ" ވެސް ސުވާލު އުފައްދާ މީހުން އެބަ ތިއްބެވެ.

ޕީއެސްއެމުން ފިލްމީ ދާއިރާގެ މީހުންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް

"އަހަރެން ވަަރަށް ބޮޑަށް އުންމީދު ކުރަން މިއީ ސިޔާސީ ބޭނުމެއްގައި ދައްކާ ވާހަކަތަކަކަށް ނުވުމަށް. ކޮންމެ ސަރުކާރެއް އޮތަސް ފިލްމީ ދާއިރާގެ ޑިވެލޮޕްމަންޓަށް މަސައްކަތްކޮށްދޭ ކަމަށް ވަންޏާ އަހަރެމެންގެ މައްސަލައެއް،" މަޝްހޫރު ޕްރޮޑިއުސަރަކު ބުންޏެވެ.

ޕްރޮޑިއުސަރު/ޑައިރެކްޓަރު ފާތުމަތު ނަހުލާ ބުނި ގޮތުގައި ޕީއެސްއެމުން އެ މީހުންނާ ބައްދަލުކޮށް ދެއްކި ވާހަކަތައް އެއްގޮތަކަށް ވެސް އަލެއް ނޫނެވެ.

"އެކަމަކު އުންމީދުތަކެއް ދިނީމަ އެ ކަންކަން ވާނެ ކަމަށް އަޅުގަނޑުމެން އެންމެން ވެސް ވަރަށް ބޮޑަށް ގަބޫލު ކުރަން،" އޭނާ ބުންޏެވެ.

ނަހުލާ ބުނި ގޮތުގައި އޮލިމްޕަސް ޕީއެސްއެމްގެ ދަށުން ހިންގުމަކީ ހެޔޮ ފާލެކެވެ. އޭނާ ބުނި ގޮތުގައި ކޮލިޓީގައި ފިލްމުތައް ސްކްރީން ކުރެވޭ ވަރުގެ ތަނަކަށް ވެސް އޮލިމްޕަސް ހެދުމަކީ ވަރަށް މުހިއްމުވެފައި އޮތް ކަމެކެވެ.

"އެ ބަދަލާ އެކު އެބަ ޖެހޭ އޮލިމްޕަހުގައި މިހާރު ހުރި އިޝޫސްތައް ހައްލުކޮށް ދޭން. އެކަން ކުރުމަށް އެހާ ދިގު މުއްދަތެއް ނަގާނެ ކަމަކަށް ވެސް ގަބޫލެއް ނުކުރެވޭ،" އޭނާ ބުންޏެވެ.

ޕްރޮޑިއުސަރު މުހައްމަދު (މޮގާ) އަލީ ވެސް ބުނީ ޕީއެސްއެމްގެ ދަށަށް އޮލިމްޕަސް ގެންގޮސް، އަގު ދެގުނަ ކުޑަކުރުމަކީ ވަރަށް އުފާވި ކަމެއް ކަމަށެވެ.

"އެކަން ހެޔޮހިތުން ޝުކުރުވެރިކަމާ އެކު ބަލައިގަންނަން. އަދި އޮލިމްޕަހުގެ ސައުންޑް ސިސްޓަމް ވީހާ ވެސް އަވަހަކަށް ރަނގަޅު ކުރުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް،" އޭނާ ބުންޏެވެ.

ޕީއެސްއެމުން ފިލްމީ ދާއިރާ އަށް ވި ވައުދުތަކުގެ ތެރޭގައި އޮލިމްޕަހަކީ ދިވެހި ފިލްމުތަކަށް އަބަދު ވެސް އިސްކަން ދޭނެ ތިއޭޓަރަކަށް ހެދުން ހިމެނެ އެވެ. ފިލްމެއް އަޅުވާފައި އޮއްވައި، ކޮންމެވެސް އިވެންޓެއް ބާއްވަން ޝޯތައް މެދުކަނޑާލަން ޖެހުމަކީ ޕްރޮޑިއުސަރުން އަބަދު ވެސް ކުރާ ޝަކުވާއެކެވެ.

އޮލިމްޕަހަށް ޒަމާނީ ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ކަމުގެ ޔަގީންކަމާ އެކު ޕީއެސްމުން ވަނީ މާލޭގައި އިތުރު ސިނަމާއެއް ހަދާނެ ކަމުގެ އިޝާރާތެއް ވެސް ދީފަ އެވެ.

މިދިޔަ އަހަރު އޮލިމްޕަހުގައި އެޅުވި ފިލްމެއްގެ ޕްރިމިއާގެ ތެރެއިން.

"އޮލިމްޕަހުގެ ސީޓް ބަދަލު ކުރި ފަހުން ކުރިއަށް ވުރެ އެތަނުގެ ޖާގަ މިހާރު ކުޑަ. އެހެންވެ ޕީއެސްމުން ބުނެފައި އެބަ އޮތް އޮލިމްޕަހުގެ ޖާގަ ވެސް އިތުރުކޮށް ދިނުމާ އެކު، މާލޭގައި އިތުރު ކުޑަ ސިނަމާއެއް ހެދުމުގެ ވިސްނުން ވެސް ހުރި ވާހަކަ،" ނަހުލާ ބުންޏެވެ. "އެއީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަން."

