އޭބީސީން މިހާރު ގެނެސްދޭ، ޕްރިޔަންކާ ޗޯޕްޅާގެ ޓީވީ ސިލްސިލާ "ކްއަންޓިކޯ" ގެ ތިން ވަނަ ސީޒަނުގެ އެޕިސޯޑެއްގައި އިންޑިއާގެ ބަޔަކު ޓެރަރިސްޓުންގެ ގޮތުގައި ދައްކާފައިވާތީ އެ ޝޯއަށާއި ޕްރިޔަންކާ އަށް ވަރަށް ބޮޑަށް ފާޑު ކިޔުންތައް އަމާޒުވެއްޖެ އެވެ.
އެ އެޕިސޯޑުގައި، ޕާކިސްތާންގެ ބައެއްގެ ބޮލުގައި އެޅުވަމަށް އިންޑިއާގެ ބަޔަކު މެންހަޓަންގައި ބޮމެއް ގޮއްވައިލަން ރާވާ ރޭވުންގަނޑެއް ދައްކަ އެވެ.
"ކްއަންޓިކޯ" ބަލާ މީހުން މިކަމާ ގުޅިގެން ބުނެފައި ވަނީ ޕްރިޔަންކާ ހުޅަނގަށް ގޮސް، ބޮޑު އަގު ނަގައިގެން މިހާރު ކުރާ ކަމަކީ "އިންޑިއާ މީހުން ޓެރަރިސްޓުންގެ ގޮތުގައި ދެއްކުން" ކަމަށެވެ.
ސިލްސިލާގެ މި މަންޒަރާ ގުޅިގެން އެތައް ބަޔަކު ވަނީ ޓްވިޓާގައި ޕްރިޔަންކާ އަށް ވަރަށް އެއްޗެހި ގޮވައިފަ އެވެ. ބައެއް މީހުން ބުނެފައި ވަނީ ޕްރިޔަންކާއާ ހެދި "އަހަރެމެން މިހާރު ބޮޑު ލަދެއްގައި ބެދިފައިވާ" ކަމަށެވެ.
"މިއީ ޕާކިސްތާނާ އެއް ފެންވަރުގެ ގައުމެއްގައި ގޮތުގައި އިންޑިއާ ދެއްކުމަށް ގަސްތުކޮށްފައިވާ ކަމެއް." ސޫޗީ ކިޔާ މީހެއްގެ ޓްވީޓެއްގައި ބުންޏެވެ. "މިއީ އަސްލު ވަރަށް ބޮޑު މައްސަލައެއް."
މި މައްސަލާގައި ޕްރިޔަންކާ އަށް ފާޑުކީ އެހެން މީހަކު ބުނެފައިވާ ގޮތުގައި މިއަންމާ އިން އެ ގައުމުގެ ރޮހިންޖާ ދަރިކޮޅުގެ މީހުންނާ ދޭތެރޭ ހިންގާ ލާއިންސާނީ ޖަރީމާތަކަށް އިންސާފު ހޯދައި ދޭން ޕީސް އެމްބެސެޑަރެއްގެ ގޮތުން ޕްރިޔަންކާ ކުރާ މަސައްކަތުގައި ވެސް އިހުލާސްތެރި ކަމެއް ނެތްކަން މިހާރު ސާފުވެއްޖެ އެވެ.
އަދި ހުޅަނގުގެ މީހުންނަށް ވިކިގެން އެ މީހުންގެ ބޮޑުލާރީގައި ތާށިވެ، އަމިއްލަ ގައުމާއި އަމިއްލަ ނަފުސު ހަރާބުވާ އިރު، ރޭކައި ނުލާ ކަމަށް ވެސް ބުނެ ޓްވިޓާގައި ޕްރިޔަންކާ އަށް އެއްޗެހި ގޮވާފައިވެ އެވެ.
މީގެ އިތުރުން ވަރަށް ގިނަ ބަޔަކު ވަނީ މިއީ "ކްއަންޓިކޯ" ބޮއިކޮޓް ކުރަންވީ ވަގުތު ކަމަށް ވެސް ބުނެފަ އެވެ.
މީގެ ކުރިން "ކްއަންޓިކޯ" އާ ގުޅިގެން ޕްރިޔަންކާ އަށް ފާޑު ކިޔުންތައް އަމާޒުވީ، އޭގައި މާ ގައިގޯޅި މަންޒަރުތަކެއް އޭނާ ކުޅެފައިވާތީ އެވެ.
އޭބީސީން ވަނީ މި ސިލްސިލާގެ ތިން ވަނަ ސީޒަނުގެ 13 އެޕިސޯޑާ އެކު، "ކްއަންޓިކޯ" ނިމުމަކަށް ގެންނަން ނިންމައިފަ އެވެ. މިދިޔަ އެޕްރީލް މަހުގެ 26 ގައި ދައްކަން ފެށި ތިން ވަނަ ސީޒަނުގެ ފަހު އެޕިސޯޑް ދައްކާނީ އޮގަސްޓް 3 ގަ އެވެ.