ކަރީނާ ދަރިފުޅު ތައިމުރާ އެކު: "ގުޑް ނިއުސް" ތައިމޫރު ފެންނާނެ.
06 އެޕްރީލް 2019 - 07:02
ކަރީނާ ކަޕޫރް މިހާރު ކުޅެމުން އަންނަ ފިލްމު "ގުޑް ނިއުސް" ގައި، މީޑިއާގައި ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ އޭނާގެ ދެ އަހަރުގެ ދަރިފުޅު ތައިމޫރު އަލީ ހާން ޕަޓޯޑީގެ ހާއްސަ ފެނިލުމެއް ހިމެނޭ ކަމަށް ބައެއް ނޫސްތަކުން ބުނެފި އެވެ.
ޑެއިލީ ޓައިމްސް އިން ބުނި ގޮތުގައި ކަރީނާގެ ގާތް އެކުވެރިޔާ ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ ފިލްމުގެ 10 ވަރަކަށް މިނިޓުން ތައިމޫރު ފެންނާނެ އެވެ. މީޑިއާތަކުން މި ވާހަކަ ހިއްސާކޮށްފައި ވަނީ އެ ފިލްމުގެ ސެޓްގައި ބަތަލާ ކިއާރާ އަދުވާނީއާ އެކު ދުވެ، ކުޅެ، ސަކަރާތް ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ދާދި ފަހުން ސޯޝަލް މީޑިއާގައި ދައުރުވެފައި ވަނިކޮށެވެ.
"ގުޑް ނިއުސް" ތައިމޫރު ފެނުން ވާނީ ބޮޑު ސްކްރީނުން އޭނާ ފެންނާނެ ފުރަތަމަ ފަހަރަށެވެ.
Kiara Advani has some fun with our little star Taimur Ali Khan on the sets of Good News.
— WHATS UP BOLLYWOOD (@UpBollywood) February 12, 2019
.#taimuralikhan #kiaraadvani #taimuralikhanpataudi #goodnews #kareenakapoorkhan #kareenakapoor #AkshayKumar #whatsupbollywood@Advani_Kiara pic.twitter.com/E3NBVjL9qy
ރާޖް މެހެތާ ޑައިރެކްޓްކުރާ މި ފިލްމަކީ ދަރިއަކު ހޯދަން މަސައްކަތްކުރާ ދެމަފިރިއަކަށް ވަރަށް ދުވަސް ފަހުން ދަރިއަކު ލިބޭކަން އެނގުމުންް ދިމާވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. "ގުޑް ނިއުސް" ގައި ކަރީނާ ފެންނާނީ އޭނާއާ އެކު މީގެ ކުރިން ވެސް ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ އަކްޝޭ ކުމާރާ އެކީގަ އެވެ.
މީގެ އިތުރުން ފިލްމުގެ ރޯލަކުން، ކަރީނާއާ އެކު 2016 ގެ "އުޅުތާ ޕަންޖާބް" ކުޅުނު ޕަންޖާބީ އެކްޓަރު ދީލްޖީތު ދޮސަންޖް ވެސް ފެންނާނެ އެވެ.
މިދިޔަ އަހަރު ރިލީޒް ކުރި "ވީރޭ ދީ ވެޑިން" އަށް ފަހު، ކަރީނާ ސްކްރީނުން ފެންނަ ފުރަތަމަ ފިލްމު "ގުޑް ނިއުސް" ސިނަމާތަކަށް އަންނާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 6 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy