ބިރުވެރި ފިލްމު "ކާކު؟" ސެޕްޓެމްބަރު 24 ގައި އޮލިމްޕަހަށް

މުހައްމަދު އަބޫކަރު (މާއެބޫ) ޑައިރެކްޓްކޮށްފައިވާ ލޯބީގެ ބިރުވެރި ފިލްމު "ކާކު؟" އަންނަ ސެޕްޓެމްބަރު މަހުގެ 24 ގައި ސިނަމާ އަށް ގެންނަން ނިންމައި، ފިލްމުގެ ޕޯސްޓަރެއް ދައްކާލައިފި އެވެ.


ކުރިން ޓީޒާއެއް ވެސް ދައްކާލާފައިވާ މި ފިލްމަކީ މިދިޔަ އަހަރުގެ ފަހުކޮޅު ހދ. ކުޅުދުއްފުށީގައި ޝޫޓްކޮށްފައި އޮތް ފިލްމެވެ. "ކާކު؟" އަކީ މާއެނބޫގެ ވާހަކައަކަށް، މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ.

މީގެ ދެ އަހަރު ކުރިން "ނޭދެން ވަކިވާކަށް" ގެނެސްދިން މާއެނބޫގެ އާ ފިލްމުގެ ކާސްޓުންނަކީ އިބްރާހީމް (ކުޑަ ސޮބާ) ސޮބާހް، އިރުފާނާ އިބްރާހީމް، ޝާފިއު މުހައްމަދު، އައިޝަތު ޔާސިރާ އަދި ހާމިދު އަލީ އެވެ. އަދި ފިލްމުގެ ރޯލަކުން ވެސް މާއެނބޫ ވެސް ފެންނާނެ އެވެ.

އޭނާގެ މީ ޕްރޮޑަކްޝަނުން ގެނެސްދޭ "ކާކު؟" ގެ ޓިކެޓް ވެސް މިހާރު ވިއްކަން ފަށާފައިވާ ކަމަށް ފިލްމުގެ ޓީމުން ބުންޏެވެ.

ސެޕްޓެމްބަރު މަހުގެ 24 ގައި "ކާކު؟" އަޅުވަން ނިންމި އިރު، އެ މަހުގެ 2 ގައި އިލްޔާސް ވަހީދުގެ "ބަވަތި" ސިނަމާތަކަށް އަންނާނެ އެވެ.

އޮލިމްޕަހުގައި މިހާރު ދައްކަނީ އަންގާރަ ދުވަހުގެ ރޭ ޕްރިމިއާ ކުރި އަދި މި އަހަރުގެ 7 ވަނަ ފިލްމު "ލީނާ" އެވެ.