ރިޝީ ކަޕޫރް ބޯންމެރޯ ޓްރާންސްޕްލާންޓެއް ހަދަން ތައްޔާރު ވަނީ

ކެންސަރުން މިހާރު ސަލާމަތްވެފައި ހުރި ނަމަވެސް، ފަރުވާގެ ތެރެއިން ބޯންމެރޯ ޓްރާންސްޕްލާންޓެއް ހަދަންޖެހޭ ކަމަށް ބޮލީވުޑްގެ އެކްޓަރު ރިޝީ ކަޕޫރް ބުނެފި އެވެ.


މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފަރުވާ އަށް އެމެރިކާގެ ނިއު ޔޯކަށް ދިޔަތާ ގާތްގަނޑަކަށް ނުވަ މަސް ދުވަސް ފަހުން ފުރަތަމަ ފަހަރަށް ބައްޔާ ބެހޭ ގޮތުން ވާހަކަ ދައްކަމުން، 66 އަހަރުގެ އެކްޓަރު ބުނީ އޭނާ ބަލިން ފަސޭހަވާން މެދުވެރި އެއް ސަބަބަކީ އާއިލާ އާއި ގާތް ރައްޓެހިންގެ ހެޔޮ ދުއާ ކަމަށެވެ.

"އެ އެންމެންގެ ހިތްވަރާއި ލޯތްބާއި ހެޔޮދުއާތަކާ އެކު އަހަރެން މިހާރު މި ހުރީ ކެންސަރުން ސަލާމަތްވެފައި،" ޑެކަން ކްރޮނިކަލް އަށް ރިޝީ ބުންޏެވެ. "އެކަމަކު އަދި ފަރުވާގެ ތެރެއިން ބޯންމެރޯ ޓްރާންސްޕްލާންޓް އޮޕަރޭޝަނެއް އެބަޖެހޭ ހަދަން."

އޭނާ ބުނި ގޮތުގައި ބޯންމެރޯ، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ހަދާނެ އެވެ.

"މި އުނދަގޫ ދަނޑިވަޅުގައި އަހަންނާ އެކު އަބަދުވެސް އެންމެ ގާތުގައިވި މީހަކީ އަންހެނުން ނީޓޫ. އޭނާގެ އަޅާލުމާއި ލޯތްބާއި އޯގާތެރިކަމުގެ ވާހަކަ ދައްކައި ހުހެއް ނުވާނެ. އަދި އަހަރެންގެ ދެދަރިން ކަމަށްވާ ރަންބީރު [އެކްޓަރު ރަންބީރް ކަޕޫރް] އާއި ރިދިމާ [ކަޕޫރް] އަކީ އަކީ އެހާމެ ބޮޑު ސަޕޯޓެއް. އަހަރެން ޝުކުރު އަދާކުރަން އަހަންނަށް ހެޔޮދުއާކޮށްދޭ އެންމެންނަށް." ރިޝީ ބުންޏެވެ. "ފަރުވާގެ ތެރޭގައި އުފުލަން ޖެހުނު އެންމެ ބޮޑު ވޭނަކީ ކާންބޯން ދަތިވުން. ވަރަށް ހާލުގައި އެކަން ކުރަން ޖެހުނީ."

ރިޝީ ފަރުވާ ހޯދަނީ ކެންސަރަށްކަން ސިއްރުކޮށްގެން އުޅެނިކޮށް އެ ވާހަކަ އެންމެ ފުރަތަމަ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ފޭސްބުކްގައި ހިއްސާ ކުރީ ކުރީގެ މަޝްހޫރު ޑައިރެކްޓަރު އަދި އަދި ރިޝީގެ ގާތް އެކުވެރިއެއް ކަމަށްވާ ރާހުލް ރަވައިލް އެވެ.

އޭގެ ފަހުން އަންގާރަ ދުވަހު ރިޝީގެ އެއްބަފާ ބޭބެ ރަންދީރު ކަޕޫރް ވަނީ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް އެކަން ފުރަތަމަ ފަހަރަށް ކަށަވަރުކޮށް ދީފަ އެވެ. އޭނާ ބުނި ގޮތުގައި ފަރުވާ ނިންމާލައި މާ ލަސްތަކެއް ނުކޮށް ރިޝީ ވަރަށް އަވަހަށް އެނބުރި މުމްބާއީ އަށް ވެސް ދާނެ އެވެ.