އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވާހަކަ ކިޔައިދޭ ފިލްމު "ޕީއެމް ނަރެންދުރަ މޯދީ" ރިލީޒް ކުރާ ތާރީހު އަވަސްކޮށްފި އެވެ.
ކުރިން އަންނަ މަހުގެ 12 އަށް ތާވަލުކުރި ފިލްމު މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އޭގެ ހަފުތާއެއް ކުރިން އެޕްރީލް 5 ގަ އެވެ.
"ޕީއެމް ނަރެންދުރަ މޯދީ" އަކީ އޮމަންގް ކުމާރު ޑައިރެކްޓްކޮށް، ވިވެކް އޮބެރޯއީ ޓައިޓްލް ރޯލް ކުޅޭ ފިލްމެކެވެ.
މީގައި މޯދީގެ ހަޔާތުގެ އެކި ދުވަސްވަރު ދައްކުވައިދޭނެ އެވެ. މީގެ ކުރިން "މޭރީ ކޮމް" އާއި "ސަރަބްޖީތު" ފަދަ ބައޮގްރަފިކަލް ޑްރާމާތައް ވެސް ގެނެސް ދިން އޮމަންގްގެ ގެނެސްދޭ ތިން ވަނަ ބައޮޕިކަކީ އޭނާ މިހާތަނަށް އެންމެ އަވަހަށް ޝޫޓްކޮށް ނިންމާލައި ބެލުންތެރިންނަށް ގެނެސްދޭ ފިލްމެވެ.
ވިވެކްގެ ބައްޕަ އަދި އެކްޓަރު ސުރޭޝް އޮބެރޯއީ ވެސް ޕްރޮޑިއުސަރެއްގެ ގޮތުގައިވާ ހިއްސާވާ "ޕީއެމްއެމް ނަރެންދުރަ މޯދީ" ގެ ޝޫޓިން ފެށީ މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ.
މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ބޮމަން އިރާނީ، ޒަރީނާ ވައްހާބް، ދަރުޝަން ކުމާރު، ބަރްކާ ބިޝްޓް އަދި މަނޯޖް ޖޯޝީ ފަދަ ތަރިން ހިމެނެ އެވެ.
"ދަ ތަޝްކެންޓް ފައިލްސް" އަންނަ މަހު 12 ގައި
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ލާލް ބަހާދޫރު ޝަސްތުރީގެ މަރާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ފިލްމު "ދަ ތަޝްކެންޓް ފައިލްސް" އަންނަ މަހުގެ 12 ގައި ރިލީޒްކުރަން ނިންމައިފި އެވެ.
ރިލީޒް ނުކުރެވި ދިގުލައިގެން ގޮސްފައިވާ މި ފިލްމަކީ ވިވެކް އަގްނިހޯތުރީ ޑައިރެކްޓްކޮށްފައިވާ ތުރިލާއެކެވެ. ފިލްމުގެ ކާސްޓުންނަކީ މިތުން ޗަކްރަބަތީ، ނަސީރުއްދީން ޝާހް، ޝްވޭތާ ބާސޫ ޕްރަސާދު، ޕައްލަވީ ޖޯޝީ، މަންދިރާ ބޭދީ، ވިނޭ ޕަތަކު، ޕަންކަޖް ތުރިޕަތީ އަދި ރާޖޭޝް ޝަރުމާ އެވެ.
ވިވެކް އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިން ފިލްމަކީ 2016 ގައި ޕުލްކިތު ސަމްރާޓާއި ޔާމީ ގޯތަމް ލީޑް ރޯލް ކުޅުނު 2016 ގެ "ޖުނޫނިޔަތު" އެވެ.
"އާރްއާރްއާރް" ގެ ނަމާ ކުޅެލެވިދާނެ
"ބާހްބަލީ" ގެނެސް ދިން ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ އައު ފިލްމުގެ ނަމަކީ "އާރްއާރްއާރް" ކަމަށް ވިޔަސް، ފޭނުން ތިބީ މި ނަމުގެ ވާނުވާގަ އެވެ.
އެހެންވެ މިހާރު އެ ފިލްމުގެ ޓީމުން ވަނީ އެ މީހެއްގެ ބަހުރުވައަކުން "އާރްއާރްއާރް" ސިފަ ކުރާ ގޮތް ހިއްސާކޮށް ދޭން ޓްވިޓާގައި ފުރުސަތު ހުޅުވާލައިފަ އެވެ.
