ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަކްޝޭ ކުމާރާއި ކެޓްރީނާ ކެއިފް ލީޑް ރޯލް ކުޅޭ ފިލްމު "ސޫރިޔާވަންޝީ" ގައި ހިމެނޭ ލަވަ "ޓިޕް ޓިޕް ބަރުސާ ޕާނީ" ގެ ޝޫޓިން ނިންމާލައިފި އެވެ.


އެ ލަވައިގެ ޝޫޓިން ތެރޭގައި ނަގާފައިވާ ފޮޓޯތަކެއް ކެޓްރީނާ ވަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ. އޭގެ ތެރެއިން ދެ ފޮޓޯއެއްގައި ފެންނަނީ އޭނާ އާއި އަކްޝޭ ބޮލުގައި ތުވާލި އޮޅާލައިގެން ތިއްބަ އެވެ. އަނެއް ދެ ފޮޓޯގައި ފެންނަނީ ލަވައިގެ ކޮރިއޯ ހެދި ފަރާ ހާނާ އެކު ކެޓްރީނާ ހުއްޓަ އެވެ.

"ޓިޕް ޓިޕް ބަރުސާ ޕާނީ" ގެ އާ ވާޝަން "ސޫރިޔާވަންޝީ" ގައި ހިމަނަން ނިންމި އިރު، ކުރީގެ ލަވައިން ފެނިގެން ގޮސްފައި ވަނީ އަކްޝޭ އާއި ރަވީނާ ޓަންޑަން އެވެ. އަދި އެ ލަވައަކީ 1994 ގެ ފިލްމު "މޮހޮރާ" ގެ ލަވައެކެވެ.

ރޯހިތު ޝެޓީ ޑައިރެޓް ކުރާ ކޮޕް ޑްރާމާ "ސޫރިޔާވަންޝީ" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ މާޗް 27 ގަ އެވެ.

މި ފިލްމަށް މިހާރު ވެސް ގިނަ ބަޔަކު އެންމެ ބޮޑަށް އިންތުޒާރު ކުރާނެ އެއް ސަބަބަކީ ބޮލީވުޑްގެ އައިކޮނިކް ވާރޭތެރޭ ލަވަ އާ ގޮތަކަށް ފެނިގެން ދާނެތީ އެވެ. އަދި މިއީ ކެޓްރީނާ އާއި އަކްޝޭގެ ޖޯޑު 11 ވަރަކަށް އަހަރުން ފަހުން ސްކްރީނަށް އަންނަ ފިލްމަށްވާތީ ވެސް ފިލްމަށް ކުރެވޭ އިންތިޒާރީތައް ބޮޑެވެ.

އަބިނޭގެ އާ ފިލްމަކީ "ދޫސްރާ"

މިދިޔަ އަހަރު އިރުފާން ހާނާ އެކު "ބްލެކްމެއިލް" ގެނެސް ދިން ޑައިރެކްޓަރު އަބިނޭ ޑިއޯލް "ދޫސްރާ" ކިޔާ ކުޅިވަރު ފިލްމެއް ގެނެސް ދޭން ތައްޔާރުވެއްޖެ އެވެ.

ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ ފިލްމުގެ ޕޯސްޓަރެއް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ. މީގެ ކާސްޓުންނަކީ ޕްލަބިތާ ބޯރްތާކޫރް އާއި އަންކޫރް ވިކާލް އެވެ. "ދޫސްރާ" ގެ ޓްރެއިލާ މިއަދު ދައްކައިލާނެ އެވެ.

އަބިނޭ ކުރިން ގެނެސް ދީފައިވާ ފިލްމުތަކުގެ ތެރޭގައި އިމްރާން ހާންގެ "ދިއްލީ ބެލީ" އާއި ޖޯން އަބްރަހަމްގެ "ފޯސް 2" ހިމެނެ އެވެ.

