ޖޯން އަބްރަހަމް.
12 ޖޫން 2019 - 07:34
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ޕްރަބާސްގެ "ސާހޯ" ގެ ޓީޒާ މާދަމާ ދައްކާލަން ނިންމައިފި އެވެ.
އަންނަ އޮގަސްޓް މަހުގެ 19 ގައި ރިލީޒް ކުރާ މި ފިލްމަކީ "ބާހްބަލީ" އަށް ފަހު، ޕްރަބާސް ފެންނަ ފުރަތަމަ ފިލްމެވެ. އެހެންވެ މި ފަހަރު ފިލްމުން އޭނާ ފެނިގެން ދާނެ ގޮތާއި ކުޅެފައިވާ ކެރެކްޓާ ބަލައިލުމުގެ ޝައުގުވެރިކަން ފޭނުންގެ މެދުގައި ބޮޑެވެ.
ޒަމާނީ އެކްޝަން ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ "ސާހޯ" އަކީ ބޮލީވުޑާއި އިންޑިއާގެ ސައުތުގެ ތަރިންގެ ކާސްޓެއް މަސްހުނިކޮށްގެން ސުޖީތު ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. މީގެ ބަތަލާ އަކީ ޝްރަދާ ކަޕޫރެވެ.
The big revelation about the year's biggest action thriller from India. Enter the world of SAAHO with the teaser on 13th June.#SaahoTeaser #15AugWithSaaho #Prabhas @ShraddhaKapoor @sujeethsign @UV_Creations @itsBhushanKumar pic.twitter.com/rTnDi8dB8h
— TSeries (@TSeries) June 10, 2019
"ސާހޯ" އިން ފެންނާނެ ބޮލީވުޑްގެ އިތުރު ތަރިންގެ ތެރޭގައި ޖެކީ ޝްރޮފް، ނީލް ނިތިން މުކޭޝް، އެވެލީން ޝަރުމާ، މަންދިރާ ބޭދީ، ޗަންކީ ޕާންޑޭ އަދި މަހޭޝް މަންޖްރޭކަރު ހިމެނެ އެވެ.
މި ފިލްމަކީ 300 ކްރޯޑް ރުޕީސް (43,168,500 ޑޮލަރު) އިން ހަދާފައިވާ ފިލްމެކެވެ.
ޑައިރެކްޓަރު ސަންޖޭ ގުޕްތާ އަނެއްކާ ވެސް ގޭންގްސްޓާރުންގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދަން ތައްޔާރުވަމުން އަންނަ އިރު، އެ ފިލްމަށް ޖޯން އަބްރަހަމް އާއި އިމްރާން ހާޝިމީ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
.@TheJohnAbraham and @emraanhashmi roped in for a gangster movie set in Mumbaihttps://t.co/Lkb0WfqiHD
— Bollywood Hungama (@Bollyhungama) June 11, 2019
ބޮލީވުޑް ހަންގާމާ އިން ބުނީ އޭގެ ތެރެއިން އެކަކު ކުޅޭނީ ގޭންގްސްޓާރެއްގެ ރޯލް ކަމަށާއި އަނެއް މީހާ ކުޅޭނީ ފުލުހެއްގެ ރޯލް ކަމަށެވެ. ނަމަވެސް ފިލްމަށް އިމްރާނާއި ޖޯން ސޮއި ކުރިކަން އަދި ސަންޖޭ އަދި ކަށަވަރެއް ނުކޮށް ދެ އެވެ. އެކަމަކު އަދި ނަން ވެސް އިއުލާން ނުކުރާ ފިލްމަށް ކާސްޓުން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މި ހަފުތާގެ ކުރީކޮޅު އޭނާ ބުންޏެވެ.
ޖޯން މީގެ ކުރިން ވަނީ ސަންޖޭއާ އެކު ފިލްމު ޒިންދާ (2006) އާއި ޝޫޓްއައުޓް އެޑް ވަޑާލާ (2013) ގައި މަސައްކަތްކޮށްފަ އެވެ. އެކަމަކު ސަންޖޭގެ އާ ފިލްމުވެގެން ދާނީ އިމްރާން އޭނާއާ އެކު މަސައްކަތް ކުރާ ފުރަތަމަ ފިލްމަށެވެ.
ހަންގާމާ އިން ބުނީ ޓީ ސީރީޒުން ޕްރޮޑިއުސް ކުރާ ސަންޖޭގެ ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރު ކަމަށެވެ.
