ޖާންވީ ކަޕޫރާއި ކާތިކް އާރިޔަންއާ އެކު "ދޯސްތާނާ 2" އިއުލާންކޮށްފި

ކަރަން ޖޯހަރު މީގެ 11 އަހަރު ކުރިން ގެނެސްދިން ކާމިޔާބު ފިލްމު "ދޯސްތާނާ" ގެ ދެވަނަ ބައި ހަދަން އުޅޭ ވާހަކަ ދެކެވޭތާ އެތައް ދުވަހެއް ފަހުން އެ ފިލްމު ރަސްމީކޮށް އިއުލާންކޮށްފި އެވެ.


ކަރަން ކުރި ޓްވީޓެއްގައި ބުނީ "ދޯސްތާނާ 2" ގެ ލީޑް ރޯލުން ފެންނާނީ ޖާންވީ ކަޕޫރާއި ކާތިކް އާރިޔަންގެ އިތުރުން އަލަށް ތައާފަރު ކުރާ އެކްޓަރެއް ކަމަށެވެ. މި ފިލްމުގެ ބަތަލާގެ ރޯލަށް ޖާންވީ ހަމަޖެއްސިކަން ކަރަން ކަށަވަރުކޮށް ދީފައި ވަނީ މިދިޔަ އަހަރު އޭނާ ޕްރޮޑިއުސް ކުރި "ދަޅަކް" އިން ބޮލީވުޑަށް ތައާރަފުކުރި ބަތަލާ އަށް ފިލްމު ހުށަހަޅާފައިވާ ކަމަށް މީޑިއާތަކުން ވެސް ކުރިން ރިޕޯޓްކޮށްފައި ވަނިކޮށެވެ.

"ދޯސްތާނާ" އަކީ ޖާންވީ ސޮއިކުރި ކަރަންގެ 4 ވަނަ ފިލްމެވެ. އޭނާގެ އަތުގައި މިހާރު ވެސް ކަރަންގެ "ތަހުތު" އާއި "ކަރުގިލް ގާލް" އެބަ އޮތެވެ.

"ދޯސްތާނާ 2" ވެގެން ދާނީ މިހާރު ބޮލީވުޑްގައި އެންމެ ބޮޑަށް ކުރިއަރަމުން އަންނަ އެއް އެކްޓަރު ކަމަށްވާ ކާތިކް، ކަރަންގެ ދަރުމާ އަށް ކުޅޭ ފުރަތަމަ ފިލްމަށެވެ.

"ދޯސްތާނާ 2" ގެ ޑައިރެކްޓަރަކީ ކޮލިން ޑި ކަންހާ އެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ ނަވްޖޯތު ގުލާތީ އާއި ސުމިތު އަރޯރާގެ އިތުރުން ރިޝަބް ޝަރުމާ އެވެ.

"ދޯސްތާނާ" ގެ ލަވައެއް.

ނަމަވެސް މި ފިލްމުގެ މަސައްކަތް ފަށާނެ އިރަކާއި ރިލީޒް ކުރާ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ދެހާސް އަށެއްގައި ރިލީޒް ކުރި "ދޯސްތާނާ" އަކީ ތަރުން މަންސުކާނީ ޑައިރެކްޓް ކުރި ފިލްމެކެވެ. އެ ފިލްމުގެ ލީޑް ރޯލް ކުޅުނީ ޖޯން އަބްރަހަމް އާއި ޕްރިޔަންކާ ޗޯޕްޅާގެ އިތުރުން އަބީޝެކް ބައްޗަނެވެ. އަދި ފިލްމުގެ ހާއްސަ ފެނިލުމަކުން ބޮބީ ޑިއޯލް ވެސް ފެނިފައިވެ އެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި އެ ފިލްމަކީ ވަރަށް ރީތި ލަވަތަކެއް ވެސް ހިމެނޭ ފިލްމެކެވެ. އޭގެ ތެރޭގައި ވަކުން ހާއްސަކޮށް "ދޭސީ ގާލް" އާއި ޝިލްޕާ ޝެޓީގެ އައިޓަމް ލަވައެއްގެ ގޮތުގައި ހިމެނުނު "ޝަޓަޕް އެންޑް ބައުންސް" ފާހަގަކޮށްލެވެ އެވެ.