އަޖޭ ދޭވްގަންގެ "ބޫޖް" ގެ ބަތަލާއިންނަށް ޕަރިނީތީ ޗޯޕްޅާ އާއި ސޮނާކްޝީ ސިންހާ

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގެ ތެރޭގައި އިންޑިއާގެ ދިފާއުގައި އިންޑިއަން އެއާ ފޯސް (އައިއޭއެފް) ސްކޮޑްރަންގެ ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރި ކޮމާންޑަރު ވިޖޭ ކަރްނިކު ކުރި ހިތްވަރުގަދަ މަސައްކަތަށް ބިނާކޮށް ހަދާ ފިލްމު "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ބަތަލުގެ ރޯލަށް އަޖޭ ދޭވްގަން ސޮއިކޮށްފައި ވަނިކޮށް، އެ ފިލްމުގެ ކާސްޓާ އިތުރު ތަރިންތަކެއް ގުޅިއްޖެ އެވެ.


ފިލްމަށް ސޮއިކޮށްފައި ވަނީ ބަތަލާ ސޮނާކްޝީ ސިންޙާ އާއި ޕަރިތީނީ ޗޯޕްޅާ އާއި ސަންޖޭ ދަތުގެ އިތުރުން ސައުތުގެ މަޝްހޫރު އެކްޓަރު އަދި "ބާހަބްލީ" ފަދަ ފިލްމުތައް ކުޅެފައިވާ ރާނާ ދަގޫބަތީ އެވެ. މި ތަރިން "ބޫޖް" ގައި ފެނިފެން ދާނެ ރޯލްތައް ވެސް ވަނީ މީޑިއާތަކުން ވަނީ ހިއްސާކޮށްފަ އެވެ.

ބޮލީވުޑް ހަންގާމާ ހަންގަމާ އިން ބުނި ގޮތުގައި އަޖޭއާ އެކު ކުރިން "ސަން އޮފް ސަރުދާރު" އާއި "އެކްޝަން ޖެކްސަން" ކުޅުނު ސޮނާކްޝީ "ބޫޖު" އިން ފެނިގެން ދާނީ ސުންދަރުބެން ޖޭތާ މަދަރުޕަރިއާ ކިޔާ ސޯޝަލް އެކްޓިވިސްޓެއްގެ ރޯލުންނެވެ. އަޖޭއާ އެކު "ގޯލްމާލް އެގެއިން" ގައި މަސައްކަތް ކުރި ޕަރިނީތީ ކުޅޭނީ އިންޑިއާގެ ޖާސޫސެއް ކަމަށްވާ ހީނާ ރެހްމާނުގެ ރޯލެވެ.

ސަންޖޭގެ ކެރެކްޓާއަކީ ރަންޗޯރްދާސް ސުވަބާއީ ރަވާރީ ކިޔާ އަސްކަރީ އޮފިސަރެއްގެ ރޯލެވެ.. އަދި ރާނާއަކީ އަސްކަރިއްޔާގެ ކާނަލްއެކެވެ. މީގެ އިތުރުން އައްމީ ވާކްއަކީ ފައިޓާ ޕައިލެޓެކެވެ.

"ބޫޖް" ދަ ޕްރައިޑް އޮފް އިންޑިއާ" ގައި ކިޔައި ދޭނީ 1971 ގެ އިންޑޯ-ޕާކް ހަނގުރާމައިގެ ތެރޭގައި ބޫޖްގައި ގާއިމުކޮށްފައިވާ އެއާފޯސް އެއާސްޓްރިޕް ހަލާކުކޮށްލުމުން، ކަރްނިކް އިސްކޮށް ހުރެގެން ބޫޖާއި އެ އަވަށާ ކައިރީގައި ހުރި އަވަށްތަކުގެ 300 އެއްހާ އަންހެނުންގެ ވެސް އެހީއާ އެކު އަލުން އެއާސްޓްރިޕް ގާއިމުކުރަން ކުރި މަސައްކަތެވެ.

މި ފިލްމު ލިޔެ، ޑައިރެކްޓް ކުރާނީ އަބީޝެކް ދުދައްޔާ އެވެ.

ނަމަވެސް ޓީ ސީޒީރާއި ސިލެކްޓް މީޑިއާ ހޯލްޑިންސް އެލްއެލްޕީން ޕްރޮޑިއުސް ކުރާ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" މަސައްކަތް ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. ބެލެވޭ ގޮތުން މިއީ އަންނަ އަހަރު ރިލީޒް ކުރާނެ ފިލްމެކެވެ.