ފޯބްސްގެ ލިސްޓުން ޕްރިޔަންކާ ޗޯޕްޅާ ވެސް ވަނީ ޖާގަ ހޯދާފައި. އޭނާ އަށް ލިބުނީ ލިސްޓްގެ އަށް ވަނަ. އާމްދަނީއަކީ 11 މިލިއަން ޑޮލަރު.
ސޯފިއާ: ފޯބްސް ލިސްޓްގެ އެއް ވަނަ ލިބުނީ 63 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކު.
17 ސެޕްޓެމްބަރ 2016 - 07:48
ފޯބްސް އިން އާންމުކުރި މި އަހަރުގެ އެންމެ ބޮޑު އާމްދަނީއެއް ލިބުނު ޓީވީ ބަތަލާގެ މަގާމު ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް "މޮޑަން ފެމިލީ" ގެ ބަތަލާ ސޯފިއާ ވެރްގޭރާ ހޯދައިފި އެވެ.
އޭނާ އަށް އާމްދަނީގެ ގޮތުގައި މި އަހަރު 43 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ސޯފިއާ އަށް ޓީވީ ޝޯގެ އިތުރުން މަޝްހޫރު ބައެއް ބްރޭންޑްތަކުގެ އުފެއްދުންތައް އިޝްތިހާރުކޮށްދީގެން، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ.
ފޯބްސްގެ ލިސްޓަށް ބަލާ އިރު އަލަށް ޓީވީ ސިލްސިލާއަކުން ފެނިގެން ދިޔަ ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ވެސް ލިސްޓް ގަދަ 10 ގައި ހިމެނެ އެވެ. އޭނާ އޮތީ "ކްއަންޓިކޯ" އިން ލިބުނު 11 މިލިއަން ޑޮލަރުގެ އާމްދަނީއާ އެކު ލިސްޓްގެ އަށް ވަނައިގެ އެވެ.
އަންނަ އަހަރު ރިލީޒް ކުރާ "ބޭވޮޗް" އިން ޕްރިޔަންކާ ހޮލީވުޑްގެ ބޮޑު ސްކްރީނަށް ވެސް އަންނާނެ އެވެ.
ޓީވީ ބަތަލާއިންގެ ތެރެއިން ލިސްޓްގެ ދެވަނަ ލިބުނީ "ބިގް ބޭންގް ތިއަރީ" ގެ ބަތަލާ ކަލީ ކްއަކޯއަށެވެ. އޭނާގެ އާމްދަނީއަކީ 24.5 މިލިއަން ޑޮލަރެވެ.
ލިސްޓްގެ ތިން ވަނަ ލިބުނީ "މިންޑީ ޕްރޮޖެކް" ގެ ބަތަލާ މިންޑީ ކާލިންއަށެވެ. އޭނާގެ އާމްދަނީއަކީ 15 މިލިއަން ޑިލަރެވެ.
ފޯބްސް ލިސްޓްގެ ހަތަރު ވަނަ އާއި ފަސް ވަނަ އެއްވަރުގެ އާމްދަނީއެއް ލިބިގެން ހޯދީ "ގްރޭސް އެނަޓޮމީ" ގެ ބަތަލާ އެލެން ޕޮމްޕިއޯ އާއި "ލޯ އެންޑް އޯޑާ" ގެ ތަރި މަރިޝްކާ ހާގިޓޭ އެވެ. އެ ދެ މީހުންގެ އާމްދަނީއަކީ 14.5 މިލިއަން ޑޮލަރެވެ.
ލިސްޓްގެ ހަ ވަނާގައި 13.5 މިލިއަން ޑޮލަރާ އެކު "ސްކެންޑަލް" ގެ ބަތަލާ ކެރީ ވޮޝިންޓަން އޮތް އިރު، ހަތް ވަނާގައި އޮތީ "ކާސްލް" ގެ ބަތަލާ ސްޓޭނާ ކެޓިކް އެވެ. އޭނާގެ އާމްދަނީއަކީ 12 މިލިއަން ޑޮލަރެވެ.
ޓީވީ ތަރިންގެ ތެރެއިން އެންމެ ބޮޑު އާމްދަނީ އެއް ލިބުނު ނުވަ ބަތަލާއަކަށް "ދަ ގުޑް ވައިފް" ގެ ބަތަލާ ޖޫލިއާނާ މާގްލީސް 10.5 މިލިއަން ޑޮލަރާ އެކު ހޯދި އިރު، 10 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކު ލިސްޓްގެ 10 ވަނާގައި އޮތީ އަނެއްކާ ވެސް "މޮޑަން ފެމިލީ" ގެ ބަތަލާއެކެވެ. އެއީ ޖޫލީ ބޮވެން އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy