އިންޑިއާ އަނެއްކާވެސް ޕާކިސްތާނު އާޓިސްޓުންނާ ދެކޮޅަށް

ޕާކިސްތާނުގެ ހަނގުރާމަވެރިންގެ ބަޔަކު ބުރާސްފަތި ދުވަހު ކަޝްމީރުގެ ޕުލްވާމާ ޑިސްޓްރިކްޓްގައި ދިން ހަމަލާގައި އިންޑިއާގެ 40 އަށް ވުރެ ސިފައިން މަރައިލި ހާދިސާއާ ގުޅިގެން އަނެއްކާ ވެސް ދެ ގައުމުގެ ގުޅުން ގޯސްވެ، ޕާކިސްތާންގެ އާޓިސްޓުންނަށް އިންޑިއާ އިން ފުރުސަތު ދިނުން ހުއްޓައިލަން ބޮލީވުޑްގެ ބައެއް ފަންނާނުން ގޮވާލައިފި އެވެ.


އިންޑިއާއަކީ އަބަދުވެސް ޕާކިސްތާނުގެ ލަވަކިޔުންތެރިންނާއި ފިލްމީ ތަރިންނަށް ފުރުސަތުތައް ފަހިކޮށްދެމުން އަންނަ ގައުމެކެވެ. މިކަމާ ގުޅިގެން، ސޯނޫ ނިގާމް ފަދަ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިން އަބަދު ވެސް އެކަމަށް ފާޑުކިޔައި ހަދަ އެވެ.

ސްޓާ ޕްލަސް އިން މިހާރު ދައްކާ "ވޮއިސް" ސީޒަން ތިނެއްގެ ޖަޖުންގެ ތެރޭގައި ވެސް ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ އަދުނާން ސާމީ ހިމެނެ އެވެ. އަދި ޕާކިސްތާނުގެ ލަވަކިޔުންތެރިން ކަމަށްވާ އާތިފް އަސްލަމާއި ރާހަތު ފަތެހް އަލީ ހާން ފަދަ ލަވަކިޔުންތެރިންނަކީ އިންޑިއާ އިން ލިބޭ ފުރުސަތުތަކުން ބޮޑު އާމްދަނީއެއް ވެސް ހޯދާ ލަވަކިޔުންތެރިންނެވެ.

ޕާކިސްތާނުން 2016 ވަނަ އަހަރު ކަޝްމީރުގެ އުރީގައި އިންޑިއާގެ ސިފައިންތަކެއް މަރައިލި ހާދިސާއާ ގުޅިގެން އިންޑިއާ އިން "ބޭރުކޮށްލި" ފަންނާނުންގެ ތެރޭގައި، އެ އަހަރު ރިލީޒް ކުރި ކަރަން ޖޯހަރުގެ "އޭ ދިލް ހޭ މުޝްކިލް" ގެ ޕާކިސްތާނުގެ ބަތަލު ފަވާދު ހާނާއި ޝާހްރުކް ހާންގެ ފިލްމު "ރައީސް" ގެ ބަތަލާ މާހިރާ ހާން ހިމެނެ އެވެ.

ދެހާސް ސޯޅައިގެ ފަހުން ޕާކިސްތާނުންގެ ފަންނާނުން އިންޑިއާ އަށް ދަތުރު ކުރުން ވެސް އޮންނަނީ ވަރަށް ބޮޑަށް ތާށިކޮށްފަ އެވެ. އަނެއްކޮޅުން ޕާކިސްތާނުންގެ ފަންނާނުންނަށް ފުރުސަތު ދޭ އިންޑިއާގެ ފަންނާނުންނަށް ވަރަށް ގިނަ ބަޔަކު ފާޑު ކިޔައި، އެފަދަ މީސްމީހުންނާ ދެކޮޅަށް ހަރަކާތްތައް ވެސް ހިންގަ އެވެ.

