އަޅުވާނެ ދިވެހި ފިލްމެއް ނެތް، ސިނަމާ ފަޅަށް

ދިވެހި ސިނަމާ މިހާރު އޮތީ ފަޅަށެވެ. ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ވެސް އަޅުވާނެ ފިލްމެއް ނެތެވެ. އަނެއްކޮޅުން ސެޕްޓެމްބަރު މަސް ނިމުމާ ހަމައަށް ވެސް އެއްވެސް ފިލްމެއް ސިނަމާ އަށް ގެންނާނެ ކަމަކަށް ވެސް ނުބެލެވެ އެވެ. ސަބަބަކީ ރިޔާސީ އިންތިހާބާއި އޭގެ ކެމްޕޭން ފޯރިގަނޑުގެ ތެރޭގައި އެންމެން މިހާރު އުޅޭތީ އެވެ.


ދިވެހި ސިނަމާ އަށް އަބަދުވެސް އޮންނަ އެންމެ ބޮޑު ބިރަކީ ސިޔާސީ ހަލަބޮލިކަމާ އެކު، މުނިފޫހި ފިލުވުމުގެ ދާއިރާ އަށް ލޮޅުން އެރުމެވެ. ހާއްސަކޮށް، ބޮޑު ސްކްރީން ފިލްމްތަކަށް ސިޔާސީ ހިޔަނި އެޅި، ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ ބޮލުމުގެ ރިހުމަކަށް މިކަންވުމެވެ.

ފިލްމީ ދާއިރާގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ފިލްމީ ދާއިރާ އަށް އަރޯކަމާއި ފަހިކަން އަންނާނީ ސިޔާސީ ގޮތުން ވެސް ގައުމު ހަމައަކަށް އެޅިފައި އޮވެގެންނެވެ.

މާޗްގައި އެޅުވި "ވަކިން ލޯބިން" ގެ ޓްރެއިލާއެއް.

މިދިޔަ އަހަރާއި އޭގެ ކުރީ އަހަރަކީ ހަމަ ޔަގީނުން ވެސް ފިލްމީ މަސައްކަތުގެ ފޯރި ގަދަވި، އަދި ސިނަމާ އަށް ވެސް ތިޔާގިކަން އައި އަހަރެވެ. އެގޮތުން އާންމުކޮށް ދިވެހި ފިލްމްތައް އަޅުވާ އޮލިމްޕަހުގެ އިތުރުން، ޝްވެކް ސިނަމާގައި ވެސް ފިލްމްތަކެއް ޕްރިމިއާކޮށްފައިވާ އެވެ.

މި އަހަރު ފެށިގެން އައީ ވެސް ފިލްމީ މަސައްކަތުގެ ފޯރި އާއި ޖޯޝް ދައްކުވައި ދެމުންނެވެ. އެކަމަކު އަހަރުގެ މިހާތަނަށް އައި އިރު، އަޅުވާފައި ވަނީ އެންމެ ހަތަރު ފިލްމެވެ. އެއީ އަހަރުގެ ފުރަތަމަ ފިލްމް "ދެވަންސޫރަ" އާއި "ވަކިން ލޯބިން" އާއި "ރޭވުމުން" ގެ އިތުރުން "ތިޔަ ލޯތްބާ ދުރަށް" އެވެ. އޮލިމްޕަހުގައި އެންމެ ފަހުން ފިލްމެއް އެޅުވީ އެޕްރީލް މަހުގެ ފަހުކޮޅުގަ އެވެ.

އޮކްޓޯބަރު 15 ގައި އަޅުވާ "ނިވައިރޯޅި" ގެ ޓީޒާ.

ގާތްގަނޑަކަށް ފަސް މަސް ފާއިތުވެގެންދާ އިރު، ސިނަމާ މިއޮތީ ވަރަށް ވެސް ބޮޑަށް ފަޅުވެފަ އެވެ. މި މަހު އަޅުވާނެ ކަމަށް ކުރިން ބެލެވުނު "40+" ވެސް ސިޔާސީ އޮއިވަރުގެ ޖެހި، ބެލުންތެރިންނަށް ހަމައަށް އަންނަ ވަރެއް ނުވި އެވެ.

ދެން އެންމެ އަވަހަށް ވެސް އޮލިމްޕަހަށް ފިލްމެއް އަންނާނީ އޮކްޓޯބަރު މަހު އެވެ، އެއީ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމް "ނިވައިރޯޅި" އެވެ. މި ފިލްމް މި އަހަރު އަޅުވަން ކުރިން ނިންމާފައި ފަހުން އަންނަ އަހަރަށް ލަސް ކުރި ނަމަވެސް، ނިއުމާގެ ފޭނުން އެދިގެން އަނެއްކާ ވެސް ފިލްމް މި އަހަރު ގެނެސް ދޭން ނިންމީ އެވެ.

އެހެންވެ އޮކްޓޯބަރު 15 އަކީ ދިވެހި ސިނަމާ އަށް އައިސްފައި އޮތް ފަޅުކަން ފިލުވައި ދޭނެ ފުރަތަމަ ފިލްމެވެ. އެހާތަނަށް އަންނަ އިރު ރިޔާސީ އިންތިހާބުގެ ކުޅިގަނޑު ނިމި، ގައުމު ސިޔާސީ ގޮތުން ހިންދަމައިލެވޭނެ ކަމަށް ގަބޫލު ކުރެވެ އެވެ. ފިލްމީ ދާއިރާގެ މީހުން ވެސް އުންމީދުކޮށްގެން ތިބީ އެގޮތަށެވެ.