"އާރްއާރްއާރް" ގެ ރަސްމީ ޓްވިޓާ އެކައުންޓުން ބުނީ އެންމެ ރަނގަޅަށް "އާރްއާރްއާރް" ސިފަކޮށް ދީފައި ހުށަހަޅާ ނަން ފިލްމަށް ދޭނެ ކަމަށެވެ. މިކަމާ ގުޅިގެން ޓްވިޓާގައި މިހާރު ވެސް ގިނަ ބަޔަކު އަންނަނީ "އާރްއާރްއާރް" ސިފަ ކުރާ ގޮތް ހިއްސާ ކުރަމުންނެވެ.
އަންނަ އަހަރުގެ ޖުލައި 30 ގައި ރިލީޒް ކުރާ މި ފިލްމަކީ 1920 ގައި ހިނގާ ހިޔާލީ ހަނގުރާމައެއްގައި ވިދައިިލާ ދެ ބަތަލުންގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މި ފިލްމުގެ ތަރިންނަކީ ރާމް ޗަރަން، އެންޓީއާރް ޖޫނިއާ، އާލިއާ ބަޓް އަދި އަޖޭ ދޭވްގަން އެވެ.
"ބަދާއީ ހޯ" ގެ ރިމެކްތަކެއް
މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ބަދާއީ ހޯ" އިންޑިއާގެ އެހެން ބަހުރުވަތަކުން ގެނެސް ދޭން ނިންމައި، އެ ފިލްމުގެ ރައިޓްސް ޕްރޮޑިއުސަރު ބޯނީ ކަޕޫރް ހޯދައިފި އެވެ.
އެކަން ކަށަވަރުކޮށް ދެމުން އޭނާ ބުނީ އެ ފިލްމުގެ ވާހަކައަކީ މުޅި އިންޑިއާ އަށް ކިޔައި ދޭން ޖެހޭ ކަހަލަ ވާހަކައެއް ކަމަށާއ މިއީ ގިނަ ބަޔަކާ ރިލޭޓްވާ ވާހަކައެއް ކަމަށެވެ.
އަމިތު ޝަރުމާ ޑައިރެކްޓް ކުރި "ބަދާއީ ހޯ" އަކީ ޒުވާން ދަރިން ތިބި، އުމުރުން ދުވަސްވީ މަޔަކު އަލުން ބަލިވެ އިނުމުން ދިމާވާ ކަންތައްތަކެއް ކިޔައިދޭ ފިލްމެކެވެ.
ބޮކްސް އޮފީހުގައި 221.44 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ފިލްމުގެ ތަރިންނަކީ ނީނާ ގުޕްތާ، ގަޖްރާޖް ރާއޯ، އަޔޫޝްމަން ކުރާނާ އަދި ސާނިޔާ މަލްއުތުރާ އެވެ.
ބޯނީ ބުނީ "ބަދާއީ ހޯ" ރިމެކް ތަމަޅަ ބަހާއި ތެލެގޫ ބަހުން ގެނެސް ދޭނެ ކަމަށެވެ. އެކަމަކު ދެ ރިމެކްގެ ތެރެއިން ކުރިން ފިލްމު ހަދާނީ ކޮން ބަހުރުވައަކުންތޯ އަދި ނުނިންމާ ކަމަށް ބުންޏެވެ.
އޭނާ މިހާރު އަންނަނީ 2016 ގައި ރިލީޒް ކުރި އަމީތާބް ބައްޗަން އާއި ތާޕްސީ ޕައްނޫގެ "ޕިންކް" ގެ ތަމަޅަ ރިމެކް ވެސް އަންނަ މެއި މަހު ގެނެސް ދޭން ތައްޔާރުވަމުންނެވެ.
އަދި "ބަދާއީ ހޯ" ގެ ޑައިރެކްޓަރު އަމުތި އަޖޭ ލީޑް ރޯލަށް ލައިގެން ހަދާ އިންޑިއާގެ ކުރީގެ ފުޓްބޯޅަ ކޯޗް ސައިދު އަބުދުއް ރަހީމްގެ ބައޮގްރަފިކަލް ޑްރާމާއަކީ ވެސް ބޯނީ ޕްރޮޑިއުސް ކުރާ ފިލްމެކެވެ. އެ ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރު އެވެ.