ބުރާސްފަތި ދުވަހު ދިން ޓެރަރިސްޓް ހަމަލާ ގުޅިގެން ޕާކިސްތާނަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާ އެކު، މުޅި އިންޑިއާ މިހާރު ދަނީ ގައުމާ ދެކޮޅަށް ފިޔަވަޅު އަޅަމުންނެވެ. އެގޮތުން ޕާކިސްތާން އެއްކޮށް އެކަހެރިކޮށްލާނެ ކަމުގެ އިންޒާރު ވެސް އިންޑިއާ އިން ވަނީ ދީފަ އެވެ.

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު މަދޫރު ބަންޑާކަރް ބުނީ އިންޑިއާ އިން ދެން ޕާކިސްތާނުންގެ ފަންނާނުންނަށް ފުރުސަތު ދިނުން އެއްކޮށް ހުއްޓައިލަން ޖެހޭ ކަމަށެވެ. އޭނާ ބުނި ގޮތުގައި އެ ގައުމުން ޕާކިސްތާނުގެ ރައްޔިތުންނަށް ފަހިކޮށްދޭ ފުރުސަތުތަކުގެ އަގު ވަޒަންކޮށް، ގައުމުގެ ދިފާއުގައި މަސައްކަތްކުރާ ސިފައިންނަށް ވެސް ހިމާޔަތް ދޭންޖެހޭނެ ކަމަށެވެ.

އެހެންވެ ޕާކިސްތާނުގެ ލަވަކިޔުންތެރިންނަށް އިންޑިއާ އިން ފުރުސަތު ދިނުން މިހާރުން މިހާރަށް ހުއްޓާލައި އެ މީހުން ބޮއިކޮޓް ކުރަން ޖެހޭނެ ކަމަށް މަދޫރު ބުންޏެވެ. މި މޭމުރުން ބަތަލާ ޝަބާނީ އަޒުމީ ވެސް ޓްވީޓެއްގައި ހިޔާލު ފާޅުކޮށްފައިވެ އެވެ.

އުރީގެ ހަމަލާ އަށް ބިނާކޮށް ހަދައި، މިދިޔަ މަހު ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "އުރީ: ސާޖިކަލް ސްޓްރައިކް" ގެ ބަތަލު ވިކީ ކޯޝަލް ވެސް ވަނީ ޕާކިސްތާނުން އިންޑިއާ އަށް ދިން ހަމަލާގެ ރައްދު ފިސާރި ރަނގަޅަށް މި ފަހަރު ދޭން ޖެހޭނެ ކަމަށް ބުނެފަ އެވެ.

ބަތަލާ ކަންގަނާ ރަނާވަތު ބުނީ އިންޑިއާގެ އަގުހުރި ދަރިންތަކެއްގެ ލޭ ޕާކިސްތާނުން ތަކުރާރުކޮށް އޮހޮރުވަން ފޫގަޅާފައި ތިބުމަކީ ބަލަން ތިބެން ޖެހޭ ކަހަލަ މައްސަލައެއް ނޫން ކަމަށެވެ. އަދި އިންޑިއާ އަށް ކުރެވުނުހާ ގޮތަކަށް ޕާކިސްތާނަށް ދަތިކޮށް، ގައުމާއި ރައްޔިތުންގެ ދިފާއުގައި މަސައްކަތް ކުރަން ޖެހޭނެ ކަމަށް ބުންޏެވެ.

ޕުލްވާމާ ހާދިސާއާ ގުޅިގެން ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން ޓްވީޓްކޮށް، އެ މީހުންގެ ޝުއޫރުތައް އެކި ގޮތްގޮތަށް އަންނަނީ ފާޅު ކުރަމުންނެވެ. މިފަދަ ކޮންމެ ހަމަލާއަކާ ގުޅިގެން އަބަދު ވެސް އިންޑިއާގައި އެންމެ ބޮޑަށް ރާޑަރަށް އަރާ ބަޔަކީ އިންޑިއާގައި މަސައްކަތް ކުރާ ޕާކިސްތާނުގެ އާޓިސްޓުންނެވެ. އެހެންވެ މި ފަހަރުގެ ހަމަލާއާ ގުޅިގެން އަނެއްކާ ވެސް ޕާކިސްތާނުގެ ފަންނާނުންނަށް އިންޑިއާ އިން ލިބޭ ފުރުސަތުތައް އެތައް ތަނަކުން މަދުވެގެން ދާނެ އެވެ.