"ތިޔަ ލޯތްބާ ދުރަށް" މިރޭ ޕްރިިމިއާ ކުރަނީ

ޓެކްނޯ މީޑިއާގެ ލޯބީގެ ފިލްމް "ތިޔަ ލޯތްބާ ދުރަށް" މިރޭ ޕްރިމިއާ ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.


އޮލިމްޕަހާ އެކު މިރޭ، ހުޅުމާލޭ ޝްވެކް ސިނަމާގައި ވެސް ފިލްމް ދައްކާނެ އެވެ. ފިލްމްގެ ޓިކެޓް ދެ ސިނަމާ އިން ވެސް މިހާރު އަންނަނީ ވިއްކަމުންނެވެ.

މިއީ ވާހަކަ ލިޔުންތެރިޔާ މަރިޔަމް (މަރީ) މޫސާގެ އަސަރުގަދަ ލޯބީގެ ވާހަކައަކަށް އޭނާ ގެނެސްދޭ ފުރަތަމަ ޑައިރެކްޝަނެވެ. މަރީގެ ވާހަކައަކަށް އެންމެ ފަހުން ހެދި ފިލްމަކީ 2012 ގައި ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި ހުސައިން (ކުޑަފޫޅު) މުނައްވަރުގެ "ސަޒާ" އެވެ.

އެހެންވެ މަރީ ބުނީ އޭނާގެ ވާހަކަތަކަށް ލޯބިކުރާ މީހުންނަށް "ތިޔަ ލޯތްބާ ދުރަށް" އަކީ ވަރަށް ކަމުދާނެ ފިލްމަކަށް ވާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ. އަދި ފިލްމަކީ ރީތި، ފުރިހަމަ ފިލްމަކަށް ހެދުމަށް ވަރަށް މަސައްކަތްކޮށްފައި ހުންނާނެ ކަމަށް، "ސިއްރު" ފަދަ ފިލްމްތައް ގެނެސް ދިން ކުރީގެ ޑައިރެކްޓަރު ހުސައިން އާދިލްގެ އަންހެނުން ބުންޏެވެ.

ސްރީ ލަންކާގައި ޝޫޓްކޮށްފައިވާ މި ފިލްމުގައި ލީޑް ރޯލް ކުޅެފައި ވަނީ އަހުމަދު (އަޒޭ) އަޒްމީލާއި މަލީހާ (މަލް) ވަހީދުގެ އިތުރުން ލަންކާގެ ބަތަލާ އުދޭނީ އެވެ. ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި އިބްރާހީމް (ޓޮމް) އަމަން އާއި އޭނާގެ މަރިޔަމް ޝަހްޒާ، ސުޖީތާ (ސުޖީ) އަބްދުﷲ އަދި އާރިފާ އިބްރާހީމް ފަދަ ތަރިން ހިމެނެ އެވެ.

"ތިޔަ ލޯތްބާ ދުރަށް" ގެ އެންމެ ހާއްސަ އެއް ކަމަކީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒް ކުރިން ކިޔާފައިވާ އޮތް ވަރަށް މަގުބޫލު ދެ ލަވައެއް ވެސް ފިލްމްގައި ހިމެނުމެވެ.

ފިލްމް މިރޭ ޕްރިމިއާ ކުރުމަށް ފަހު، ޝްވެކްގައި ދައްކާނީ އެންމެ ޝޯއެކެވެ. އަދި އޮލިމްޕަހުގައި ޝޯތައް ކުރިއަށް ދާނީ 22، 23، 26 އަދި 27 އާ ހަމައަށެވެ. އެކަމަކު ފިލްމަށް ލިބޭ ތަރުހީބަށް ބަލައިފައި ޝޯތައް އިތުރު ކުރާނެ ކަމަށް ޓެކްނޯ މީޑިއާ އިން ބުންޏެވެ.

"ތިޔަ ލޯތްބާ ދުރަށް" އަކީ މި އަހަރު އަޅުވާ 4 ވަނަ ފިލްމެވެ. އެންމެ ފަހުން އޮލިމްޕަހުގައި ދެއްކީ ލޯބީގެ ބިރުވެރި ފިލްމް "ރޭވުމުން" އެވެ.