އަންނަ މަހުގެ 5 ގައި ރިލީޒް ކުރާ "މަލާލް" އިން ބޮލީވުޑަށް ތައާރަފުވާ އެކްޓަރު ޖާވިދު ޖެފްރީގެ ފިރިހެން ދަރިފުޅު މީޒާން ޖެފްރީ އަމީތާބް ބައްޗަންގެ ކާފަ ދަރި ނަވިއާ ނަވޭލީ ނަންދާއާ ރައްޓެހިވެގެން އުޅޭ ކަމަށް ބުނާ ވާހަކަ މީޒާން ދޮގުކޮށްފި އެވެ.
އެ ދެ ތަރިންގެ ލޯބީގެ ވާހަކަތަކެއް އެންމެ ފުރަތަމަ މީޑިއާތަކަށް ތިލަވީ މީގެ ދެ އަހަރު ކުރިން މުމްބާއީގައި އެކީގައި ފިލްމެއް ބަލާފައި ނުކުތް ތަނުން ޕަޕަރާޒީންގެ ކެމެރާތަކުގެ ލެންސަށް ދެ މީހުން އެރުމާ ގުޅިގެންނެވެ. އޭގެ ފަހުން މީޒާން އާއި ނަވިއާ ދެމެދު ހާއްސަ ގުޅުމެއް އޮންނަ ކަމަަށް ވާހަކަތައް ދެކެވެ އެވެ. އެމެރިކާގައި ކިޔަވަން ހުރި ނަވިއާއަކީ އަމީތާބްގެ އަންހެން ދަރިފުޅު ޝްވޭތާގެ އަންހެން ދަރިފުޅެވެ.
މުމްބާއީ މިރާ އަށް ދިން އިންޓަވިއުއެއްގައި މީޒާން ބުނީ އެއް އިރެއްގައި ވެސް ނަވިއާ އާއި އޭނާއާ މެދު ލޯބީގެ ގުޅުމެއް ނެތް ކަމަށެވެ. އަދި ނަވިއާއާ ގާތްކަން އޮންނަނީ އޭނާގެ އަންހެން ކޮއްކޮގެ ބެސްޓް ފްރެންޑަކީ ނަވިއާ އަށް ވާތީ ކަމަށް މީޒާން ބުންޏެވެ.
އޭނާ ބުނީ މި ވަގުތު އެއްވެސް މީހަކާ ލޯބީގެ ގޮތުން ގުޅިގެން ނޫޅޭ ކަމަށާއި ހުރީ ސިންގަލްކޮށް ކަމަށެވެ.
ނެޝަނަލް އެވޯޑް ލިބުނު ސޯނަމް ކަޕޫރްގެ ފިލްމު "ނީރްޖާ" ގެ ޑައިރެކްޓަރު ރާމް މަދަވަންގެ ފިލްމެއް ޝާހިދު ކަޕޫރަށް ހުށަހަޅައިފި އެވެ.
The perfect hack for Mumbai traffic right here! So agile and nimble. Was a super fun ride. #BMW310R @BMWMotorrad_IN pic.twitter.com/lxQYQb2NZM
— Shahid Kapoor (@shahidkapoor) March 2, 2019
ފިލްމީ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނީ މީގެ ދުވަސްކޮޅެއް ކުރިން ޝާހިދާ ބައްދަލުކޮށް، ރާމްގެ އާ ފިލްމުގެ ވާހަކަ ނެރޭޓްކޮށް ދީފައިވާ ކަމަށެވެ. އަދި ސްކްރިޕްޓް ޝާހިދަށް ކަމުގޮސްފައިވާތީ އެ ފިލްމަށް އެއްބަސްވާނެ ކަމުގެ ފެހި ސިގްނަލް ވެސް އޭނާ ދީފައިވާ ކަމަށް ބުންޏެވެ.
ނަމަވެސް ފިލްމާ ބެހޭ ގޮތުން ޝާހިދާއި ރާމް ވެސް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ޝާހިދުގެ އެންމެ ފަހުގެ ފިލްމު "ކަބީރު ސިންގް" މި މަހުގެ 21 ގައި ސިނަމާތަކަށް އަންނާނެ އެވެ. މި ފިލްމަކީ 2017 ގައި ރިލީޒް ކުރި ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ގެ ހިންދީ ރިމެކެވެ.
"ކަބީރު ސިންގް" އަށް ފަހު، ޝާހިދު ކުޅޭނެ ފިލްމެއް ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy