ކެޓްރީނާ އާއި ވިކީ ރައްޓެހިވީތަ؟

ކެޓްރީނާ ދާދި ފަހުން ބުނި ގޮތުގައި މި އަހަރު އޭނާ އެންމެ ބޭނުންވާ އެއް ކަމަކީ ބައިވެރިޔަކު ހޯދުމެވެ. މިދިޔަ ޖެނުއަރީ މަހު ބޭއްވި ގޯލްޑް ޕެޓަލްސް އެވޯޑް ހަފުލާގައި ސްޓޭޖްމަތީގައި މަޖަލަކަށް ހަދާފައި އެކްޓަރު ވިކީ ކޯޝަލް ވަނީ ކެޓްރީނާގެ ކުރީގެ ލޯބިވެރިޔާ ސަލްމާންގެ ފިލްމު "މުޖްސޭ ޝާދީ ކަރޯގީ" ގެ ޓައިޓްލް ލަވައިން ތަންކޮޅެއް ކިޔައި ކެޓްރީނާ ކައިރިން އިންނަން އަހައިފަ އެވެ.


އެ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ވެސް ވަރަށް ބޮޑަށް ވައިރަލްވެފައިވާ، ސަލްމާން ވެސް ކެޓްރީނާ އާއި ވިކީގެ ހަރަކާތްތައް ބަލަން އޯޑިއަންސް ތެރޭގައި ފާޑަކަށް ހެވިފައި އިނދެ އެވެ.

އޭގެ ފަހުން މި ދެ ތަރިންނާ ބެހޭ ގޮތުން އެކި ކަހަލަ ވާހަކަތައް އަންނަނީ ދެކެވެމުންނެވެ. އެގޮތުން ދެ ތަރިންގެ މެދުގައި ލޯބީގެ މާތައް ފޮޅެން ފަށާފައިވާ ކަމަށް ބައެއް މީޑިއާތަކުން ތުހުމަތު ކުރަމުން ދަނިކޮށް އެކަމަށް ބާރު ލިބޭ ކަމެއް ވެސް މިހާރު މި ވަނީ ހިނގައިފަ އެވެ. އެއީ ވިކީ ރައްޓެހިވެގެން އުޅުނު ހަރްލީން ސޭތުގެ ގުޅުން ނިމުމަކަށް އައުމެވެ. މިކަން ކަށަވަރުވީ ހަރްލީން އިންސްޓަގްރާމުން ވިކީ ބޭރުކޮށްލުމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެ ދެ މީހުންގެ ގުޅުން ނިމުމަކަށް އައީ ކެޓްރީނާއާ ހެދި އެވެ. ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި ކެޓްރީނާއަކީ ވިކީ ވަރަށް ގަޔާވާ އަންހެނެކެވެ. އެހެންވެ ދިމާ ކޮންމެ ތަނަކުން އޭނާއާ މައްލަވަކޮށް، ކެޓްރީނާ ހިތްއަތުލަން ވިކީ ކުރަމުން ދިޔަ މަސައްކަތް ކާމިޔާބުވުމުގެ ކޮޅުމަތި ފެނި، އެކަމާ ހަރްލީން ހިތްހަމަނުޖެހިގެން ވިކީއާ ވަކިވާން ނިންމީ އެވެ.

ނަމަވެސް މި ގުޅުމާ ބެހޭ ގޮތުން ކެޓްރީނާ އާއި ވިކީ އެއްވެސް ވާހަކައެއް އަދި ނުދައްކަ އެވެ. ސަލްމާނާ ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުނު ކެޓްރީނާ، 35، އެންމެ ފަހުން ލޯބީގެ ގުޅުމެއް ބޭއްވީ މިހާރު އާލިއާ ބަޓާ ރައްޓެހިވެގެން އުޅޭ ރަންބީރު ކަޕޫރާ އެވެ.

އޭރު ކެޓްރީނާ އާއި ރަންބީރު ވަނީ މުމްބާއީން އެޕާޓްމަންޓެއް ގަނެގެން ދުވަސްތަކެއް ވަންދެން އެކީގައި (ލިވް-އިން ރިލޭޝަންޝިޕް) އުޅެފަ އެވެ. އެ ދެ މީހުން ރުޅިވީ 2016 ގަ އެވެ.

ވިކީ، 30، އަކީ މިހާރު ބޮލީވުޑްގައި ވިދަމުން އަންނަ އެންމެ އުންމީދީ އެއް އެކްޓަރެވެ.