އަކްޝޭ ކުމާރްގެ ވެބް ސީރީޒް "ދި އެންޑް" ތިން އަހަރަށް ދިގު ދެމިގެން ދާނެ

ދާދި ފަހުން އެމެޒޯން ޕްރައިމް ވީޑިއޯ އިން ރަސްމީކޮށް އިއުލާންކުރި، އަކްޝޭ ކުމާރުގެ އަލަތު ވެބް ސީރީޒް "ދި އެންޑް" އަކީ ތިން އަހަރަށް ދެމިގެންދާ ގޮތަށް ތައްޔާރުކުރާ އެއްޗެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


މި ވެބް ސީރީޒް އުފައްދަނީ އެމެޒޯން އާއި އެ ކުންފުންޏާ ގުޅިގެން "ބުރީތު" ގެ ނަމުގައި ކާމިޔާބު ވެބް ސީރީޒެއް ގެނެސް ދިނުމަށް ފަހު، އޭގެ ދެވަނަ ސީޒަނަކަށް މިހާރު ތައްޔާރުވަމުން އަންނަ އަބުންދާތިއާ އެންޓަޓައިންމަންޓް ގުޅިގެންނެވެ.

ނަމަވެސް ވާކިން ޓައިޓްލްއަކަށް "ދި އެންޑް" ގެ ނަން ދީފައިވާ މި އެކްޝަން-އެޑްވެންޗާ ވެބް ސީރީޒާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

އެކަމަކު އެ ލޯންޗް ކުރަން ބޭއްވި ހަފުލާގައި އަކްޝޭ ސޫޓަކާ އެކު ވަރަށް ފޯމަލް ލުކެއްގައި ސްޓޭޖަށް އެރީ ގައިގައި ރޯކޮށްލައިގެން ކަމަށްވާތީ މި ވެބް ސީރީޒަކީ ވަރުގަދަ ސްޓަންޓްތަކެއް ފެނިގެން ދާނެ އަދި އެކްޝަން މަންޒަރުތައް ވެސް ގިނައިން ހިމެނޭނެ އެއްޗެއް ކަމަށް ގަބޫލުކުރެވެ އެވެ.

"މިއީ ވަރަށް އާދަޔާހިލާފު ވެބް ސީރީޒަކަށް ވާނެ. ޑިޖިޓަލް ޕްލެޓްފޯމްގައި އަހަރެން ބޭނުންވޭ ތަފާތެއް ދައްކައިލަން،" އަކްޝޭ ބުންޏެވެ. "އެހެންވީމާ މި ވެބްސީރީޒަކީ އެކަހަލަ އެއްޗަކަށް ވާނެ."

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަކްޝޭގެ ދޮށީ ފިރިހެން ދަރިފުޅު އާރާވް ބާޓިއާ ދިން ހިތްވަރަކަށް އަލަތު ވެބް ސީރީޒަށް އަކްޝޭ ސޮއިކުރީ 90 ކްރޯޑް ރުޕީސްގެ ފީއަކަށެވެ. ބެލެވޭ ގޮތުން "ދި އެންޑް" ގެ މަސައްކަތް މާ ލަސްތަކެއް ނުވެ ފަށާނެ އެވެ.

އަންނަ ހުކުރު ދުވަހު އަކްޝޭގެ އެންމެ ފަހުގެ ފިލްމު "ކޭސަރީ" ސިނަމާތަކަށް އަންނަ އިރު، އޭނާ މިހާރު އަންނަނީ ރޯހިތު ޝެޓީ ޕޮލިސް ޑްރާމާ "ސޫރިޔާވަންޝީ" ގެ މަސައްކަތް ވެސް ކުރަމުންނެވެ.

އަބަދު ވެސް އެއް ފަހަރާ ގިނަ ޕްރޮޖެކްޓްތަކެއްގައި މަސައްކަތް ކުރާ އަކްޝޭގެ މި އަހަރު ރިލީޒްވާން ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "މިޝަން މަންގަލް"، "ގުޑް ނިއުސް" އަދި "ހައުސްފުލް 4" ހިމެނެ އެވެ.