އިންޑިއާގެ އެންމެ މަގުބޫލު ކޮމެޑިއަންގެ ޝަރަފު ކަޕިލް އަށް

އިންޑިއާގެ ކޮމެޑިއަނުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ބަލާ ސްޓޭންޑަޕް ކޮމީޑިއަން އަކީ ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގެ ހޯސްޓް ކަޕިލް އަށްވެ، އޭނާ އަށް ލަންޑަނުގެ ދަ ވޯލްޑް ބުކް އޮފް ރިކޯޑްސް އިން ވެސް ޖާގައެއް ލިބިއްޖެ އެވެ.


ކޮމީޑިއަންއެއްގެ ގޮތުގައި އެތައް ބަޔަކު ހެއްވައިލުމާއި ޖަނަވާރުންގެ ހިމާޔަތަށް އޭނާ ކުރާ މަސައްކަތް ފާހަގަކޮށް، ވޯލްޑް ބުކް އޮފް ރެކޯޑްސް އިން އެކަމުގެ ސެޓްފިކެޓް ވެސް ކަޕިލް އަށް ދީފައިވާ އިރު، ވަރަށް ގިނަ ފޭނުން މިހާރު އަންނަނީ އޭނާ އަށް މަރުހަބާ ކިޔަމުންނެވެ.

ސޮނީ ޓީވީން ވެސް ސޯޝަލް މީޑިއާގައި ކަޕިލް އަށް މަރުހަބާ ކިޔާފައިވެ އެވެ.

އެތައް ބައެއްގެ ހިތްތައް ފަތަހަކޮށްފައިވާ "ދަ ކަޕިލް ޝަރުމާ ޝޯ" ގާތްގަނޑަކަށް އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު، އަލުން ގެނެސްދޭން ފެށީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ފަހުކޮޅުން ފެށިގެންނެވެ. އޭގެ ފަހުން މި ޝޯ ހިމެނެނީ އިންޑިއާގެ އެންމެ މަގުބޫލު ޝޯތަކުގެ ތެރޭގަ އެވެ.

މިދިޔަ އަހަރު ކައިވެނި ވެސް ކުރި ކަޕިލް، 38، އަކީ ކޮމީޑިއަންއެެއްގެ އިތުރުން އެކްޓަރެއް އަދި ޕްރޮޑިއުސަރެއް ވެސް މެ އެވެ. އޭނާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނުނު 2017 ގެ ފިލްމު "ފިރަންގީ" އަކީ ޕްރޮޑިއުސްކޮށް، ބަތަލުގެ ރޯލް ކުޅުނު ފިލްމެކެވެ.