ނޮވެމްބަރު 5 ގައި އަޅުވާ "ގޮށްރާޅު" ގެ ޓްރެއިލާ.

އޮކްޓޯބަރުގައި "ނިވައިރޯޅި" އެޅުވުމަށް ފަހު، ނޮވެމްބަރުގައި ވެސް ފިލްމެއް ބެލުންތެރިންނަށް ގެނެސް ދޭނެ އެވެ. އެއީ ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ގޮށްރާޅު" އެވެ. އެ ފިލްމް ތާވަލުކޮށްފައި ވަނީ ނޮވެމްބަރު މަހުގެ 5 އަށެވެ.

މި ދެ ފިލްމް ފިޔަވައި ދެން މި އަހަރު އަޅުވާނެ ކަމަށް ރަސްމީކޮށް ތާރީހު އިއުލާންކޮށްފައި އޮތް ފިލްމެއް ނުވަތަ ފިލްމްތަކެއް ނެތެވެ. އެހެންވެ އަހަރުގެ ފަހު ތިން މަހު، ކިތައް ފިލްމް ސިނަމާ އަށް އަންނާނެ ކަމެއް ނޭނގެ އެވެ. ފަހަރުގައި މި އަހަރަކީ ފާއިތުވި ދެ އަހަރާ ބަލާ އިރު، އެންމެ މަދުން ފިލްމްތައް އަޅުވާނެ އަހަރަށް ވެސް ވެދާނެ އެވެ. މިދިޔަ އަހަރު 8 ފިލްމް ގެނެސް ދިނެވެ.

"ބާކީވެފައި" ގެ ޓްރެއިލާ.

މި އަހަރު އަޅުވައިފާނެ ކަމަށް ބެލެވޭ ފިލްމްތަކެއް ވެސް އެބަ ހުއްޓެވެ. އޭގެ ތެރޭގައި އަބްދުﷲ (މުއާ) މުއާޒްގެ "ލީނާ" އާއި މިދިޔަ އަހަރު އަޅުވަން ނިންމާފައި، މި އަހަރަށް ފަސްކުރި މަރިޔަމް (އަފީ) އަފީފާގެ "ބާކީވެފައި" ގެ އިތުރުން އަމްޖަދު (އަމްޖޭ) އިބްރާހީމްގެ އިތުރު ފިލްމެއް ހިމެނެ އެވެ. އަމްޖޭގެ "ގިލަން" އާއި "ދޭތީ އަނިޔާ" އަކީ ސިނަމާ އަށް ގެންނަން ކިޔާތާ އަހަރުތަކެއްވެފައިވާ ފިލްމްތަކެވެ.

"ލަސްވިޔަސް" ގެ ނަމުގައި މި އަހަރު ފިލްމެއް ސިނަމާ އަށް ގެންނާނެ ކަމަށް މުހައްމަދު (ޓެޑްރީ) ނިޔާޒް އިއުލާންކޮށްފައި އޮތަސް އޭގެ ވާހަކައެއް ވެސް ނީވެ އެވެ. މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ފިލްމްގެ ޓީޒާ ޓްރެއިލާ ދައްކައިލުން ފިޔަވައި، މީޑިއާތަކަށް ތިލަވާ ވަރަށް އެ ފިލްމްގެ އިތުރު އެއްވެސް ކަމެއް ހިނގައިފައެއް ނެތެވެ.

މި ވަގުތު ސިނަމާ އަށް އަންނާނެ ފިލްމެއް ނެތަސް ރޯދަ މަހާ އެކު، މެދުކެނޑުމަކަށް އައި ފިލްމީ މަސަައްކަތްތައް ވެސް އަލުން ވަނީ ފެށިފަ އެވެ. އެގޮތުން ޑާކް ރެއިންގެ "މާމުއި" އާއި އަހުމަދު ނިމާލް ޑައިރެކްޓް ކުރަމުން އަންނަ ފިލްމެއްގެ މަސައްކަތް ފާހަގަކޮށްލެވެ އެވެ.

ދެން އޮތް އުފާވެރި އަނެއް ކަމަކީ ޑިސެމްބަރަށް 9 ވަނަ ދިވެހި އެވޯޑްސް ވެސް ބާއްވަން ރޭވިފައި އޮތުމެވެ. އެ ވޯޑަށް ފިލްމްތައް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ގެ ނިޔަލަށް އޮންނާނެ އެވެ. އެހެންވެ އެ އެވޯޑް ހަފުލާ މަތިން ފިލްމީ ދާއިރާގެ މީހުން ހަނދާން ނައްތާލައިގެން ވެސް ނުވާނެ އެވެ.

އަހަރުގެ ބާކީ މިއޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި ފިލްމީ ދާއިރާ އަށް އަލުން ހިނިތުވުން ގެނުވައި ދޭނެ ކަމަށް އުންމީދު ކުރަމާ ހިނގާށެވެ.