ރަޖްނީކާންތުގެ "2.0" ޗައިނާގައި ރިލީޒްކުރުން މަޑުޖައްސާލައިފި

މިދިޔަ އަހަރު ރިލީޒްކުރި ރަޖްނީކާންތާއި އަކްޝޭ ކުމާރުގެ ސައިންސް ފިކްޝަން ފިލްމު "2.0" އަންނަ ހުކުރު ދުވަހު ޗައިނާގައި ދައްކަން ނިންމައި، ޗައިނާ ބަހުން ތައްޔާރުކޮށްފައިވާ ޕޯސްޓަރުތަކެއް ވެސް ކުރިން ދައްކާލާފައި ވަނިކޮށް، އެ ފިލްމު ދެއްކުން މަޑުޖައްސާލައިފި އެވެ.


ބޮލީވުޑް ހަންގާމާ އިން ބުނީ އިންޑިއާގައި މިހާތަނަށް ހެދި އެންމެ އަގު ބޮޑު ފިލްމު ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގައި ރިލީޒްކުރުން ހުއްޓުމަކަށް ގެނައީ އެ ފިލްމު ޗައިނާގައި އަޅުވަން ހަވާލުވި ޑިސްޓްރިބިއުޓަރު އެޗްވައި މީޑިއާ އިން ރިސްކެއް ނަގަން ބޭނުން ނުވެގެން އެ މަސައްކަތް ހުއްޓައިލުމުން ކަމަށެވެ.

އެއް ސަބަބަކީ އެ ކުންފުނިން މިދިޔަ އަހަރު ޗައިނާގައި ރިލީޒްކުރި އަކްޝޭގެ "ޕެޑްމޭން" އަށް ވެސް އެކަށީގެންވާ ވަރުގެ ތަރުހީބެއް ނުލިބި، ފިލްމު ޕްރޮމޯޓް ކުރަން ކުރި ހަރަދު ފޫނުބެއްދުމެވެ. އަނެއް ސަބަބަކީ "2.0" އަކީ ކުރިން ގެނެސްދިން ފިލްމެއްގެ ދެވަނަ ބައި ކަމަށްވާތީ ފިލްމުގެ ޕްރިކްއެލް ޗައިނާގައި ދައްކާފައިި ނުވުމުން އެއަށް މާ ބޮޑު ޝައުގުވެރި ކަމެއް އޯޑިއަންސް ދޭނެކަމާ ދޭތެރޭ ޝައްކު އުފެދުމެވެ. އަދި "2.0" އަކީ ވަރަށް ގިނަ އަދަދަކަށް ވީއެފްސްއެކްސް ހިމެނޭ ފިލްމަކަށް ވިޔަސް، މި ވައްތަރުގެ ފިލްމުތައް ޗައިނާގެ އޯޑިއަންސަށް ނުވުމެވެ.

ޝަންކަރު ޑައިރެކްޓްކޮށްފައިވާ "2.0" އަކީ އޭނާ 2010 ގައި ގެނެސް ދިން "ރޮބޮޓް" ގެ ދެވަނަ ބައެވެ.

މީޑިއާތަކުން ބުނީ ޗައިނާގައި ފިލްމު ރިލީޒް ކުރުން މަޑުޖައްސައިލި އަނެއް ސަބަބަކީ އަންނަ ހަފުތާ ތެރޭގައި ޑިޒްނީގެ "ލަޔަން ކިންގް" ސިނަމާތަކަށް އަންނާތީ، ޗައިނާގައި "2.0" ބަލާނެ ބަޔަކު ނުވާނެ ކަމުގެ ބިރު އޮތުމެވެ. އެހެންވެ މިފަދަ ސަބަބުތަކާ ހެދި އެޗްވައި މީޑިއާ އިން ރިސްކެއް ނަގަން ބޭނުން ނުވީ އެވެ.

މި ވަގުތަށް ފިލްމު އެޅުވުން ހުއްޓައިލި ނަމަވެސް، ޗައިނާގައި "2.0" އަޅުވާނެތޯ ނޫންތޯ ވެސް އޮތީ ސުވާލު އުފެދިފަ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ގައި ރިލީޒްކުރި އެ ފިލްމަކީ އިންޑިއާ އިން ވެސް މާ ބޮޑު ތަރުހީބެއް ލިބުނު ފިލްމެއް ނޫނެވެ. އެގޮތުން ފިލްމަށް ކުރި ހަރަދު ފޫބެއްދޭ ވަރުގެ އާމްދަނީއެއް ލިބުނަސް "2.0" އަކީ ބެލުންތެރިން އުންމީދު ކުރި ވަރުގެ ފިލްމެއް ނޫނެވެ. ޖުމްލަ 543 ކްރޯޑް ރުޕީސް (79 މިލިއަން ޑޮލަރު) ހަރަދުކޮށްގެން ހެދި ފިލްމަށް ލިބުނީ 800 ކްރޯޑް ރުޕީސް (116 މިލިއަން) ޑޮލަރު އެވެ.

އޭގެ ތެރެއިން ބޮޑު ބަޔަކީ ފިލްމު ސެޓެލައިޓް ރައިޓްސް އާއި މިއުޒިކް ރައިޓްސް ވިއްކާލައިގެން ލިބުނު އާމްދަނީ އެވެ.

އިންޑިއާގެ ފިލްމުތަކަށް މިހާރު ބޮޑު މާކެޓެއް އޮންނަ ޗައިނާގައި އެންމެ ފަހުން ރިލީޒް ކުރި ހިންދީ ފިލްމަކީ މިދިޔަ މަހު އެޅުވި ރިތިކް ރޯޝަންގެ "ކާބިލް" އެވެ. އެކަމަކު 2017 ގައި ރިލީޒް ކުރި ފިލްމަށް ޗައިނާ އިން ލިބުނީ ވަރަށް ވެސް ފިނި ތަރުހީބެކެވެ.

ޗައިނާގައި މިހާތަނަށް އެންމެ ހިނގި ހިންދީ ފިލްމުތަކުގެ ތެރޭގައި އާމިރު ހާންގެ "ޑަންގަލް" އާއި ސަލްމާން ހާންގެ "ބަޖިރަންގީ ބައިޖާން" އާއި އިރުފާން ހާންގެ "ހިންދީ މީޑިއަމް" ގެ އިތުރުން މިދިޔަ އަހަރު ރިލީޒް ކުރި އަޔޫޝްމަން ކުރާނާގެ "އަންދާދުން" ހިމެނެ އެވެ.