އިންނަން ކަމުދާ މީހަކު ބޮލީވުޑަކު ނެތް: ސޮނާކްޝީ ސިންހާ

ބޮލީވުޑްގެ އެކްޓަރުންގެ ތެރޭގައި އިންނަން ކަމުދާ ކަހަލަ މީހަކު ނެތް ކަމަށް ބަތަލާ ސޮނާކްޝީ ސިންހާ ބުނެފި އެވެ.


"ބާއި އިންވައިޓް އޮންލީ" ކިޔާ ޝޯއެއްގައި ޒުވާން ބަތަލާ ބުނީ މައިންބަފައިން ވެސް ބޭނުން ވަނީ ވަރަށް އަހްލާގު ރަނގަޅު "ސުޝީލް" ފިރިހެނަކާ ރައްޓެހިވާން ކަމަށެވެ.

"އެކަމަކު އެކަހަލަ މީހަކު ނެތް ބޮލީވުޑަކު. އަހަންނަކަށް ހިއެއް ނުވޭ އަހަންނަށާއި މައިންބަފައިންނަށް ވެސް ކަމުދާ ކަހަލަ ފިރިއެއް އަހަންނަށް ބޮލީވުޑަކުން ލިބޭނެހެންނެއް،" ސޮނާކްޝީ ބުންޏެވެ.

އެކަމަކު މީގެ ކުރިން ބައެއް އެކްޓަރުންނާ އެކު ސޮނާކްޝީ ލޯބީގެ ގުޅުންތަކެއް ބޭއްވި ކަމަށް އަޑު އަރާފައިވެ އެވެ. އޭގެ ތެރޭގައި އޭނާއާ އެކު "ތޭވަރު" ކުޅުނު އަރުޖުން ކަޕޫރާއި "އާރް...ރާޖްކުމާރު" ކުޅުނު ޝާހިދު ކަޕޫރުގެ އިތުރުން މި އަހަރު ފިލްމު "ނޯޓްބުކް" އިން ތައާރަފުވި އެކްޓަރު ޒަހީރު އިގްބާލް ހިމެނެ އެވެ. އަދި ބަންޓީ ސަޖްދޭ ކިޔާ މީހަކާ ވެސް ސޮނާކްޝީ ރައްޓެހިވިކަމުގެ ވާހަކަތަކެއް ގިނަ ދުވަސްތަކެއް ވަންދެން ދެކެވުނެވެ.

އެކަމަކު އެއިން އެއްވެސް މީހަކާ އެކު ލޯބީގެ ގުޅުމެއް ބޭއްވި ކަމަކަށް ސޮނާކްޝީ އެއްބަސްވެފައެއް ނުވެ އެވެ.

ނަމަވެސް 32 އަހަރުގެ ބަތަލާ ބުނީ ކުރިން އޭނާ ސެލެބްރިޓީއަކާ ލޯބީގެ ގުޅުމެއް ބޭއްވި ކަމަށާއި އެއްވެސް މީހަކަށް އެއީ ކާކުކަން ރޭކާނުލާ ކަމަށެވެ.

ކުރީގެ ދެ ތަރިން ކަމަށްވާ ޝަތުރަގަން ސިންހާ އާއި ޕޫނަމް ސިންހާގެ ހަމައެކަނި އަންހެން ދަރިފުޅު ބުނި ގޮތުގައި ލޯބިވެރިޔަކު އޭނާ އަށް ބޭވަފާތެރިވެއްޖެ ނަމަ އެފަދަ މީހަކަށް ދުވަހަކު ވެސް މާފުކުރުމެއް ނޯންނާނެ އެވެ.

"އަހަރެން މި ވަގުތު ކައިވެންޏަކާ ދޭތެރޭ ނުވިސްނަން. މި ވަގުތު ފޯކަސް ހުރީ ކެރިއަރަށް. އަހަރެން ގަބޫލުކުރާ ގޮތުގައި ކައިވެންޏަކީ ވަގުތު ޖެހުނީމަ ވާނެ ކަމެއް. އަދި އެކަން ސިއްރެއް ވެސް ނުކުރެވޭނެ،" 2010 ގައި ފިލްމު "ދަބަންހް" އިން ބޮލީވުޑަށް ނުކުތް ބަތަލާ ބުންޏެވެ.

މިދިޔަ އެޕްރީލް މަހު ރިލީޒްކުރި "ކަލަންކް" ގެ ރޯލެއް ކުޅުނު ސޮނާކްޝީ މިހާރު އަންނަނީ އަންނަ މަހުގެ މަހުގެ 2 ގައި ރިލީޒް ކުރާ ފިލްމު "ޙާންދާނީ ޝަފަޙާނާ" އާއި އަންނަ މަހުގެ 15 ގައި ރިލީޒް ކުރާ "މިޝަން މަންގަލް" ވެސް ޕްރޮމޯޓް ކުރަމުންނެވެ. އަދި އަންނަ ޑިސެމްބަރު މަހުގެ 27 ގައި ރިލީޒްކުރާ "ދަބަންގް 3" ގެ މަސައްކަތް ވެސް އޭނާ އަންނަނީ ކުރަމުންނެވެ.