ޕީއެސްއެމާ އެކު ބޭއްވި ބައްދަލުވުމުގައި ޕްރޮޑިއުސަރުން ވަނީ ރަށްރަށުގައި ފިލްމުތައް ދައްކަން ހުރި ގޮންޖެހުންތަކުގެ ވާހަކަ ވެސް ހިއްސާކޮށްފަ އެވެ. އެހެންވެ އެކަމަށް ވެސް ލުއިތަކެއް ހޯދައި ދޭން މަސައްކަތް ކުރާނެ ކަމަށް ޕީއެސްއެމުން ބުނެފައިވެ އެވެ.

"ގިނަ ރަށްރަށަކީ ފިލްމު ދައްކާނެ ސިނަމާއެއް ވެސް ނެތް ރަށްތައް. ދެން މި ހުންނަނީ ސްކޫލްތަކުގެ ހޯލްތައް މިކަމަށް ބޭނުން ކުރެވޭ ކަހަލަ ތަންތަނުގެ ގޮތުގައި،" މޮގާ ބުންޏެވެ. "އެކަމަކު ހޯލްތައް ހޯދުމަކީ ވަރަށް ބޮޑު ދައްޗެއް. އެހެންވެ ޕީއެސްއެމް މެދުވެރިކޮށް އެޑިއުކޭޝަން މިނިސްޓްރީއާ ވާހަކަ ދައްކައިގެން އިންތިޒާމްތަކެއް ހަމަޖައްސައި ދިނުމަކީ ވެސް ކުރެވިދާނެ ކަމެއް."

އިކޮނޮމިކް މިނިސްޓްރީ މެދުވެރިކޮށް ފިލްމީ ދާއިރާ އަށް ލުއި ލޯން ދޫކުރާނެ ކަމުގެ ޔަގީންކަން ވެސް ޕީއެސްއެމުން ދީފައިވާ އިރު، އެ ކުންފުނިން ވަނީ ފިލްމުގެ އުފެއްދުމުގެ ޝައުގުވެރިކަން ވެސް ފާޅުކޮށްފަ އެވެ.

މިދިޔަ އަހަރު ބޭއްވި 8 ވަނަ ދިވެހި ފިލްމް އެވޯޑްސްގެ ތެރެއިން.

"ޕީއެސްއެމްގެ ދަށުން ހިންގާ ޓީވީއެމަކީ މިހާތަނަށް ފިލްމީ ދާއިރާ އަށް ވަރަށް ގިނަ މަސައްކަތްކޮށް ދީފައިވާ ތަނެއް. އެހެންވެ އެ މީހުން ފިލްމް ހަދަން އިންޓްރަސްޓް ހުރުމަކީ ވެސް، ފިލްމީ ދާއިރާ އަށް ލިބޭނެ ކުރިއެރުމެއްގެ ގޮތުގައި އަހަރެން ދެކެން." ނަހުލާ ބުންޏެވެ. "އޭގެ ސަބަބުން މި އިންޑަސްޓްރީ އަށް ނުކުންނަން ބޭނުންވާ މީހުންނަށް ވެސް ފުރުސަތުތަކެއް ލިބޭނެ."

މީގެ ކުރިން މޯލްޑިވްސް އެސޯސިއޭޝަން ފޮ ޕަމޯމިން އާޓްސް (މާޕާ) އިން ވެސް ފިލްމު ހެދި އެވެ. އެކަމަކު އެކަމަކީ އޭރު ފިލްމީ ދާއިރާގެ ބައެއް މީހުން އެހާ ގަބޫލު ކަމެއް ނޫނެވެ.

"އަހަންނަށް ހީވަނީ ފިލްމް ހަދަން ލުއި ލޯނު ދޫކުރުމާއި ފިލްމު ހެދުން ކަހަލަ ކަންކަމަށް ވުރެ ބޮޑަށް ޕީއެސްއެމުން މި ދާއިރާ އަށް ފަންނީ އެހީތެރިކަން ލިބޭނެ ގޮތްތަކެއް ހޯދައިދިނުން މިހާރު މާ މުހިއްމެހެން،" ނަން ނުޖަހާ ގޮތަށް ޕްރޮޑިއުސަރަކު ބުންޏެވެ. "ރާއްޖެއަކީ ފިލްމީ ދާއިރާއާ ގުޅުން ހުރި އެއްވެސް ކަމެއް ރަސްމީ ސިފައެއްގައި އުނގެނޭނެ ވަސީލަތްތަކެއް ހުރި ގައުމެއް ނޫން. އެހެންވެ އެކަންކޮށް ދިނުން މާ އައުލާކަން ބޮޑު."

ސުވާލަކީ މި އެވެ؛ އެތައް ބައެއްގެ އަތް ދަށަށް އޮލިމްޕަސް މީގެ ކުރިން ވެސް ހިނގައްޖެ އެވެ. ފިލްމީ ދާއިރާ އަށް ވަރަށް ގިނަ ހުވަފެންތަކެއް ދެއްކިއްޖެ އެވެ. މިފަހަރު މިއީ ޕީއެސްއެމްގެ ފަހަރެވެ. އެ ކުންފުނިން ދައްކާ މަންޒަރަށް މިހާރު މިތިބީ އިންތިޒާރުކޮށްގެންނެވެ.