"ފެމިލީ އޮފް ތާކޫރުގަންޖް" ޖުލައި 19 ގައި

"ފެމިލީ އޮފް ތާކޫރްގަންޖް" ކިޔާ ކޮމެޑީ ފިލްމެއް އަންނަ މަހުގެ 19 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

މި ފިލްމުގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ ޖިމީ ޝެރްގިލް، މާހީ ގިލް، ސޯރަބް ޝުކްލާ، ސުޕްރިޔާ ޕިލްގާއޯންކަރް، ނަންދިޝް ސިންގް އަދި މުކޭޝް ތިވާރީ އެވެ.

މިއަދު ޓްރެއިލާ ދައްކާލަން ހަމަޖެހިފައިވާ "ފެމިލީ އޮފް ތާކޫރްގަންޖް" ގެ ޑައިރެކްޓަރަކީ މަނޯޖް ކޭ ޖާ އެވެ.

"ޝެހެރް ކީ ލަޅްކީ" ގެ ވެސް އާ ވާޝަނެއް

ރަވީނާ ޓަންޑަންގެ އައިކޮނިކް ވާރޭތެރޭ ލަވަ "ޓިޕް ޓިޕް ބަރުސާ ޕާނީ" ގެ އާ ވާޝަނެއް އަންނަ އަހަރު ރިލީޒް ކުރާ "ސޫރިޔާވަންޝީ" ގައި ހިމަނަން ނިންމާފައި ވަނިކޮށް، އަނެއްކާ ވެސް އޭނާގެ އިތުރު ލަވައެއް އަލުން ހަދަން ނިންމައިފި އެވެ.

"ޝެހެރް ކީ ލަޅްކީ" ލަވައިގެ ވީޑިއޯ.

މި ފަހަރުގެ ލަވައަކީ 1996 ގައި ރިލީޒް ކުރި ސުނިލް ޝެޓީގެ ފިލްމު "ރަކްޝަކް" ގައި އޭނާއާ އެކު ރަވީނާ ކުޅުނު "ޝެހެރް ކީ ލަޅްކީ" އެވެ. މި ލަވައިގެ އާ ވާޝަން ހިމަނަން ނިންމާފައި ވަނީ ކުރިން އަންނަ މަހުގެ 26 ގައި ރިލީޒް ކުރަން ނިންމުމަށް ފަހު، މިހާރު އޮގަސްޓް 2 އަށް ފަސްކޮށްފައިވާ ޝިލްޕީ ދާސްގުޕްތާގެ "ޙާންދާނީ ޝަފަޙާނާ" ގަ އެވެ.

މީޑިއާތަކުން ބުނީ "ޝެހެރް ކީ ލަޅްކީ" އަލުން ހެދުމުގެ ފަހަތުގައި ހުރީ "ޙާންދާނީ ޝަފަހާނާ" އިން އެކްޓިން އަށް ތައާރަފުވާ ރެޕާ/ލަވަކިޔުންތެރިޔާ ބާދްޝާ ކަމަށެވެ. މި ލަވައިން އޭނާއާ އެކު ފެނިގެން ދާނީ "ކޮކްޓެއިލް" ފަދަ ފިލްމުތައް ކުޅުނު ޑަޔާނާ ޕެންޓީ އެވެ.

ސުނިލްއާ އެކު ކަރިޝްމާ ކަޕޫރާއި ސޮނާލީ ބެންޑްރޭ މުހިއްމު ރޯލްތައް ކުޅުނު "ރަކްޝަކް" ގެ "ޝެހެރް ކީ ލަޅްކީ" އަކީ އަބިޖީތު ބަޓަޗަރިއާ އާއި ޕޫރްނިމާ ކިޔާފައިވާ ވަރަށް ހިޓް ލަވައެކެވެ.

"ޙާންދާނީ ޝަފަހާނާ" ގެ މައިގަނޑު ތަރިންނަކީ ސޮނާކްޝީ ސިންހާ، ވަރުން ޝަރުމާ، އައްނޫ ކަޕޫރް، ނާދިރާ ބައްބަރު އަދި ބާދްޝާ އެވެ.