މިސްރުގެ މިއުޒިކް ފެސްޓިވަލަކަށް ދާން ރާއްޖޭގެ ގްރޫޕްތަކަށް ފުރުސަތު ހުޅުވާލައިފި

ސެޕްޓެމްބަރު މަހު މިސްރުގައި ބާއްވާ މިއުޒިކް ފެސްޓިވަލެއްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެ އަށް ލިބިފައިވާތީ، އޭގައި ރާއްޖޭން ތަމްސީލު ކުރާނެ މިއުޒިކް ގްރޫޕްތަކާއި ބޭންޑްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.


ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ބުނި ގޮތުގައި "12 ވަނަ އިންޓަނޭޝަނަލް ފެސްޓިވަލް އޮފް ރިލިޖަސް ޗާންޓިން އެންޑް ސޫފީ މިއުޒިކް ސަމާ" ގައި ބައިވެރިވެވޭނީ ގިނަވެގެން 12 މެމްބަރުންގެ މައްޗައް އެކުލެވޭ ގްރޫޕަކަށެވެ. އެ ފެސްޓިވަލް ކުރިއަށް ދާނީ ސެޕްޓެމްބަރު މަހުގެ 20-27 އަށެވެ.

ފެސްޓިވަލަށް ދާން ޝައުގުވެރިވާ ގްރޫޕްތަކަށް އެންސީއޭ އިން މިހާރު އަންނަނީ ފޯމު ދޫކުރަމުންނެވެ.

އެންސީއޭ އިން ބުނި ގޮތުގައި ގުރޫޕްގެ މެމްބަރުންނަށް އެކޮމަޑޭޝަނާއި ލޯކަލް ޓްރާސްޕޮޓޭޝަން މިސްރުގެ ކަލްޗަރަލް އެފެއާޒް މިނިސްޓްރީން ހަމަޖައްސައި ދޭނެ އެވެ. ނަމަވެސް އިންޓަނޭޝަނަލް އެއާފެއާގެ ދަތުރު ހަމަޖައްސަން ޖެހެނީ އެ ގްރޫޕަކުން އަމިއްލަށެވެ.

މީގެ ކުރިން ވެސް މިސްރުގައި ބޭއްވި މިއުޒިކް ފެސްޓިވަލްތަކުގައި ރާއްޖޭގެ ބައެއް ބޮޑުބެރު ގްރޫޕްތައް ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި ހަބޭސް ބޮޑުބެރު ގްރޫޕާއި ހަރުބީ ހިމެނެ އެވެ.