"ގަލީ ބޯއި" ގެ ރޯލެއް ރަންބީރު ކަޕޫރަށް ހުށަހެޅި

އަންނަ މަހުގެ 14 ގައި ރިލީޒްކުރާ ރަންވީރު ސިންގްގެ ފިލްމު "ގަލީ ބޯއި" ގެ ރޯލެއް ރަންބީރު ކަޕޫރަށް ހުށަހެޅި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ބޮލީވުޑް ލައިފުން ބުނި ގޮތުގައި، މަގުމަތިން އުފަންވާ ކާމިޔާބު ރެޕާއިންތަކެއްގެ ވާހަކަ ކިިޔައިދޭ ފިލްމުގެ ވާހަކަ މީގެ ދެ އަހަރާ ބައި ކުރިން ޑައިރެކްޓަރު ޒޯޔާ އަހްތަރު، ރަންބީރާ ހިއްސާ ކުރުމުން އޭނާ ވަނީ ފިލްމުގެ ލީޑް ރޯލަށް ޝައުގުވެރިކަން ފާޅު ކުރި އެވެ. އެކަމަކު "ގަލީ ބޯއި" ގެ ސްކްރިޕްޓް ނިންމާފައި، ޒޯޔާ، ރަންވީރު އަށް ފިލްމުގެ ލީޑް ދީފައި، ރަންބީރަށް ހުށަހެޅީ ފިލްމުގެ ސަޕޯޓިން ރޯލެއް ކަމަށް އެ ނޫހުން ބުންޏެވެ.

އެހެންވެ އެކަމާ ހިތްހަމުޖެހިގެން އޭނާ ފިލްމު ވަގުތުން ދޫކޮށްލީ ކަމަށް މީޑިއާތަކުން ބުންޏެވެ. ފާހަގަކޮށްލެވޭ އަނެއް ކަމަކީ ރަންބީރު ފިލްމު ދޫކޮށްލިޔަސް، "ގަލީ ބޯއި" ގައި އޭނާގެ ކުރީގެ ލޯބިވެރިޔާ ދީޕިކާ ޕަދްކޯންގެ ފިރިމީހާ ރަންވީރުއާ އެކު ލީޑް ރޯލް ކުޅުނީ ރަންބީރުގެ މިހާރުގެ ލޯބިވެރިޔާ އާލިއާ ބަޓްކަމެވެ.

މީގެ ކުރިން ވެސް ރަންބީރު ވަނީ ރަންވީރާ އެކު ކުޅެން ލިބުނު ފިލްމެއް ދޫކޮށްލައިފަ އެވެ. އެއީ ކަރަން ޖޯހަރުގެ ތާރީހީ ފިލްމު "ތަހުތު" އެވެ. އަންނަ އަހަރު ރިލީޒް ކުރާ އެ ފިލްމުން ރަންބީރަށް ހުށަހެޅީ، ރަންވީރާ އެކު ދެބޭންގެ ރޯލް ކުޅޭ ކެރެކްޓާއެކެވެ.

އެކަމަކު އެ ރޯލް އޭނާ ގަބޫލު ނުކުރުމުން "ތަހުތު" ގެ އެ ރޯލް ދީފައި ވަނީ ވިކީ ކޯޝަލްއަށެވެ.

މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމު ކަމަށްވާ ރަންބީރު ކަޕޫރް ލީޑް ރޯލް ކުޅުނު "ސަންޖޫ" އެންމެ ފުރަތަމަ ހުށަހެޅީ ރަންވީރަށް ކަމަށް ޕްރޮޑިއުސަރު ވިންދޫ ވިނޯދު ޗޯޕްޅާ ބުނުމުން، އެކަމާ ވެސް ރަންބީރު ހިތްހަމަނުޖެހުން ފާޅުކޮށްފައިވެ އެވެ.

ރަންވީރު ދާދި ފަހުން ބުނި ގޮތުގައި އޭނާ ހުރީ ރަންބީރާ އެކު ފިލްމެއް ކުޅެން މަގުފަހި ވާނެ ކަމުގެ އުންމީދުގަ އވެ. އެކަމަކު ރަންބީރު މިހާތަނަށް އަމަލުކޮށްފައި ހުރި ގޮތުން ކުރިން ވެސް އޭނާ ބުނެފައިވާ ގޮތަށް ރަންވީރަކީ ހަމަ އޭނާގެ އެންމެ ބޮޑު ވާދަވެރިޔާ ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ.

"ގަލީ ބޯއި" ގެ ޓްރެއިލާ ލޯންޗް ކުރަން ބޭއްވި ހަފުލާގައި ރަންވީރު ބުނި ގޮތުގައި މި ފިލްމަކީ ހަމަ އޭނާ ކުޅެން ޖެހޭ ފިލްމެކެވެ. އަދި އެހެން އެކްޓަރަކު "ގަލީ ބޯއި" ކުޅުނު ނަމަ އެކަމާ ވަރަށް ހަސަދަވެރިވީސް ކަމަށް ބުންޏެވެ.

"އަހަރެން އުފަންވީ ވެސް މި ރޯލް ކުޅެން،" ރެޕާއެއްގެ ރޯލް ކުޅެން ލިބުމުން އުފާވެފައި ހުރި ހުނަރުވެރި އެކްޓަރު ބުންޏެވެ.