މި ފަހަރު ރާހުލް ގާންދީގެ ވާހަކަ ކިޔައިދޭ ފިލްމެއް

ކޮންގްރެސް ޕާޓީގެ ވެރިކަމުގައި އެންމެ ފަހުން އިންޑިއާގައި ބޮޑުވަޒީރުކަން ކުރެއްވި ޑރ. މަންމޯހަން ސިންގްގެ ވާހަކަ ކިޔައިދޭ ފިލްމެއް އަނޫޕަމް ކޭރާ އެކު "ދި އެކްސިޑެންޓަލް ޕްރައިމް މިނިސްޓާ" ގެ ނަމުގައި މިދިޔަ މަހު ރިލީޒްކުރި އެވެ. އެކަމަކު އެއީ ވައިގައި ހިފި ފިލްމެއް ނޫނެވެ.


މި ފަހަރު އަނެއްކާ ވެސް ހަމަ ކޮންގްރެސް ޕާޓީގެ ލީޑަރެއްގެ ވާހަކަ އެވެ. ކުރީގެ ބޮޑުވަޒީރު ރަޖީވް ގާންދީ އާއި އިޓަލީ އަށް ނިސްބަތްވާ ސޯނިއާ ގާންދީގެ ދޮށީ ފިރިހެން ދަރިކަލުން ރާހުލް ގާންދީގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ.

"މައި ނޭމް އިން ރާގާ" ގެ ނަން ދީފައިވާ ފިލްމުގެ ޓީޒާ ޓްރެއިލާއެއް ވެސް މިހާރު ވަނީ ބެލުންތެރިންނަށް ދައްކާލައިފަ އެވެ. މީގެ ޑައިރެކްޓަރަކީ "ސެއިންޓް ޑްރެކިއުލާ" އާއި "ކަމަސުތުރާ 3ޑީ" ފަދަ ފިލްމުތައް ގެނެސް ދިން ރުޕޭޝް ޕޯލް އެވެ.

ރާހުލް ގާންދީގެ ކުޑައިރުގެ ދިރިއުޅުމުން ފެށިގެން ސިޔާސީ މައިދާނަށް ނުކުމެ ކޮށްފައިވާ ކަންތައްތަކާ ހަމައަށް "މައި ނޭމް އިޒް ރާގާ" ގައި އަލިއަޅުވައިލާނެ އެވެ. ޓީޒާ އިން ވެސް އެކަމަށް ސުރުހީ އަޅާލައިފައިވާ އިރު، ސޯނިއާ، ރަޖީވް، އިންދިރާ އަދި ރާހުލްގެ އަންހެން ކޮއްކޮ ޕްރިޔަންކާ ގާންދީ ވެސް ޓީޒާ އިން ވަނީ ދައްކާލައިފަ އެވެ. އަދި މަންމޯހަން ސިންގް ވެސް ފެނިގެން ދެ އެވެ.

"މައި ނޭމް އިޒް ރާގާ" ގެ ޓީޒާ ޓްރެއިލާ.

"މައި ނޭމް އިޒް ރާގާ" އަންނަ އެޕްރީލް މަހުގެ ތެރޭގައި ރިލީޒް ކުރާނެ އެވެ.

ފިލްމާ ބެހޭ ގޮތުން ރުޕޭޝް ބުނީ މިއީ ރާހުލް، 48، ގެ ޝަހުސިއްޔަތަށް ސަނާ ކިޔާފައި އަދި ފާޑު ވެސް ކިޔާފައި ގެނެސްދޭ ފިލްމެއް ނޫން ކަމަށެވެ. އޭނާ ބުނި ގޮތުގައި ފިލްމުގެ މައިގަނޑު ޕޮއިންޓަކީ ފާޑުކިޔުންތަކާ އެކު ވެސް ސިޔާސީ ދާއިރާ އަށް ނުކުމެ، ރާހުލް ކަންކަމާ ކުރިމަތިލާ ގޮތް ދައްކުވައި ދިނުމެވެ.

އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބެހޭ ފިލްމެއް ޑައިރެކްޓަރު އޮމަންގް ކުމާރު ވެސް އަންނަނީ "ޕީއެމް ނަރެންދުރަ މޯދީ" ގެ ނަމުގައި ހަދަމުންނެވެ. އެ ފިލްމުގައި މޯދީގެ ރޯލް ކުޅެނީ ވިވެކް އޮބެރޯއީ އެވެ.